ޚަބަރު

ފޯރިގަދަ ގިނަ ޙަރަކާތްތަކާއެކު ބައިނަލްއަޤްވާމީ ކުޑަކުދިންގެ ދުވަސް އައްޑޫގައި


ބައިނަލްއަޤްވާމީ ކުޑަކުދިންގެ ދުވަސް އައްޑޫގައި ކުލަގަދަކޮށް ފާހަގަ ކުރުމުގެގޮތުން ކުރިއަށްގެންދާ ޙަރަކާތްތައް ހުޅުމީދޫން ފަށައިފިއެވެ.

އައްޑޫގައި ކުޑަކުދިންގެ ދުވަސް ފާހަގަ ކުރަނީ ފުލުހުންނާއި، މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ޔުނިސެފާއެކު އައްޑޫގެ އެކި މުއައްސަސާތައް ގުޅިގެންނެވެ. މައިގަނޑު 3 ސަރަޙައްދެއްގައި މިދުވަސް ފާހަގަ ކުރުމަށް އެކި ޙަރަކާތްތައް ކުރިއަށްދާނެއެވެ. އެންމެ ފުރަތަމަ ޙަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ ހުޅުމީދޫގައެވެ. މިމަހުގެ 18ވަނަ ދުވަހު ހުޅުމީދޫގެ ޙަރަކާތްތައް ފަށާފައިވަނީ ކުރެހުމު މައުރަޒަކުންނެވެ.

ކުރެހުމުގެ މައުރަޒު ފުރަތަމަ ހުޅުވާފައިވަނީ ސ.އަތޮޅު މަދުރާސާގައެވެ. މައުރަޒަށް ކަންކޮޅުތަކުން ގެނައި 3000 އަށްވުރެ ގިނަ ކުރެހުން ވަނީ ދައްކާލާފައެވެ. މިމައުރަޒުގެ އިތުރުން 19ވަނަ ދުވަހު، ކުޑަކުދިން ރައްކާތެރި ކުރުމާ ގުޅޭގޮތުން ހަރުކުރާ ބިލްބޯޑުތައް ވަނީ އިފްތިތާޙުކޮށްފައެވެ.

އައްޑޫގައި ކުރިއަށް ގެންދާ ޙަރަކާތްތަކުގައި ކުޑަކުދިން ވަރަށްބޮޑަށް ބައިވެރި ކުރުމަށްވަނީ ނިންމާފައެވެ. އެގޮތުން، މައިގަނޑު ޙަރަކާތްތަކުގެ އިތުރަށް އައްޑޫގެ ހުރިހާ ސްކޫލެއްގެ ކުދިންނާއި ބެލެނެވިރިންނަށް ހޭލުންތެރިކުރުވުމުގެ ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހާމަ ކުރައްވާފައެވެ. މި ހޭލުންތެރިކަމުގެ ސެޝަންތަކުގައި ކުޑަކުދިންނަށް ރައްކާތެރިކަން ދިނުމާގުޅޭ ތަފާތު މަޢުލޫމާތު ދެވިގެންދާނެއެވެ.

މީގެ އިތުރުން އެންމެގިނަ ޢަދަދެއްގެ ކުޑަކުދިން ބައިވެރިކޮށްގެން އެންމެ ފޯރިއާއި އެކު ކުރިއަށް ގެންދިޔައީ ކުޑަކުދިންގެ ކަލަރ ރަންއެވެ. މި ޙަރަކާތުގައި ބައިވެރިވި ހުރިހާ ކުދިންނަށް މެޑަލް ދީފައިވެއެވެ. މިއީ ހުޅުމީދޫގައި މިފަދަ ގޮތަކަށް ބޭއްވި ފުރަތަމަ ހަރަކާތްކަމަށް މިކަން އިންތިޒާމުކުރާ ފަރާތްތަކުން މަޢުލޫމާތުދެއެވެ.

އައްޑޫގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ޙަރަކާތްތަކުގައި ހުޅުމީދޫގެ އިތުރުން ދެން ކުރިއަށްގެންދާނީ ހިތަދުއާއި ފޭދޫގައެވެ. މިއީ އައްޑޫގައި ގިނަ ދުވަސްތަކެއް ފަހުން އެންމެ ގިނަ ބަޔަކު ބައިވެރިވެގެން ބާއްވާ އެންމެ ބޮޑު ހަރަކާތެވެ.