ޚަބަރު

ބަލައިލި ކޮންމެ ދިމާއަކުން، ޢުމަރު ޒާހިރުގެ ހަނދާންތައް!


ޤައުމީ ޚިދުމަތުގައި 50 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ނ.އ.އ.ވ ޢުމަރު ޒާހިރުގެ ހަނދާތަކަކީ ބަލައިލި ކޮންމެ ދިމަލަކުންވެސް އޮއްސުމެއްނެތި ފެންނަން ހުރި ހަނދާންތަކެކެވެ. އެމަނިކުފާނަކީ ދިވެހި ރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާއަށްވެސް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ޚިދުމަތްތެރިއެކެވެ.

އުމަރު ޒާހިރަކީ ޤައުމީ ބޮޑެތި މަސައްކަތްތައް ޢަމަލީގޮތުން ހިންގެވުމާއި އެމަސައްކަތްތައް ހިނގާނުހިނގާ ގޮތް ބެއްލެވުމާއި، އިޖުތިމާޢީ އަދި ޤައުމީ އެންމެހައި ކަންކަމުގައި ޙަރަކާތްތެރިވެ ވަޑައިގަތުމުގެ ލާމަސީލު ނަމޫނާ ޝަޚްޞިއްޔަތެކެވެ.

އެގޮތުން 1953އިން ފެށިގެން 2008އާ ހަމައަށް ސަރުކާރުގެ އެކި ފަންތީގެ 26 މަޤާމެއް ފުރުއްވާފައިވެއެވެ. އޭގެ ތެރެއިން ފާހަގަ ކޮއްލެވޭ ބައެއް މުހިންމު މަޤާމުތަކުގެ ތެރޭގައި ދާޚިލިއްޔާގެ މަޤާމުތަކާއި، އައްޑޫ ސިޓީ ގަމުގެ ލިއޭޒަން އޮފީހުގެ ވަޒީފާކަމާއި، މަޖީދިއްޔާ ސްކޫލުގެ ހެޑްމާސްޓަރުކަމާއި، މިނިސްޓަރ އޮފް އެޑިއުކޭޝަންގެ ނާއިބުގެ މަޤާމާއި، މިނިސްޓަރ އޮފް ހޯމް އެފެއާޒްގެ ނާއިބުކަމުގެ މަޤާމު ހިމެނެއެވެ.

މީގެ އިތުރުން އެމަނިކުފާނު އަދާކުރެއްވި ސަރުކާރުގެ އިސް މަޤާމުތަކުގެ ތެރޭގައި މާލޭ މުނިސިޕަލިޓީގެ ރައީސްކަމާއި، މިނިސްޓަރ އޮފް ހޯމް އެފެއާޒް އެންޑް ސޯޝަލް ސަރވިސަސް، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވޯކްސް އަދި ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ސީނިއަރ މިނިސްޓަރކަން ފާހަގަ ކޮށްލެވެއެވެ.

ބްރޯޑްކާސްޓްކުރުމުގެ ދާއިރާއަށް ވެސް އެމަނިކުފާނުގެ ޚިދުމަތް ވަނީ ހަދިޔާކުރައްވައިފައެވެ. މިގޮތުން 10 ޖަނަވަރީ 1973އިން 1 ޖުލައި 1974އަށް، ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގ ގެ ޑިރެކްޓަރ ގެ ޙައިޞިއްޔަތުން ޤައުމީ ރޭޑިޔޯ (މިހާރުގެ ދިވެހިރާއްޖޭގެ އަޑު) ގެ އެންމެ އިސް ވެރިޔާގެ ޒިންމާ އުފުއްލަވާފައިވެއެވެ. ނ.އ.އ.ވ. އުމަރު ޒާހިރު ޕީއެސްއެމްގެ ރޭޑިއޯ އަދި ޓެލެވިޝަން ޗެނަލްތަކުގެ އެކި ޕްރޮގްރާމްތަކަށް އިންޓަރވިއު ދެއްވައި އެމަނިކުފާނުގެ ތަޖުރިބާގެ އިތުރުން އެކި ދާއިރާތަކުން އަގުހުރި މައުލޫމާތު ވަނީ ދިވެހި ރައްޔިތުންނާ ހިއްސާކުރައްވާފައެވެ.

އަދި އިއްތިފާޤުން ޢުމަރު ޒާހިރު މީޑިޔާއަށް ދެއްވި އެއްމެ ފަހު އިންޓަރވިއުއަކަށް ވެގެންދިޔައީ 4 ނޮވެމްބަރުގައި ދިވެހިރާއްޖޭގެ އަޑުން ބްރޯޑްކާސްޓް ކުރައްވާފައިވާ "ރަންދެލިން" ސިލްސިލާގެ 03 ވަނަ ޕްރޮގްރާމެވެ.

އެމަނިކުފާނު ދިވެހި ދައުލަތަށް ކޮށްދެއްވި ޚިދުމަތުގެ އަގުވަޒަންކޮށް، 2008 ވަނައަހަރު ނިޝާން ޢިއްޒުއްދީން ޢިއްޒަތުގެ ވެރިކަމުގެ ލަޤަބުވެސް ވަނީ ލިބިވަޑައިގަންނަވާފައެވެ. މަރުޚުމަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާ އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ.