ކުޅިވަރު

މިއަންނަ އަހަރު ރާއްޖެއިން 5 ގޭމްސްގައި ވާދަކުރަނީ - ތަމޫ


މިއަންނަ އަހަރު ރާއްޖެއިން 5 ގޭމްސްގައި ވާދަކުރަން ނިންމާފައިވާކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމެޓީން ބުނެފިއެވެ. ކޯވިޑް-19އާއި ގުޅިގެން މިދިޔަ އަހަރު ރާއްޖެއިން އެއްވެސް ގޭމްސްއެއްގައި ވާދަކޮށްފައެއް ނުވެއެވެ. މިދިޔަ ސަރުކާރުން ކޮމަންވެލްތުން ވަކިވެފައިވީނަމަވެސް، މިސަރުކާރުން ކޮލަންވެލްތާއި ބައިވެރިވެފައިވާތީ މިއަހަރު އެގޭމްސްގައިވެސް ރާއްޖެއިން ބައިވެރިވުމަށްވަނީ ނިންމާފައެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ ސެކެޓްރީ ޖެނެރަލް ތަމޫހް އަޙުމަދު ވިދާޅުވީ މިއަހަރަކީ ރާއްޖޭގެ ކުޅިވަރަށް ވަރަށް ބާރު ބޮޑު އަހަރެއްކަމަށާއި ގިނަ ކުޅިވަރުތަކަށް ގިނަ ފުރުސަތުތަކެއް ލިބިގެންދާނެކަމަށެވެ. ރާއްޖެއިން މިއަހަރު ބައިވެރިވާ ފަސް ގޭމްސްއަކީ ރަޝިޔާގައި ޖުލައި މަހުގެ 22 އިން 8 އޯގަސްޓަށް ކުރިއަށްދާ ޗިލްރަން އޮފް އޭޝިއަން ގޭމްސް، ޖުލައި 28 އިން އޯގަސްޓް 8 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާ ކޮމަންވެލްތް ގޭމްސްއެވެ. މިގޭމްސް ކުރިއަށްދާނީ ޔޫކޭގައެވެ. އޯގަސްޓް މަހުގެ 9 ކުން 18އަށް ތުރުކީގައި ކުރިއަށްދާ އިސްލާކިމް ސޮލިޑަރިޓީ ގޭމްސްއާއި ސެޕްޓެމްބަރ މަހުގެ 10 ކުން 25އަށް ޗައިނާގައި ކުރިއަށްދާ އޭޝިއަން ގޭމްސްގެ އިތުރުން ޑިސެންބަރު މަހުގެ 20އިން ފެށިގެން 28 ނިޔަލަށް ޗައިނާގައި ކުރިއަށްދާ އޭޝިއަން ޔޫތު ގޭމްސް ފާހަގަކޮށްލެވެއެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ ސެކެޓްރީ ޖެނެރަލް ތަމޫހް އަޙުމަދު ވިދާޅުވީ މިގޭމްސްތަކުގެ އިތުރުން އިންޑޯ މާޝަލް އާޓްސް ގޭމްސް އާއި އާޝިއަން ބީޗް ގޭމްސް މިހާރުވަނީ މިއަންނަ އަހަރަށް ފަސްކޮށްފަކަށެވެ. ޗިލްރެންސް އޮސް އޭޝިއަން ގޭމްސްގައި ރާއްޖެއިން ބައިވެރިނުވާތާ މިހާރު 4 އަހަރަށް ވުރެއް ގިނަ ދުވަސް ވަނީ ވެފައެވެ. އަދި މިއަންނަ އަހަރުގެ ގޭމްސްގައި ވާދަކުރުމަށް ރާއްޖެއަށް ވަނީ ދަޢުވަތު ލިބިފައެވެ. މިއީ އުމުރުން 16އަހަރުން ދަށުގެ ކުދިންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގޭމްސްއެކެވެ.


މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ ސެކެޓްރީ ޖެނެރަލް ތަމޫހް އަހުމަދު ވިދާޅުވީ މިއަހަރަކީ ރާއްޖޭގެ ކުޅިވަރަށް ވަރަށް ބާރު ބޮޑު އަހަރެއްކަމަށާއި ޚާއްސަކޮށް ގިނަ ގޭސްމްތަކެއް ކުރިމަތީގައި އޮތުމުން އެގޭމްސްތަކަށް ކުޅުންތެރިންނަށް ތަމްރީންގެ ފުރުސަތު ހޯދައިދިނުމަށް އެމްއޯސީއިން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންދާކަމަށެވެ.

"އެތްލީޓުން ދިގު މުއްދަތަށް ތަމްރީނު ކުރުމަށް ގައުމުތަކަށް ފޮނުވުމަށް އެމްއޯސީއިން މިދަނީ އެކި ފެޑެރޭޝަންތަކާއި އެސޯސިއޭޝަންތަކާއި ވާހަދަކައްކަމުން، އަދި ސްކޮލަޝިޕްގެ ފުރުސަތު ހޯދުމަށް ވެސް މަސައްކަތް ކުރަމުން. ވަކި ގޭމްސްއަކަށް ބަލައިގެން ކުރާކަމެއް ނޫން މިއީކީ. ނަމަވެސް 2023ވަނަ އަހަރުގެ ސައުތް އޭޝިއަން ގޭމްސް އާއި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަކީ ވަރަށް ބޮޑު ޓާގެޓެއް. އެހެންވީމަ 2023ވަނަ އަހަރުގެ ގޭމްސްތަކަށް ތައްޔާރުވުމަށް މިއަހަރުގެ ގޭމްސްތައް ވެސް ވަރަށް މުހިންމު. ރާއްޖޭގައި ކުޅިވަރު ވަސީލަތްތައް މަދު، ނަމަވެސް އެމްއޯސީއިން މިދަނީ ކުޅުންތެރިން ބޭރަށް ފޮނުވުމަށް މަސައްކަތް ކުރަމުން." ތަމޫހު ވިދާޅުވިއެވެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ ސެކެޓްރީ ޖެނެރަލް ތަމޫހް އަހުމަދު އިތުރަށް ވިދާޅުވީ މިއަހަރު ފެށުމުގެ ކުރިން އެމްއޯސީއިން ޔޫތު މިނިސްޓްރީއަށާއި އެސޯސިއޭޝަންތަކަށް މިއަހަރު އޮންނަ ގޭމްސްތަކުގެ މަޢުލުމާތުދީފައިވާކަމަށެވެ. މީގެ ސަބަބުން އެސޯސިއޭޝަންތަކަށްވެސް ގޭމްސްތަކުގައި ބައިވެރިވުމަށް ދުރާލާ ތައްޔާރުވުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ.