ޚަބަރު

ޢަރަބިއްޔާ ސްކޫލްގެ އައު ޢިމާރާތެއް ބައު ޖަމާލުއްދީންގެ ބިމުގައި އަޅަން ސަރުކާރުން ނިންމައިފި


އަލްމަދުރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއަށް ދިމާވެފައިވާ ޖާގައިގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދުނުމުގެ ގޮތުން ބާޖަމާލުއްދީނުގެ ބިމުގައި ޖާގަ ތަނަވަސް އައު ޢިމާރާތެއް ހަދަން ސަރުކާރުން ނިންމަވައިފިއެވެ.

މިގޮތަށް ނިންމެވިކަން ރައީސް ޢިއުލާންކުރެއްވީ ޢަރަބިއްޔާގެ ޕީ.ޓީ.އޭ.ގެ ބޭފުޅުންނާއި ބައްދަލުކުރައްވައި އެބޭފުޅުންގެ ކަންބޮޑުވުންތައް އަޑުއައްސަވުމަށް ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނުވަނީ އެ ސުކޫލަށް ދިމާވެފައިވާ ޖާގައިގެ މައްސަލައިގެ ދާއިމީ ޙައްލަކަށް ސަރުކާރުން ނިންމަވާފައިވަނީ މިހާރުގެ ބާޖަމާލުއްދީން ހުރި ގޯތި ތެރޭގައި ޖާގައިގެ ގޮތުން މިހާރަށްވުރެ ތަނަވަސް އައު ޢިމާރާތެއް އެޅުން ކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ޢަރަބިއްޔާގެ ޕީ.ޓީ.އޭ.ގެ މެންބަރުންވަނީ މިހާރު އެސްކޫލްހިންގާ އިމާރާތުގައި ހުރި ދަތިތައް ވަރަށް ތަފްޞީލުކޮށް ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވާފައެވެ. އަދި ޢިމާރާތުގެ މައްސަލަތަކެއް ހުރުމުން އެޑިއުކޭޝަން މިނިސްޓްރީން ވަގުތީ ގޮތުން ދެއްވި ޙައްލުތަކާމެދު ހުރި ކަންބޮޑުވުންތައްވެސް މި ބައްދަލުވުމުގައި ޕީ.ޓީ.އޭ.ގެ މެންބަރުންވަނީ ޙިއްޞާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ޢަރަބިއްޔާގެ ޕީ.ޓީ.އޭ.ގެ މެންބަރުންވަނީ އެ ބޭފުޅުން މި މައްސަލައިގައި ޙައްލު ހޯދަން ބޭނުންވާ ގޮތްތައް ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ އަލް މަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ޕީ.ޓީ.އޭ.ގެ މެންބަރުން ހުށަހެޅުއްވި އިތުރު ކަންކަން ބައްލަވައި އެކަންކަމަށް ވެސް ޙައްލެއް ހޯދައިދެއްވުމަށް މިނިސްޓަރ އޮފް އެޑިޔުކޭޝަނާ މަޝްވަރާކުރައްވާނެކަމުގައި ވިދާޅުވެފައެވެ.