ޚަބަރު

މާޒިޔާއިން ޕްރެޒިޑެންޓްސް ކަޕްގައި ސަސްގެ މައްޗަށް ކުރި ހޯދައިފި


ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގައި ގައުމީ ކެޕްޓަން އަކުރަމް އަބްދުލް ޣަނީގެ ގޯލުން މާޒިޔާއިން އެޓީމު ކުޅުނު ފުރަތަމަ މެޗް ކާމިޔާބުކޮށްފިއެވެ. ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގައި މާޒިޔާއިން އެޓީމް ކުޅުނު ފުރަތަމަ މެޗް ކާމިޔާބުކޮށްފައިވަނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) 2 ލަނޑު 0 ލަނޑުން ބަލިކޮށްގެންނެވެ. މިއީ ގައުމީ ކެޕްޓަން އަކްރަމް މާޒިޔާއަށް ކުޅޭ ދެވަނަ ސީޒަންއެވެ.

މިމެޗަށް މާޒިޔާއިން ނިކުމެފައިވަނީ ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗް ކުލަބް ވެލެންސިޔާއާއި ވާދަކޮށް، ކާމިޔާބުކުރުމަށްފަހުއެވެ. މިމެޗް މާޒިޔާއިން ކާމިޔާބުކޮށްފައިވަނީ 5 ލަނޑު 0 ލަނޑުންނެވެ. މިމެޗަކީ ފުރަތަމަ ޑިވިޝަންގައި އަލަށް ވާދަކުރަން ފަށާފައިވާ ސަސްއިން ޕްރެޒިޑެންޓްސް ކަޕްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. ގައުމީ ޓީމްގެ ގިނަ ކުޅުންތެރިން ހިމެނޭ މާޒިޔާއާއި ދެކޮޅަށް ސަސްއިން ކުޅެން ނިކުމެފައިވަނީ ވަރަށް ބޮޑަށް ޑިފެންސަށް ވިސްނައިގެންނެވެ. މެޗްގެ ފުރަތަމަ ހަމަލާ އުފެއްދީ މާޒިޔާއިންނެވެ. އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް ފޮނުވާލި ބޯޅަ ދިޔައީ ގޯލާއި ސިދާނުވެ ބޭރަށެވެ. އަދި ސަސްގެ ކީޕަރު މުހައްމަދު ޝާފިއުވަނީ މާޒިޔާގެ ބައެއް ހަމަލާތައް ދިފާޢުކޮށްފައެވެ.

މެޗްގައި މާޒިޔާއިން ލީޑް ނެގީ މެޗްގެ 28ވަނަ މިނެޓްގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ސަމޫހު އަލީއެވެ. އަދި ލީޑް ފުޅާކުރުމަށް މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲއަށް ލިބުނު ފުރުސަތުގެ ބޭނުން އޭނާއަށް ނުހިފުނުއިރު، ސަސްއިން އެޓީމަށް ލިބުނު މަދު ފުރުސަތުގައި މާޒިޔާގެ ގޯލަށް ނުރައްކާކުރިއެވެ. އެގޮތުން ސަސްގެ އިބްރާހިމް އަތީގް އާއި ޔަސްފާދު ހަބީބަށް ލިބުނު ފުރުސަތުގެ ބޭނުން އެންމެ އެކަށީގެންވާ ގޮތުގައި ނުހިފުނެވެ. މާޒިޔާގެ ވަރުގަދަ ސްކޮޑާއި ދެކޮޅަށް ސަސްއިން ވަރަށް ވިސްނައިގެން ކުޅެމުންދިއުމުގެ ނަތީޖާއެއްގެ ގޮތުން މާޒިޔާއަށް އިތުރު ގޯލެއް ޖެހިޔަނުދީ ގިނަ ވަގުތު އެޓީމުން ހިފެހެއްޓިއެވެ. ނަމަވެސް މެޗް ނިމެން ދެ މިނެޓަށްވެފައިވަނިކޮށް ގައުމީ ކެޕްޓަން އަކްރަމް ޢަބްދު ޣަނީވަނީ މާޒިޔާއަށް އިތުރު ގޯލެއް ޖަހާ ލީޑް ފުޅާކޮށްދީފައެވެ. މިލަނޑު އަކްރަމް ކާމިޔާބުކޮށްދިނީ މެޗްގެ 88ވަނަ މިނެޓްގައެވެ.

މިމެޗް ފެށުމުގެ ކުރިން މާޒިޔާއަށް ވަނީ މިދިޔަ ސީޒަނުގެ ލީގު ޗެމްޕިއަންގެ ޝީލްޑް ހަވާލުކޮށްފައެވެ. މާޒިޔާއާ ޝީލްޑް ހަވާލުކޮށްދެއްވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްއެވެ. މީގެ އިތުރުން މެޗު ފެށުމުގެ ކުރިން ވަނީ މިއަދު އަވަހާރަވި ނިޝާން ޢިއްޒުދީންގެ ޢިއްޒަތުގެ ވެރިޔާ އުމަރު ޒާހިރުގެ ހަނދާނުގައި ސުކޫތެއް ގެނެސްފައެވެ. އަދި އުމަރު ޒާހިރު ކުޅިވަރަށް ކޮށްދެއްވި ޚިދުމަތުގެ އަގުވަޒަންކޮށް އެކަން ދަނޑުގައި އިއުލާނުކުރިއެވެ.