ކުޅިވަރު

މުބަޑަލާ ވާރލްޑް ޗެމްޕިއަންޝިޕްގެ ފައިނަލަށް އެންޑީ މަރީ


އަބޫ ދާބީގައި މިހާރު ކުރިއަށްދާ މުބަޑާލާ ވާރލްޑް ޓެނިސް ޗެމްޕިއަންޝިޕްގެ ފައިނަލުން އިނގިރޭސިވިލާތުގެ އެންޑީ މަރީ ޖާގަހޯދައިފިއެވެ. މިމުބާރާތުގެ ފައިނަލުން މަރީ ޖާގަހޯދީ ސެމީފައިނަލްގައި ސްޕެއިންގެ ރަފޭލް ނަޑާލް އާއި ބައްދަލުކޮށް ސީދާ ދެސެޓުން މެޗް ކާމިޔާބުކޮށްގެންނެވެ.

އެގްޒިބިޝަން އިވެންޓެއްގެ ގޮތުގައި ކުރިއަށްދާ މިމުބާރާތުގައި މަރީ މިމެޗް ކާމިޔާބުކުރީ ހައެއް ތިނެއް އަދި ހަތެއް ފަހަކުންނެވެ. މިމެޗް ވެގެންދިޔައީ ނަޑާލްގެ ފައިތިލައަށް ލިބިގެންދިޔަ އަނިޔާއަށްފަހު އެނބުރި އައިސް އޭނާ ކުޅުނު ފުރަތަމަ މެޗަށެވެ. މިމުބާރާތުގެ ފައިނަލްގައި މަރީ ބައްދަލުކުރާނީ ދުނިޔޭގައި ފަސްވަނައަށް ރޭންކް ކުރިވިފައިވާ ރަޝިޔާގެ އަންޑްރޭ ރުބްލޭވް އާއެވެ.

މެޗަށްފަހު މަރީ ބުނީ ނަޑާލާއި އޭނާ ވަނީ ވޭތުވެދިޔަ އަހަރު ތަކުގެ ތެރޭގައި ވަރަށް ވަރުގަދަ ކުރިމަތިލުންތަކެއްގައި ވާދަކޮށްފައިކަމަށެވެ. އަދި ދެމީހުންނަށްވެސް އަނިޔާގެ ގިނަ މައްސަލަ ތަކެއް ކުރިމަތިވި ކަމަށާއި ނަޑާލާއެކު އެއްކޯޓެއްގެ މަތިން އަލުން ދިމާވުން މިއީ ވަރަށް ހިތްހަމަޖެހުނު ކަމެއް ކަމަށެވެ. އަދި މިއީ އަނެއްކާވެސް ކުޅުމުގެ ތެރެއަށް އެނބުރި އާދެވުމުގެ ފެށުން ކަމަށާއި މިމެޗުން ބަލިވި ނަމަވެސް އެހާ ދުވަހު ކުޅުމާއި ދުރުގައި ހުރެފައި އެނބުރި އައިސް ކުޅުނު މެޗަކާއި ބަލާއިރު ގޯހެއް ނޫން ކަމަށް މަރީ ބުންޏެވެ. ގްރޭން ސްލޭމް ތިން މުބާރާތް ކާމިޔާބުކޮށްފައިވާ މަރީ އާއި ގްރޭން ސްލޭމް 20 މުބާރާތް ކާމިޔާބުކޮށްފައިވާ ނަޑާލް އެންމެފަހުން ވާދަކޮށްފައިވަނީ 2016 ވަނަ އަހަރުގެ މެޑްރިޑް މާސްޓަރސްގެ ސެމީފައިނަލްގައެވެ.

މަރީ އާއި ފައިނަލްގައި ވާދަކުރާ ރުބްލޭވް ފައިނަލުން ޖާގަހޯދީ ސެމީފައިނަލްގައި ކެނެޑާގެ ޑެނިސް ޝަޕޮވަލޯވް އާއި ބައްދަލުކުރިމެޗް ދެސެޓް އެއް ސެޓުން ކާމިޔާބުކޮށްގެންނެވެ. އެއީ ހަތެއް ހައެއް، ތިނެއް ހައެއް އަދި ހައެއް ހަތަރަކުންނެވެ. އަދި ފައިނަލް މެޗްގެ ކުރިން ތިންވަނަ ހޮވާ މެޗްގައި ނަޑާލާއި 22 އަހަރުގެ ޝަޕޮވަލޯވް ވާދަކުރާނެއެވެ.