ވިޔަފާރި

އަހަރު ދުވަސް ނުވަނީސް ބޯޑަރ މައިލްސް ޕްރޮގްރާމުގައި އެއްލައްކަ މެންބަރުން


މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގްރާމް އިފްތިތާޙުކުރިތާ އަހަރު ދުވަސް ނުވަނީސް އެއްލައްކަ މީހުން ބައިވެރިވެފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކުރައްވައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަންގެ ދަށުން ކުރިއަށް ގެންދާ މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގްރާމުން ކޮށްފއިވާ ޓްވީޓެއްގައި ވަނީ ދުނިޔޭގެ ފުރަތަމަ ޑެސްޓިނޭޝަން ލޯޔަލްޓީ ޕްރޮގްރާމް ކަމަށްވާ ބޯޑަރ މައިލްސް ޕްރޮގްރާމުގައި މިހާތަނަށް ލައްކައެއްހައި މީހުން ބައިވެރިފައިވާ ކަމަށެވެ. އަދި މިއީ މިއަހަރަށް ކަނޑައެޅި ލަނޑުދަނޑިއަށްވުރެ އެތައްގުނައެއް އިތުރު ޢަދަދެއްކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.

މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގްރާމަކީ ކޯވިޑް-19ގެ ބަލިމަޑުކަމާއެކު ދިވެހިރާއްޖޭގެ ބޯޑަރު ބަންދުކުރުމާގުޅިގެން، ފަތުރުވެރިން ރާއްޖެއައުން ހުއްޓި، ޤައުމުގެ އިޤްތިޞާދަށްއައި ހީނަރުކަމުން އަރައިގަނެ، ރާއްޖޭގެ ފަތުރުވެރިކަން އާ ހަރުފަތަކަށް ގެންގޮސް، އިތުރަށް ކުރިއެރުވުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަންގެ އިސްނަގައިގެން ތައާރަފްކޮށްފައިވާ ޕްރޮގްރާމެކެވެ. މިއީ ދުނިޔޭގައިވެސް މިފަދަ ޕްރޮގްރާމެއް ފެށި ފުރަތަމަ ފަހަރެވެ. މި ޕްރޮގްރާމް ރަސްމީކޮށް އިފްތިތާޙްކޮށްފައިވަނީ މިއަހަރު ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ.

މި ޕްރޮގްރާމުގެ ބައިވެރިންނަށް ލިބޭ ޚާއްސަ ފައިދާތައް ބެހިގެންވަނީ 3 ދަރަޖައަކަށެވެ. ބްރޮންޒްއަށް ދީފައިވާ ނަމަކީ "އައިދަ"އެވެ. ސިލްވަރއަށް "އަންތަރަ" ކިޔާއިރު ގޯލްޑަށް ކިޔަނީ "އަބާރަނަ"އެވެ. މިއިން ކޮންމެ ދަރަޖައަކަށް ލިބޭ އިނާޔަތްތައްވެސް ތަފާތެވެ.

ބޯޑަރ މައިލްސްއަށް ފަތުރުވެރިން ޝައުޤުވެރިކުރުވުމަށްޓަކައި މޯލްޑިވްސް އިމިޤްރޭޝަނުން އަންނަނީ ޚާއްސަ އޮފަރތައް ތަޢާރަފްކުރަމުންނެވެ. އެގޮތުން ބޯޑަރ މައިލްސްގެ އެންމެ މަތީ ޖަރަޖައަށް ވާސިލްވުމުން މާމަހި އެގްޒެކިއުޓިވް ލައުންޖުން ވީއައިޕީގެ ޚިދުމަތް ހިލޭ ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

މި ޕްރޮގްރާމުގައި މިހާތަނަށް 26 ޕާޓްނަރުން ބައިވެރިވެފައިވާކަމަށް އިމިގްރޭޝަނުން މިދިޔަމަހު ވަނީ ހާމަކުރައްވާފައެވެ. މީގެ އިތުރުން ދުނިޔޭގެ އެންމެބޮޑު ޓްރެވެލް ޕްލެޓްފޯމް ކަމަށްވާ އަގޯޑާއާއެކު އެސޯސިއޭޓް ޕާޓްނާޝިޕެއްގައި ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން މި ޕްރޮގްރާމް ތަރައްޤީކުރުމަށް ފަންނީ އެހީތެރިކަން އެކުންފުނިން ފޯރުކޮށްދޭނެއެވެ. އަދި އަގޯޑާ މެދުވެރިކޮށް ބުކިންހަދާ ފަރާތްތަކަށް ބޯޑަރ މައިލްސް ޕްރޮގްރާމުގައި ޕޮއިންޓް ހޯދުމުގެ ފުރުސަތުވެސް އޮންނާނެއެވެ.