ވިޔަފާރި

21 އަހަރަށްފަހު އެފްއެސްއެމް ރީބްރޭންޑް ކޮށްފި


ފިއުސް ސަޕްލައި މޯލްޑިވްސް، އެފްއެސްއެމް ރީބްރޭންޑް ކޮށްފިއެވެ. އެޕްއެސްއެމް ރީބްރޭންޑް ކޮށްދެއްވީ މިކަމަށްޓަކައި ބޭއްވި ޚާއްސަ ހަފްލާއެއްގައި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމްއެވެ.

އެފްއެސްއެމްއަކީ އެސްޓީއޯއާއި ވަރަ މޯލްޑިވްސްގެ ހިއްސާދާރުންގެ މައްޗަށް 2000 ވަނަ އަހަރު ވުޖޫދަށް އައި ކުންފުންޏެކެވެ. މިއީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ތެޔޮ ފޯރުކޮށްދޭ ކުންފުންޏެވެ. މިކުންފުނިން އަންނަނީ މީހުން ދިރިއުޅޭ 97 އިންސައްތަ ރަށަށް ތެޔޮ ފޯރުކޮށްދެމުންނެވެ.

އެފްއެސްއެމް ރީބްރޭންޑް ކުރުމުގެ ހަފްލާގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ގަސަމް ވަނީ އެ ކުންފުނިން ކުރަމުންދާ މަސައްކަތްތަކާއި ކާމިޔާބީތަކަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ވޭތުވެދިޔަ 3 އަހަރު ކެޕިޓަލް އިންވެސްޓްމަންޓްގެ ގޮތުގައި 69 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ކޯވިޑާއެކު ކުންފުންޏަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް އެހާލަތުގައިވެސް ތެޔޮ ބޭނުންވާ އެއްވެސް ފަރާތަކަށް ތެލަށް ނުޖެހި ބަރާބަރަށް ތެޔޮ ފޯރުކޮށްދެވުނުކަމީ އެކަމަށްޓަކައި ކުންފުނިން އުފާކުރާކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"2019 ވަނަ އަހަރު ވެގެންދިޔައީ ކުންފުނީގެ ހަޔާތުގައިވެސް އެންމެ ގިނައިން ތެޔޮ ވިއްކައި ރެކޯޑް އަދަދެއްގެ ތެޔޮ ލިބުނު އަހަރެއްކަމުގައި. އެހެންނަމަވެސް 2020 ވަނަ އަހަރު މުޅި ދުނިޔެއަށް ދިމާވި ކޯވިޑްގެ ބަލިމަޑުކަމާއިއެކު ރާއްޖޭގެ ބޯޑަރުތައް ބަންދުވެ، ރިސޯޓްތަކުގެ ވިޔަފާރި ހުއްޓިފައި އޮތުމުގެ ސަބަބުން އެކަށީގެންވާ ވިޔަފާރިއެއް ނުކުރެވުނު. އެހެންނަމަވެސް އެހާލަތުގައިވެސް ކުންފުނީގެ އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިނުކޮށް ގެއްލުމަކާއި ނުލައި އަހަރު ނިންމާލެވުނު ކަމީ އެކަމަށްޓަކައި އުފާކުރާކަމެއް. މިއަހަރު ނިމިގެންދާނީ އެސްޓީއޯއިން އަޅުގަނޑުމެންނަށް ކަނޑައަޅާފައިވާ ޓާގެޓަށް ރީޗްވެ އަހަރު ނިމޭއިރު ރަނގަޅު ހިނިތުންވުމަކާއިއެކު ނިންމާލެވޭ އަހަރެއްކަމަށް." ގަސަމް ވިދާޅުވިއެވެ.

އެފްއެސްއެމް ރީބްރޭންޑް ކުރުމުގެ ހަފްލާގައިވަނީ އެފްއެސްއެމްއިން ބޭނުންކުރަމުންދާތާ 21 އަހަރުވީ ލޯގޯ ބަދަލުކޮށް އެކުންފުނީގެ އައު ލޯގޯ އިފްތިތާހުކޮށްފައެވެ. އައު ލޯގޯ ޑިޒައިން ކޮށްފައިވަނީ ޕަބްލިކް ސިޓީ ބިއުރޯ ޓީމުގެ ފަރާތުންނެވެ. އެފްއެސްއެމްގެ އައު ލޯގޯގެ ބައްޓަމުން ރަމްޒުކޮށްދެނީ ހައިޑްރޯ ކާބަންގެ ކެމިކަލް ކޮންޕައުންޑްގެ ބައްޓަމެވެ. ލޯގޯއިން ފެންނަ ނޫކުލައިން ރަމްޒުކޮށްދެނީ ދިވެހިރާއްޖޭގެ މާކަނޑުތަކެވެ. އޮރެންޖް ކުލައިން ރަމްޒްކޮށްދެނީ ތެލުގެ ބާވަތްތަކެވެ. އަދި ހުދު ރޮނގުތަކުން ރަމްޒުކޮށްދެނީ މާސިންގާ ކަނޑުގައި ވިއްސާރައަކަށް އަތްވަކަށް ބެލުމެއްނެތި ރެއާއި ދުވާލު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ތެޔޮ ފޯރުކޮށްދިނުމަށް އެފްއެސްއެމްއިން ކުރާ މަސައްކަތެވެ. މި ލޯގޯއާއިއެކު އެ ކުންފުނީގެ ޝިއާރުވެސް ވަނީ "ފިއުލިން ދަ ނޭޝަން" ނުވަތަ "މުޅި ދީބަށް ހަކަތަ" އަށް ބަދަލުކޮށްފައެވެ.