ވިޔަފާރި

އެހެން އެއަރލައިންތަކުން ފްލައިޓު ޗާޓަރ ކުރުމަކީ އާންމު އުސޫލެއް: މޯލްޑިވިއަން


ބޯޓުތައް ޗާޓަރ ކުރުމަކީ މޯލްޑިވިއަންއިން އަލަށް ކުރާ ކަމެއް ނޫން ކަމަށް މޯލްޑިވިއަން ހިންގާ އައިލެންޑް އެވިއޭޝަން ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު މިހާދް ވިދާޅުވެއްޖެއެވެ.

މޯލްޑިވިއަންގެ ފްލީޓުގެ 4 ބޯޓެއް މެއިންޓަނަންސްއަށް ގްރައުންޑް ކޮށްފައިވުމުން މޯލްޑިވިއަންއިން ދަނީ އެހެން އެއަރލައިންތަކުގެ ބޯޓުތައް ޗާޓަރު ކޮށްގެން ދަތުރުތައް ކުރަމުންނެވެ. މިކަމާއި ގުޅިގެން މެނޭޖިންގ ޑިރެކްޓަރ މުހައްމަދު މިހާދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މޯލްޑިވިއަންގެ ބޯޓުތައް ގްރައުންޑް ވެފައިވަނީ ޝެޑިއުލް މެއިންޓަނަންސް ތަކެއް ކުރުމަށް ކަމަށެވެ. އަދި އަމިއްލަ އެއަރލައިންތައް ޗާޓަރު ކުރަނީ ޚިދުމަތް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ބޯޓުތައް ޗާޓަރު ކުރުމަކީ އަލަށް ކުރާ ކަމެއް ނޫން ކަމަށާއި، އެހެން އެއަރލައިންތަކުންވެސް މޯލްޑިވިއަންގެ ބޯޓުތައް ޗާޓަރު ކުރާ ކަމަށް މޯލްޑިވިއަންއިން ބުނެއެވެ. އަދި ޕީކް ސީޒަނުގައި އެކުންފުނީގެ ސީޕްލޭންތައްވެސް އެހެން ކުންފުނިތަކުން މިގޮތަށް ޗާޓަރު ކުރާކަމަށް މިހާދު ވިދާޅުވިއެވެ.

މޯލްޑިވިއަންގެ ބައެއް ބޯޓުތައް ގްރައުންޑު ކޮށްފައިވާއިރު، އެކުންފުނިން އެހެން އެއަރލައިތައް ޗާޓަރު ކޮށްގެން ޚިދުމަތް ދޭން ވަނީ ފަށާފައެވެ. މިގޮތަށް އެއަރލައިންތައް ޗާޓަރުކޮށް ޚިދުމަތްދޭތާ ގިނަ ދުވަސްވާ ކަމުގެ ފާޑު ކިއުންތައް އަމާޒު ވެފައިވާއިރު، އެކުންފުނީގެ ފްލީޓު ކެޕޭސިޓީ އިތުރު ކުރުމަށް އިތުރު ދެ އޭޓީއާރު މަރުކާގެ ބޯޓު ގެނައުމަށް ހަމަޖެހިފައިވާ ކަމަށް މިހާދު ވަނީ ބައެއް މިޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައެވެ.

ޤައުމީ އެއަރލައިން މޯލްޑިވިއަންއިން ޕީކް ސީޒަނާއި ދިމާކޮށް ގިނަ ދަތުރުތަކެއް ދަނީ ކުރަމުންނެވެ. އެހެންކަމުން ދަތުރުތަކަށް އޮތް ޑިމާންޑުވަނީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައެވެ. މިގޮތަށް ޑިމާންޑް އިތުރުވާ ހާލަތުގައި ބޭނުން ޖެހިއްޖެ ނަމަ ފްލައިޓު ޗާޓަރު ކުރުމަކީ އާންމު އުސޫލެއް ކަމަށް މޯލްޑިވިއަންއިން ބުނެއެވެ.