ވިޔަފާރި

ރާއްޖެ އިސްތިހާރު ކުރުމަށް ސީއެންއެންއިން ތައްޔާރުކުރި ޕްރޮގްރާމް ދައްކައިފި


އެމްއެމްޕީއާރްސީއާއި ސީއެންއެން ގުޅިގެން ގެނެސްދިން ރީކަނެކްޓް ވިތް މޯލްޑިވްސް ޕްރޮގްރާމް 2 ދުވަހެއްގެ މަތިން ހަ ސަރަހައްދެއްގައި ދައްކައިފިއެވެ.

ސީއެންއެން އާއި އެމްއެމްޕީއާރްސީ ގުޅިގެން ގެނެސްދިން ބައިގަޑިއިރުގެ މި ޕްރޮގްރާމު ދައްކާފައިވަނީ މިމަހުގެ 11 އަދި 12ވަނަ ދުވަހުއެވެ. އެގޮތުން މިއިން ކޮންމެ ދުވަހަކު 2 ފަހަރު މި ޕްރޮގްރާމް ދައްކާފައިއެވެ. މި ޕްރޮގްރާމް ސީއެންއެންގެ ހަ ސަރަހައްދަކަށް ދޫކޮށްފައިވާ ފީޑުތަކުން ދެއްކިއެވެ. އެއީ ޔޫރަޕާއި، މެދު އިރުމަތި އަދި އެފްރިކާ ސަރަހައްދާއި، އޭޝިއާ ޕެސިފިކް ސަރަހައްދާއި ދެކުނު އޭޝިއާ ސަރަހައްދާއި، އުތުރު އެމެރިކާ އަދި ލެޓިން އެމެރިކާ ސަރަހައްދުގައެވެ.

މިއީ އެމްއެމްޕީއާރްސީއާއި ސީއެންއެން ގުޅިގެން މިދިޔަ ސެޕްމްބަރު މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް ކުރިއަށް ގެންދާ ގްލޯބަލް ކެމްޕެއިން ދަށުން ތައްޔާރުކޮށް ގެނެސްދިން ޕްރޮގްރާމެކެވެ. މި ކެމްޕެއިންގެ ތެރެއިން ސީއެންއެންގެ ޑިޖިޓަލް ޕްލެޓްފޯމް ތަކުގައި ބެނަރ ތަކާއި އިސްތިހާރުތައް ބޭނުން ކޮށްގެން ރާއްޖެ އިސްތިހާރު ކުރާނެއެވެ. މި ކެމްޕެއިންގެ ތެރެއިން، ރާއްޖޭގެ ފަތުރުވެރިކަމުގެ ރައްކާތެރިކަން ވަރަށް ބޮޑަށް ގެނެވޭނެއެވެ. އަދި ފަތުރުވެރިންގެ ރައްކާތެރިކަމަށް އެޅިފައިވާ ފިޔަވަޅުތައް މި ކެމްޕެއިން ތެރެއިން ކިޔައިދީ ފަތުރުވެރިކަމުގެ ޕްރޮޑަކްޓުތައް ވަރަށް ބޮޑަށް އިސްތިހާރު ކުރާނެއެވެ.

ސީއެންއެންއިން ތައްޔާރުކޮށް ގެނެސްދިން ރީކަނެކްޓް ވިތް މޯލްޑިވްސް ޕްރޮގްރާމުގައި، ބ.އަތޮޅު ޔުނެސްކޯ ބަޔޮސްފެއާގައި ފަތުރުވެރިންނަށް ކުރެވިދާނެ ކަންކަން ވަނީ ދައްކުވައިދީފައެވެ. މީގެ އިތުރުން ރަށްރަށުގެ ދިރިއުޅުމާއި، ކާބޯތަކެތި އަދި ތަފާތު ސަޤާފީ ހަރަކާތްތަކެއް ވަނީ ޕްރޮގްރާމުގެ ތެރެއިން ގެނެސްދީފައެވެ. މި ޕްރޮގްރާމުގައި ރާއްޖޭގެ ފުރަތަމަ އަންހެން ޕަޑީ ޑައިވް އިންސްޓްރަކްޓަރުގެ މަސައްކަތާއި، އަންހެން ބޮޑުބެރު ގްރޫޕެއްކަމަށްވާ ފަތްމިނި ބޮޑު ގްރޫޕުގެ ޙަރަކާތްތައް ވަނީ ދައްކުވާފައެވެ. މިއާއެކު މަންތާ ޓްރަސްޓު އަދި ރީފް ސްކޭޕަސްގެ މަސައްކަތުގެ އިތުރުން، ރާއްޖޭގެ ކެއްކުންތެރިއެއްގެ މަސައްކަތް ވެސް ވަނީ ދައްކާފައެވެ.

އެމްއެމްޕީއާރްސީން ރާއްޖެ އިސްތިހާރުކުރުމަށް ތަފާތު ގިނަ މަސައްކަތް ކުރަމުންދެއެވެ. އެގޮތުން ބޭރުގެ މީޑިއާތަކާ ގުޅިގެން މިފަދަ ތަފާތު ކެމްޕެއިންތައް ކުރިއަށް ގެންދާއިރު، މީޑީއާ ޓީމްތައް ރާއްޖެ ގެނެސް ރާއްޖޭގެ ތަފާތު މަންޒަރުތައް ބޭރުގެ ފަތުރުވެރިންނާއި ހަމައަށް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތައް ކުރެއެވެ. އެކުންފުނީގެ މި ބުރަ މަސައްކަތާއި އެކު 2020 އަދި 2021 ވަނަ އަހަރުގެ ދުނިޔޭގެ އެންމެ މަޤްބޫލު ފަތުރުވެރިކަމުގެ މަންޒިލަށް ރާއްޖެ ވަނީ ވެފައެވެ.