ވިޔަފާރި

ޤަތަރު އެއަރވެއިސް ރާއްޖެއަށް ދަތުރު ކުރާތާ 20 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކޮށްފި


ޤަތަރު އެއަރވެއިސް ރާއްޖެއަށް ދަތުރު ކުރާތާ 20 އަހަރު ފުރުން އެމްއޭސީއެލްއިން ކުލަގަދަކޮށް ފަހާގަކޮށްފިއެވެ.

ޤަތަރު އެއަރވެއިސްގެ ދަތުރުތައް ރާއްޖެއަށް ކުރާތާ 20 އަހަރު ފުރުން ފާހަގަ ކުރުމަށް ހޮނިހިރު ދުވަހު ބޭއްވި ޚާއްސަ ހަރަކާތުގައި ޤަތަރު އެއާރވެއިސްގެ ފްލައިޓަށް މަރުހަބާކީ ބޮޑުބެރާއި ވޯޓަރ ސެލިއުޓަކުންނެވެ.

އަދި 20 އަހަރުފުރުން ފާހަގަކުރުމުގެ ގޮތުންވަނީ ކޭކު ފެޅުމުގެ ރަސްމިއްޔާތެއްވެސް ބާއްވާފައެވެ. މިރަސްމިއްޔާތުގައި ޓުއަރިޒަމް މިނިސްޓަރ ޢަބްދުﷲ މައުސޫމް އާއި އެމްއޭސީއެލް ހިންގުމާއި ވަގުތީގޮތުން ހަވާލުވެ ހުންނެވި އިބްރާހިމް ޠާހާ ބައިވެރިވެވަޑައިގެންނެވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޓުއަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވިދާޅުވީ، ޤަތަރު އެއަރވެއިސް އަކީ ދުނިޔޭގެ ކަންކޮޅުތަކާއި ރާއްޖެ ގުޅުވާލަދިން އެއަރލައިނެއް ކަމަށެވެ. އަދި ރާއްޖޭގެ ބޯޑަރު އަލުން ހުޅުވުމަށްފަހުވެސް އެންމެ ފުރަތަމަ ދަތުރުތައް ފެށީ ޤަތަރު އެއަރވެއިސްއިންކަން މިނިސްޓަރ މައުސޫމް ފާހަގަ ކުރެއްވިއެވެ. އަދި ކުރިމަގުގައިވެސް ޤަތަރު އެއަރވެއިސްއިން ދިވެހި ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓުކޮށް ތަރައްޤީ ކުރުމުގައި އެހީތެރިވާނެ ކަމަށް އުއްމީދު ކުރާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި އެމްއޭސީއެލް ހިންގުމާއި ހަވާލުވެ ހުންނެވި، އިބްރާހިމް ޠާހާ ވިދާޅުވީ، ކޯވިޑް-19 އިގެ ބަލިމަޑު ކަމުގެ ތެރޭގައިވެސް ޤަތަރު އެއަރވެއިސްގެ ހިތްވަރު ފެނިގެން ދިޔަ ކަމަށާއި، އަދި މިހާތަނަށްވެސް ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށް ބޮޑު ކުރިއެރުމެއް އެއެއަރލައިނުގެ ސަބަބުން އައިސްފައިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ޤަތަރު އެއަރވެއިސްއިން ރާއްޖެއަށް ދަތުރުތައް ފަށާފައިވަނީ 2001 ވަނަ އަހަރުއެވެ. އޭގެ ފަހުން ޤަތަރު އެއަރވެއިސްގެ ދަތުރުތައް ރާއްޖެއަށް މެދުކެނޑުމެއް ނެތި ކުރަމުން ގެންގޮސްފައިވެއެވެ. އަދި ކޯވިޑާއެކު ރާއްޖޭގެ ބޯޑަރުތައް ބަންދުވެ އަލުން ހުޅުވުނު އިރު ހަފްތާއަކު 21 ފްލައިޓު ރާއްޖެއަށް އެއެއަރލައިނުން ކުރިއެވެ. ނަމަވެސް މިހާރު ހަފްތާއަކު 28 ފްލައިޓު ބާއްވާއިރު، ކޮންމެ ދުވަހަކުވެސް 1000 އަށްވުރެ ގިނަ މީހުން ޤަތަރު އެއަރވެއިސްއިން ދަތުރު ކުރެއެވެ. އަދި މަހެއްގެ މައްޗަށް 36000 މީހުން ޤަތަރު އެއަރވެއިސް މެދުވެރިކޮށް އަންނަ ކަމަށް އެމްއޭސީއެލްއިން ހާމަކުރެއެވެ.