ކުޅިވަރު

ކުލަބް މޯލްޑިވްސް ތަށި އާރްއާރްސީއަށް


ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ބަލިކޮށް ކްލަބް މޯލްޑިވްސް ކަޕްގެ ޗެމްޕިއަންކަން ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ)އިން ހޯދައިފިއެވެ. އާރްއާރްސީއިން ކުލަބެއްގެ ގޮތުގައި ބައިވެރިވި ފުރަތަމަ މުބާރާތުގައި ޗެންޕިއަންކަން ހޯދާފައިވަނީ ފައިނަލްގައި ފިއުލް ސަޕްލައި މޯލްޑިވްސް 4 ލަނޑު 0 ލަނޑުން މެޗް ކާމިޔާބުކޮށްގެންނެވެ.

ޗެންޕިއަން އާރްއާރްސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި އާދަމް ނާސިހް (އާދަންނާ)ވަނީ ހެޓްރިކެއް ހަދާފައެވެ. މީގެ ކުރިން 2017 ވަނަ އަހަރު ކްލަބް މޯލްޑިވްސް ކަޕްގެ ޗެމްޕިއަންކަން ހޯދީ ކުރިން އޮތް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އިންނެވެ. ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު ފޯރިގަދަ މެޗްގެ ކުރިން ދެ ޓީމުގެ ސަޕޯޓަރުންވަނީ ދަނޑު ވަށައިގެން ޓީމަށް ސަޕޯޓްކުރުމަށް ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. އަދި އެފްއެސްމްއިން އެކުންފުނި ރީބްރޭންޑްކޮށް، މިހާރު އެކުންފުނިން ބޭނުން ކުރަމުންދާ އޮރެންޖް ކުލައިގެ ޓީޝާޓްތަށް އެޓީމްގެ ސަޕޯޓަރުން ބޭނުން ކުރަމުންދިޔައެވެ. މިއީ އެފްއެސްއެމް އިން ކްލަބް މޯލްޑިވްސް ކަޕް ފައިނަލުގައި ކުޅުނު ފުރަތަމަ ފަހަރެވެ.

ފައިނަލް މެޗަށް ދެ ޓީމް ނިކުތްއިރު، މިދެ ޓީމްވެސް ވަނީ މިމެޗަށް ވަރަށް ރަގަނޅަށް ތައްޔާރުވެފައެވެ. ފައިނަލް މެޗެއްކަމުން އެފްއެސްއެމް އަދި އާރްއާރްސީއިން ވެސް ވަނީ ވަރަށް ބޮޑަށް ޑިފެންސަށް ވިސްނައިގެން ކުޅެން ފަށާފައެވެ. ދެ ރީނދޫ ކާޑު ހަމަވެގެން އާރްއާރްސީގެ އިސްމާޢީލް މުނީޒް މި މެޗުގައި ނުކުޅެވޭއިރު، މެޗުގައި އެތަން ވަރަށް ބޮޑަށް ދެއްކިއެވެ. ނަމަވެސް އާރްއާރްސީގެ ކުޅުންތެރިން ވަނީ ވަރަށް ބޮޑަށް އެފްއެސްއެމްގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އާރްއާރްސީއިން ވަނީ ފުރަތަމަ ހާފް ނިމުމުގެ ކުރިން އެއް ގޯލްގެ ލީޑެއް ނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހީމް އަސްވަދެވެ.

މެޗްގައި އާރްއާރްސީއިން ލީޑް ނެގުމާއެކު މެޗްގެ ދެވަނަ ހާފްގައި އެފްއެސްއެމުން ވަނީ ވަރަށް ބޮޑަށް ކުރިއަށް ޖެހިލައިގެން ކުޅެން ފަށާފައެވެ. އަދި ލިބޭ ފުރުސަތުގައި އާރްއާރްސީގެ ގޯލަށް ނުރައްކާކޮށްފައެވެ. އަދި އެޓީމުގެ އަހުމަދު ވިޖުދާނާއި މުޙައްމަދު ތޯހިރަށް ލިބުނު ފުރުސަތުގެ ބޭނުން އެ ދެ ކުޅުންތެރިނަށްވެސް ހިފޭ ގޮތެއް ނުވިއެވެ. މެޗްގެ 31ވަނަ މިނެޓްގައި އާދަންނާ ވަނީ އެޓީމްގެ ދެވަނަ ގޯލް ޖަހައިދީ، ލީޑް ފުޅާކޮށްފައެވެ. އަދި އޭގެ ދެ މިނެޓް ފަހުން އާދަންނާ ވަނީ މޮޅު ގޯލެއް ޖަހާ އާރްއާރްސީގެ ތިންވަނަ ގޯލް ޖަހައިދީފައެވެ. އަދި މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އާދަންނާ ވަނީ މެޗް ނިމުމުގެ ކުރިން އިތުރު ގޯލެއް ޖަހާ ހެޓްރިކް ފުރިހަމަކޮށްފައެވެ.

ކްލަބް މޯލްޑިވްސް އިން ހޮވާ ކިންގް އޮފް ފުޓްސަލްއަކީ އާރްއާރްސީގެ ކެޕްޓަން އިބްރާހީމް މައިޝާންއެވެ. ފެއާޕްލޭ ކުޅުންތެރިއަކީ އާރްއާރްސީގެ ޢަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް)އެވެ. މުބާރާތުގެ އެންމެ ރަނގަޅަށް ސަޕޯޓްކުރި ޓީމަކަށް ހޮވުނީ ވެސް އާރްއާރްސީއެވެ. އެންމެ މޮޅު ކޯޗަކީ އާރްއާރްސީގެ ކޯޗު ޢަބްދުﷲ ނަސީރު (އަބޯ)އެވެ. ފެއާ ޕްލޭ ޓީމަކީ ޕްރިޒަން ކްލަބެވެ.

އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ދެ ކުޅުންތެރިންނަށް ލިބުނެވެ. އެއީ އެސްޓީއޯގެ އިސްމާޢީލް ވަޖީހު (ވައްޖެ) އާއި ފެނަކަ ޓީމުގެ އަޔާޒް އަހުމަދު (އަޔާ)އެވެ. ދެ ކުޅުންތެރިން ވެސްވަނީ 8 ގޯލު ޖަހާފައެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ އާރްއާރްސީގެ މައިޝާން، އަސްވަދު އަދި ކީޕަރު ޒުހަލްގެ އިތުރުން އެފްއެސްއެމްގެ ވިޖުއްކޮ އާއި ނާއިފް ޝަފީގެވެ.