ޚަބަރު

ކޮޕީ ރަޝީދުގެ "ދިރިތިބީންނާ ހަވާލޭ ވަތަން ލޯބިވާ" ލަވައިން އެންމެންނަށް ފުން އަސަރެއް


ދިވެހި އަދަބިއްޔާތަށް ތަފާތު ރޮނގުރޮނގުން ގިނަ ޚިދްމަތްތަކެއް ކުރެއްވި ކޮޕީ މުޙައްމަދު ރަޝީދު އަވަހާރަވުމުގެ ހިތާމައިގައި ދިވެހި ބަހުގެ އެކަޑަމީން ތަޢުބީންގެ ޖަލްސާއެއް ބާއްވައިފިއެވެ. ރޭ ބޭއްވި ތައުބީނުގެ ޖަލްސާގައި ކޮޕީ ރަޝީދުގެ ޚިދުމަތްތަކާއި ހަނދާންތައް ޖަލްސާގެ އެކި ހިސާބުތަކުން އާއިލާގެ ބޭފުޅުންނާއި ގާތް އެކުވެރިންގެ ގޮތުގައި ތިބި ބޭފުޅުންވަނީ ޙިއްސާކޮށްފައެވެ.

މީގެތެރެއިންވެސް އެންމެ ބޮޑަށް ފާހަގަވެގެންދިޔައީ ކޮޕީ ރަޝީދު، ދިވެހި އަދަބިއްޔާތަށް އެންމެފަހުން ދޫކުރައްވައި ވަޑައިގެންނެވި ޤައުމީ ވަންތަ ޅެން އޭނާގެ ދަރިފުޅު އަދި މަޝްހޫރު ލަވަކިއުންތެރިޔާ ޔާމީން ރަޝީދުގެ އަޑުން ޙިއްސާކޮށްލަދިން ވަގުތުކޮޅެވެ.

"ދިރިތިބީންނާ ހަވާލޭ ވަތަން ލޯބިވާ" މިނަމުގައި ބައްޕަ ހެއްދެވި ޅެމަށް އިޝާރާތްކުރަމުން ޔާމީން ރަޝީދު ބުނީ މިއީ އޭނާގެ ބައްޕަ ވަރަށް ދުރާލާ ތައްޔާރުވެގެން ވަރަށް ބޭނުންފުޅުވެގެން ހެއްދެވި ޅެމެއްކަމަށާއި، ބައްޕަގެ އެދިލެއްވުމަށް ދުނިޔޭގައި ހުންނަވަނިކޮށް އެލަވަ ޔާމީންގެ އަޑުން ރެކޯޑުކޮށް ބައްޕައަށް އިއްވިކަމަށެވެ.

ޕޯޗުގީޒުންނާއި އެނޫވެސް ރާއްޖޭގެ މިނިވަންކަމާއި ތޮޅެން މަސައްކަތްކުރި ފަރާތްތަކުގެ ކިބައިން ޤައުމު ސަލާމަތްކުރަން ފުރާނައިން ޤުރުބާންވީ ހިތްވަރުގަދަ ފަހުލަވާނުންގެ އިޙުސާސްތަކާއި، އެފަރާތްތަކުގެ ފަހުގެ ވަސިއްޔަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދުނިޔެއިން ވަކިވެގެންދާ ވަގުތުދޭ އެންމެފަހުގެ ވަސިއްޔަތުތަކުގެ ވާހަކަވެސް ހިމެނޭ މިލަވައިގެ ބައެއް ޔާމީންގެ އަޑުން މިޖަލްސާގައި އިއްވާލަދިނެވެ.

ތައުބީންގެ ޖަލްސާގައި ކޮޕީ ރަޝީދުގެ ކާފަ ދަރިފުޅެއްކަމުގައިވާ ލާރާ ވަނީ ކާފަ ވަރަށް ލޯބިން ލާރާއަށް ހެއްދެވި ނަސޭހަތުގެ ލަވައެއްވެސް ހިއްސާކޮށްފައެވެ.

މިޖަލްސާގައި ކޮޕީ ރަޝީގެ ޚިދުމަތްތައް ފާހަގަކުރައްވަމުން ދިވެހި ބަހުގެ އެކަޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމް ވިދާޅުވީ، ކޮޕީ މުޙައްމަދު ރަޝީދަކީ ފަހުގެ ތާރީޚެއްގައި ދިވެހި ޤައުމު ދުށް ހުނަރުން ފުރިގެންވާ ކުޅަދަނާ ބޭފުޅެއްކަމަށާއި، އަދި ހުރިހާ ފަންނެއް އެކުލެވިފައިވާ ޝަޚުސިއްޔަތެއްކަމަށެވެ.

"ކޮޕީ ރަޝީދުގެ ވާހަކަދައްކަން ފަށާއިރު ފުރަތަމަ ހިއްސާކުރާނީ އޭނާގެ ކޮންފަންނެއްކަމެއްވެސް ނޭނގެ. އަތޮޅުވެރިކަމާއި، ޕްރިންސިޕަލްކަމުން ފެށިގެން ގޮސް ކޮން ކަމެއްތޯ އަދަބިއްޔާތުގެ ދާއިރާއިން ނުކުރައްވަނީ. އެއީ ހުރިހާ ފަންނެއް އެކުލެވިފައިވާ ކުޅާދާނަ ޝަޙްސިއްޔަތެއް" ޑރ. އަޝްރަފް ވިދާޅުވިއެވެ.

އަޙްމަދިއްޔާ ސްކޫލްގައި ބޭއްވި ކޮޕީ ރަޝީދުގެ ތައުބީނުގެ ޖަލްސާގައި ކޮޕީ ރަޝީދުގެ ގާތް ރަޙުމަތްތެރިންގެ ތެރޭގައި ހިމެނޭ ކަޝިމާ ޝާކިރާއި، ރޯނު ޙަސަންމަނިކުވަނީ ކޮޕީގެ ވަކިވެދިއުމާއި ގުޅިގެން ހަނދާންތައް އައުކޮށް، އެބޭފުޅުންގެ ޝުޢޫރުތައް ހިއްސާކޮށްފައެވެ.

މިޖަލްސާގައި ކޮޕީ ރަޝީދު އަވަހާރަވުމާއި ގުޅިގެން ދިވެހި ބަހުގެ އެކަޑަމީން ހުޅުވި ތައުޒިޔާގެ ދަފްތަރުގެ ފޮތް އާއިލާއާވަނީ ހަވާލުކޮށްދެއްވާފައެވެ. ފޮތް ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫންއެވެ.

ކޮޕީ މުހައްމަދު ރަޝީދު އަވަހާރަވީ މިދިޔަ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހުއެވެ.