ކުޅިވަރު

ސެންޓަރަލް ޒޯންގައި ވާދަކުރަން އަންހެނުންގެ ގައުމީ ޓީމް ބަންގްލަދޭޝްއަށް ފުރައިފި


ސެންޓްރަލް ޒޯން ވޮލީ މުބާރާތުގައި ވާދަކުރުމަށް އަންހެނުންގެ ގައުމީ ވޮލީ ޓީމް ބަންގްލަދޭޝްއަށް ފުރައިފިއެވެ. މިއަދު ހެދުނު އަންހެނުންގެ ޓީމް ފުރާފައިވާއިރު، މިމުބާރާތަށް ތައްޔާރުވުމަށް ގައުމީ ފިރިހެން ވޮލީ ޓީމު ވަނީ މާލޭގައި އެކުވެރިކަމުގެ 6 މެޗް ކުޅެފައެވެ. ފުރަތަމަ ތިން މެޗް ކުޅެފައިވަނީ އަވަށްޓެރި ސްރީލަންކާއާއި ދެކޮޅަށެވެ. މިތިން މެޗްވެސް ލަންކާއިން ގެންދިޔައީ ސީދާ ތިން ސެޓުންނެވެ. މިތިން މެޗުންވެސް ރާއްޖެއަށް ކުރިއެރުންތަކެއް އައިސްފައިވާކަމަށް ރާއްޖޭގެ ކޯޗު މުޙައްމަދު ސާޖީދުވަނީ ފާހަގަކޮށްފައެވެ.

މީގެ ފަހުން މިއަންނަ ބުރާސްފަތި ދުވަހު ފެށުމަށް ހަމަޖެހިފައިވާ ސެންޓްރަލް ޒޯން ވޮލީ މުބާރާތަށް ތައްޔާރުވުމަށް ގައުމީ ޓީމްވަނީ އިންޑިޔާގެ ހައިދަރުއާބާދު ސްޕައިކާރސްއާއި ދެކޮޅަށްވެސް އެކުވެރިކަމުގެ ތިން މެޗް ކުޅެފައެވެ. މިތިން މެޗްވެސް ކާމިޔާބުކޮށްފައިވަނީ ރާއްޖެއިންނެވެ. ފުރަތަމަ މެޗްގައި ހައިދަރުއާބާދު ޓީމުން މެޗްގެ ފުރަތަމަ ސެޓް ގެންދިޔަނަމަވެސް، ރާއްޖެއިންވަނީ ފަހަތުންއަރައި ޖެހިގެންއައި ތިން ސެޓްވެސް ކާމިޔާބުކޮށްފައެވެ. ދެވަނަ މެޗް ރާއްޖެއިން ކާމިޔާބުކޮށްފައިވަނީ 3 ސެޓް 1 ސެޓުންނެވެ. ސެންޓްރަލް ޒޯން ވޮލީ މުބާރާތަށް ތައްޔާރުވުމަށް ގައުމީ ފިރިހެން ވޮލީ ޓީމް ކުޅުނު ފަހު މެޗް ރާއްޖޭގެ ޓީމުން ކާމިޔާބުކުރީ ސީދާ 3 ސެޓުންނެވެ.

މެޗްތަކަށްފަހު ގައުމީ ކޯޗް މުހައްމަދު ސާޖިދު ބުނެފައިވަނީ ރާއްޖެއިން މެޗަކަށްފަހު މެޗެއް ރަގަނޅު ކުރަމުންގޮސް، ޓީމް މިހާރު ރަގަނޅު ފޯމަކަށް އެޅިފައިވާކަމަށެވެ. ޚާއްސަކޮށް، ޓީމުގެ ކުޅުންތެރިންނަށް މިހާރު އިތުބާރު ލިބިފައިވާކަމަށެވެ. ކޯވިޑް-19އާއި ގުޅިގެން ފާއިތުވެގެންދިޔަ ދެ އަހަރު ރާއްޖޭގެ ޓީމުން ވާދަވެރި މެޗެއް ކުޅެފައެއް ނުވެއެވެ. ގައުމީ އަންހެން ޓީމް މިމުބާރާތަށް ގޮސްފައިވަނީ މާލޭގައި ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށްފަހުއެވެ.

މިމުބާރާތުގެ ފިރިހެންބައިގައި ރާއްޖެ ނިކުންނާނީ ފުރަތަމަ މެޗްގައި ބަންގްލަދޭޝާއި ދެކޮޅަށެވެ. ދެވަނަ މެޗްގައި ރާއްޖެއިން ވާދަކުރާނީ ލަންކާއާއި ދެކޮޅަށެވެ. އަދި ތިންވަނަ މެޗްގައި ރާއްޖެ ނިކުންނާނީ ނޭޕާލާއި ދެކޮޅަށެވެ. އަދި ރާއްޖެއިން ކުޅޭ ފަހު މެޗްގައި ނިކުންނާނީ އުޒަބަކިސްތާނާއި ދެކޮޅަށެވެ.