ކުޅިވަރު

ޖެހިޖެހިގެން ތިންވަނަ ފަހަރަށް އަންހެންބައިގެ ތަށި އެމްޕީއެލްއަށް


ކްލަބް ވެމްކޯ ބަލިކޮށް ޖެހިޖެހިގެން ތިންވަނަ ފަހަރަށް އެމްޕީއެލްއިން 18/30 ވުމެން ފުޓްސަލް ފިއެސްޓާގެ ތަށި އުފުލާލައި އާ ރެކޯޑްއެއް ގާއިމްކޮށްފިއެވެ. އެމްޕީއެލްއަކީ މިމުބާރާތުގެ ތަށި ޖެހިޖެހިގެން ތިންވަނަ ފަހަރަށް ކާމިޔާބުކުރި ފުރަތަމަ ޓީމެވެ. ކުލަބް މޯލްޑިވްސްއިން އަންހެން ޑިވިޝަންގެބައި ބައްވަން ފަށާފައިވަނީ 2010ވަނަ އަހަރުއެވެ. ކުލަބް އިމިގްރޭޝަނުން އަންހެންބައިގެ ތަށި ދެ ފަހަރު ކާމިޔާބުކޮށްފައިވާއިރު، ދިވެހި ސިފައިންގެ ކުލަބުންވެސް ވަނީ މިމުބާރާތުގެ ތަށި ދެ ފަހަރު ކާމިޔާބުކޮށްފައެވެ. އެމްޕީއެލްއިން 18/30 ވުމެން ފުޓްސަލް ފިއެސްޓާގެ ތަށި ކާމިޔާބުކޮށްފައިވަނީ 2018، 2019 އަދި 2021ވަނަ އަހަރުއެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު މިމެޗްގައި އެންމެ ފުރަތަމަ ލަނޑުޖަހާ ލީޑްނެގީ ވެމްކޯއިންނެވެ. މިލަނޑު އެޓީމަށް ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ ތައިލެންޑްގެ ޑަރިކާއެވެ. އަދި މެޗްގެ ދެވަނަ ހާފްގައި ޑަރިކާވަނީ އިތުރު ގޯލެއް ޖަހާ ވެމްކޯގެ ލީޑް ދެ ލަނޑަށް ފުޅާކޮށްފައެވެ. މެޗްގެ ފުރަތަމަ ހާފްގައި ވެމްކޯއިން ވަރަށް ބޮޑަށް އެމްޕީއެލްގެ ހަމަލާތައް ހުއްޓުވުމަށް މަސައްކަތްކުރިއެވެ. ނަމަވެސް ވެމްކޯއަށް އެޕްޕީއެލްގެ ކުޅުންތެރިން ކުރަމުންދިޔަ މަސައްކަތް މާގިނަ އިރުވަންދެން ނުހިފެހެއްޓުނެވެ. އެމްޕީއެލްއިން ކުޅުން ރަގަނޅުކޮށް، ފައިނަލް މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ގައުމީ ވޮލީ ޓީމްގެ ކުރީގެ ކުޅުންތެރިޔާ ފާތިމަތު ޖޫޒާން ޒަރީރުވަނީ ލަނޑެއްޖަހާ އެމްޕީއެލްއަށް ހިތވަރު އާކޮށްދީފައެވެ. އަދި ޖޫޒާން ލަނޑުޖެހިތާ މިނެޓެއް ފެހުން އެމްޕީއެލްގެ ކެޕްޓަން ފާތިމަތު ޝާލިޔާގެ އަމިއްލަ މަސައްކަތުން ގޯލެއް ޖަހާ މެޗްގެ ނަތިޖާ ހަމަހަމަކުރިއެވެ.

މެޗްގައި އެމްޕީއެލްއިން ފަހަތުން އަރާ ނަތީޖާ ހަމަހަމަކުރުމާއި ގުޅިގެން މެޗްގެ އޮއިވަރު މުޅިންހެން ބަދަލްވެގެންދިޔައެވެ. އަދި ފާތިމަތު ޝާމިލާވަނީ ހަނި އޭންގަލަކުން ގޯލެއް ކާމިޔާބުކޮށްދީ، ފައިނަލް މެޗްގައި ފުރަތަމަ ފަހަރަށް އެމްޕީއެލްއަށް ލީޑް ނަގާދީފައެވެ. އެމްޕީއެލްއިން ލީޑް ނެގިނަމަވެސް، މެޗުން މޮޅުވުމަށް ވެމްކޯއިން ކުރަމުންދިޔަ މަސައްކަތަށް ބަދަލްއެއް ނާދެއެވެ. އޭގެ ނަތީޖާއެއްފެ ގޮތުން އެޓީމުގެ ޑަރިކާވަނީ ހެޓްރިކް ފުރިހަމަކޮށް، ނަތީޖާ ހަމަހަމަކޮށްފައެވެ. ނަމަވެސް ދެން މެޗްގައި ފެނިގެންދިޔައީ އެމްޕީއެލްގެ ދިވެހި ކުޅުންތެރިން ތަފާތު ދެއްކިތަނެވެ. އެގޮތުން ޖުޒާންވަނީ އިތުރު ދެ ގޯލްޖާހައި ހެޓްރިކް ފުރިހަމަކޮށްފައެވެ. އަދި ވެމްކޯއިން ބަދަލް ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި މަރިޔަމް ނޫރާވަނީ އިތުރު ގޯލެއް ޖަހާ ވެމްކޯއަށް ހިއްވަރު އާކޮށްދިފައެވެ. ނަމަވެސް ވެމްކޯއަކަށް އެމްޕީއެލްއިންގެ މޮޅު ކުޅުން ހުއްޓުވޭ ގޮތެއް ނުވިއެވެ. ނާތިޖާއެއްގެ ގޮތުން މެޗްގެ މޮޅު ކުޅުންތެރިޔާ ޖުޒާންވަނީ އިތުރު ދެ ގޯލްޖާހާފައެވެ.

އެމްޕީއެލް އިން ވަނީ މި ފަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި 2 ފަހަރެއްގެ މަތިން ވެމްކޯއާ ކުޅެފައެވެ. އެއް މެޗުން އެއްވަރުވިއިރު، އަނެއް މެޗުން މޮޅުވީއެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ އެމްޕީއެލްގެ ސާލިޔާއެވެ. އެންމެ ގިނަ ގޯލު ޖެހީ 21 ލަނޑު ޖެހި ސިފައިންގެ ޓީމުގެ ބަންގްލަދޭޝް ކުޅުންތެރިޔާ ސަބީނާ ކަތުންއެވެ. ފެއާ ޕްލޭ ކުޅުންތެރިއަކީ ސިފައިންގެ ޓީމުގެ މަޓްސުޝިމާ ސުމައްޔާއެވެ. ފެއާ ޕްލޭ ޓީމުގެ ޓްރޮފީ ޓްރޭޑް ކްލަބަށް ލިބުނުއިރު، އެންމެ މޮޅު ކޯޗަކީ ވެމްކޯގެ އަހުމަދު ނިޔާޒް (ނިޔާ)އެވެ.
އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ އެމްޕީއެލްގެ މަދީނާ، ސާލިޔާ އަދި ގޯލްކީޕަރު އަޒަމްގެ އިތުރުން ވެމްކޯގެ ޑަރިކާ އާއި ކަސޭސީއެވެ.