ޚަބަރު

ޝައިޚް ހަސީނާ ރައްޔިތުންގެ މަޖިލީހުގައި ތަޤުރީރުކުރެއްވުމަށް ރުހުންދީފި


ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ، ބުރާސްފަތި ދުވަހު ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ތަޤުރީރުކުރެއްވުމަށް ދަޢުވަތުއެރުވުމަށް މަޖިލީހުން ފާސްކޮށްފިއެވެ.

މިގޮތަށް ފާސްވީ، ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެއަށް ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިފައިވާ ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ ރައްޔިތުންގެ މަޖިލީހަށް ޒިޔާރަތްކުރައްވައި ރައްޔިތުންގެ މަޖިލީހުގައި ތަޤުރީރުކުރެއްވުމަށް ދަޢުވަތު އެރުވުމާގުޅޭގޮތުން މަޖިލީހުގެ ދައުރުން ބޭރުން މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައެވެ.

މިއަދުގެ ޖަލްސާގައި ޝައިޚް ހަސީނާ، ރައްޔިތުންގެ މަޖިލީހުގައި ތަޤުރީރުކުރެއްވުމަށް ދަޢުވަތުއެރުވުމަށް ފާސްވީ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 44 މެންބަރުންގެ ޢިއްތިފާގުންނެވެ.

މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދުވަނީ ބަންގްލަދޭޝަކީ ރާއްޖެއަށް އެކިގޮތްގޮތުން އެހީތެރިވެދޭ އަވަށްޓެރި އެއް ޤައުމުކަމަށާއި، ބަންގްލަދޭޝަކީ އެކި ރޮނގުރޮގުން ކުރިއައަރަމުން އަންނަ ޤައުމެއްކަމަށް ވިދާޅުވެފައެވެ. އަދި މޫސުމައް އަންނަ ބަދަލުތަކާއި، ޓެރަރިޒަމް ފަދަ ބޮޑެތި މައްސަލަތަކުގައި ބަންގްލަދޭޝްއިން އަޑުއުފުލަމުން ގެންދާއިރު، އެޤައުމުގެ އެންމެ އިސްވެރިޔާ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި މަޖިލީހުގައި ތަޤްރީރުކުރެއްވުން ވެގެންދާނީ ނުހަނު މުހިންމު ކަމެއްކަމުގައި މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި ސިޔާސީ ބައެއް ޕާޓީތަކުން ބައިވެރިނުވިނަމަވެސް ބުރާސްފަތި ދުވަހު ޖަލްސާ ބޭއްވުމާމެދު އެބޭފުޅުން އިއުތިޒާޒް ނުކުރައްވާކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ. ޝައިޚް ޙަސީނާ ތަޤުރީރުކުރައްވާ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުގެ ހަވީރު 4ޖަހާއިރުގައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށް ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 22 އިން 23 އަށެވެ.

‎ކަމަނާގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައި ރަސްމީ ވާހަކަފުޅުތައް ބޭއްވެވުމަށް ވަނީ ހަމަޖެހިފައެވެ. މި ވާހަކަފުޅުތަކުގައި، ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހި ކުރެއްވުމާއި ބެހޭގޮތުން މަޝްވަރާކުރައްވާނެއެވެ. އަދި ދެ ޤައުމުގެ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ގޮތުން ފަހުމުނާމާތަކެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ ކުރިންވެސް ރާއްޖެއަށް ރަސްމީ ދަތުރުފުޅުތަކުގައި ވަޑައިގެންނެވި ބޭރުގެ އިސް ބައެެއް ބޭފުޅުންވަނީ ރައްޔިތުންގެ މަޖިލީހުގައި ތަޤުރީރުކުރައްވާފައެވެ.