ކުޅިވަރު

ކިންގް އޮފް ފުޓްސަލް ލިބުނީ ޓީމް ކުރި މަސައްކަތުން: މައިޝާން


ކުލަބް މޯލްޑިވްސްގެ ކިންގް އޮފް ފުޓްސަލްގެ މަގާމު ލިބުނީ އަމިއްލަ މަސައްކަތަށް ވުރެއް ބޮޑަށް ޓީމެއްގެ ގޮތުގައި ކުރި މަސައްކަތުންކަމަށް ޗެންޕިއަން އާރްއާރްސީގެ ކެޕްޓަން އިބްރާހިމް މައިޝާން ބުނެފިއެވެ. ކުލަބް މޯލްޑިވްސްގެ ކަޕްގެ ޗެންޕިއަންކަން އާރްއާރްސީއިން ހޯދާފައިވަނީ ފައިނަލްގައި އެފްއެސްއެމް 4 ލަނޑު 0 ލަނޑުން ބަލިކޮށްގެންނެވެ. މެޗުގައި އެފްއެސްއެމަށް މާ ރަގަނޅު ކުޅުމެއ ދެއްކިފައިނުވާއިރު، ފައިނަލް މެޗްގެ ދެވަނަ ހާފްގައި ޗެންޕިއަންކަން ހޯދި އާރްއާރްސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ.

ފައިނަލް މެޗަށްފަހު ވާހަކަދައްކަމުން ކެޕްޓަން އިބްރާހީމް މައިޝާންބުނީ މިއަހަރުގެ މުބާރާތުގެ ޗެންޕިއަންކަމުގެ އިތުރުން ކިންގް އޮފް ފުޓްސަލްގެ މަގާމް އޭނާއަށް ލިބުނީ އަމިއްލައަށް ކުރި މަސައްކަތުން ނޫންކަމަށާއި މިއީ ޓީމެއްގެ ގޮތުގައި ކުޅުމުގެ ސަބަބުން ލިބުނު މަގާމެއްކަމަށެވެ. އަމިއްލައަށް ވަނައެއް ހޯދުމުގެ ބަދަލުގައި ވިސްނީ އަބަދުވެސް ޓީމަށް އެންމެ ފައިދާ ހުރި ގޮތަކަށް ކުޅެންކަމަށްވެސް މައިޝާން ބުންޏެވެ. މިފަހަރުގެ މުބާރާތުގައި އާރްއާރްސީ ވަރުގަދަ ގުރޫޕެއްގައި ލައްވާލާފައިވާއިރު، އެޓީމުންވަނީ ނޮކްއައުޓް ބުރުގައި ދިރާގު، އެމްޕީއެލް އަދި ފެނަކަ ބަލިކުރިއިރު، މިފަހަރުގެ މުބާރާތުގެ ތަށްޓާއި އެންމެ ވާދަކުރާނެކަމަށް ގިނަ ބަޔަކު ގަބޫލްކުރި ވެމްކޯ އާއި އެޗްޑީސީ ކަޓުވާލާފައެވެ. މިމުބާރާތުގައި އާރްއާރްސީ ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ. އެއީ ގުރޫޕް ސްޓޭޖްގައި އެޗްޑީސީ އަތުންނެވެ.

މައިޝާން ބުނީ ވަރުގަދަ ގުރޫޕެއްގައި ލައްވާލިކަމުގައި ވީނަމަވެސް، އެއްވެސް ވަރަކަށް އުއްމީދު ދޫކޮށް ނުލާކަމަށާއި، ޚާއްސަކޮށް ޓީމުގެ ކުޅުންތެރިންގެ ހިތްވަރު ފެނިފައި މިފަހަރުގެ މުބާރާތް ކާމިޔާބުކުރެވޭނެކަމުގެ ޔަގީންކަން ވަރަށް ބޮޑަށް އޮތްކަމަށެވެ. އަދި ފައިނަލް މެޗަށް ނިކުތީ ޗެންޕިއަންކަން ހޯދުމުގެ ވަރަށް ބޮޑު އަޒުމެއްގައިކަމަށްވެސް މައިޝާން ބުންޏެވެ.

"ފައިނަލް މެޗަށް ނިކުތްއިރު، އެއްވެސް ވަރަކަށް ޖެހިލުމެއްނުވޭ. ޓީމާމެދު ވަރަށް ބޮޑަށް އިތުބާރު ކުރަން. ފައިނަލް މެޗަކަށް ވީމަ، އެއްވެސް ވަރަކަށް ފަސޭހަކޮށް ނުލުމަށް ހުރިހާ ކުޅުންތެރިން ގާތުގައި ބުނަމުންދިޔައީ. އެފްއެސްއެމަކީވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރާ ޓީމެއް. އެޓީމުން ކައުންޓަރގައި ވަރަށް ގިނަ ލަނޑު ޖަހާފައިހުރީ، އެހެންކަމުން އެކަމަށް ވަރަށް ބޮޑަށް ވިސްނިން. އަޅުގަނޑުމެން ބޮޑަށް ބެލީ ރަގަނޅަށް ޑިފެންސްކޮށްފަ، ލިބޭ ފުރުސަތުތަކުގެ ބޭނުން އެންމެ ރަގަނޅު ގޮތުގައި ހިފަން. ކޯޗް ބުނި ގޮތަށް ކުޅެވޭ ތޯ ބެލީ." މައިޝާން ބުންޏެވެ.

މައިޝާން ބުނީ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނުކަމަށް ވީނަމަވެސް، އާރްއާރްސީގެ ކޮންމެ ކުޅުންތެރިއަކީވެސް ކެޕްޓަނެއްކަމަށެވެ.