މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނުން 17 ރަށެއް ދިން މައްސަލާގައި ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބާއި އެމް.އެމް.ޕީ.އާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔަތުގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ. ފުލުހުން ބުނީ މިމައްސަލައިގައި އަދީބުގެ މައްޗަށް ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވާފައިވަނީ މިދިޔަ ހަފްތާތެރޭގައި ކަމަށެވެ. ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުން ވިދާޅުވީ، މިހާރު އެ މައްސަލަ ދިރާސާ ކުރައްވަމުން ގެންދަވާކަމުުގައެވެ. އެމް.އެމް.ޕީ.އާރު.ސީގެ ކޮރަޕްޝަންގެ މައްސަލައެއްގައި އަދީބުގެ މައްޗަށްވަނީ، ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރިކަމުގެ ދައުވާ އުފުލައި އެމައްސަލައިގެ ޝަރީއަތް ވަނީ ކްރިމިނަލް ކޯޓްގައި ފަށާފައެވެ. އެމައްސަލާއިގައި އަދީބަށްވަނީ ވަކީލަކު އައްޔަންކުރުމަށް އެއްމަސްދުވަހުގެ މުއްދަތެއް ދީފައެވެ. ރިޔާސީ ލޯންޗްކޮޅުގައި ބޮމެއް ގޮއްވާލި މައްސަލާގައި ހައްޔަރުކޮށްފައިވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް ޓެރަރިޒަމްގެ ދަޢުވާކުރުމަށްވެސް ޕީޖީ އޮފީހުންވަނީ ކޯޓަށް ހުށައަޅާފައެވެ. އަދީބު ފިސްތޯލައެއް ގެންގުޅުނުކަމަށް ބުނާ އެ މައްސަލަ ބެލުމަށް ކްރިމިނަލް ކޯޓުން ތިން ފަނޑިޔާރުންގެ ބެންޗެއްވެސް އެކުލަވާލާފައިވެެއެވެ. އެހެން ނަމަވެސް އަދި ޝަރީއަތް ފަށާފައެއް ނުވެއެވެ.އަދީބާއި ޒިޔަތުގެ މައްޗަށް އިތުރު ރަށްތަކެއް ދިން މައްސަލައިގައި ދައުވާކުރުމަށް ޕީ.ޖީއަށް އޮފީހަށް ފޮނުވާފައިވާއިރު، އެމް.އެމް.ޕީ.އާރު.ސީ މެދުވެރިކޮށް ހިންގި ޚިޔާނާތުގެ މައްސަލައަކާއި ގުޅުން އޮތްކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވާ އަދީބާއި ގާތްގުޅުމެއް އޮންނަ ހާމިދު އިސްމާއީލް އެމައްސަލަ ތަހުޤީޤްކޮށް ނިނެމެވުމަށްފަހު އެމައްސަލަވެސް މިހާރުވަނީ ޕީ.ޖީ އޮފީހަށް ފޮނުވާފައެވެ.ޓުއަރިޒަމް މިނިސްޓްރީން އެމް.އެމް.ޕީ.އާރ.ސީއަށް ލީޒް ކުރި ރަށެއްގެ އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި ލިބެންޖެހޭ ފައިސާ ހީލަތްތެރި ގޮތެއްގައި ހާމިދުގެ މަސްލަހަތު އޮންނަ ކުންފުންޏެއްގެ އެކައުންޓަށް ޖަމާކޮށްފައިވާކަމަށް ފުލުހުން ތުހުމަތުކުރެއެވެ.