ކުޅިވަރު

އިންޓަރއަށް ހަތަރު ޕޮއިންޓުގެ ލީޑެއް


އިޓާލިއަން ސެރީއާގައި އެންމެފަހުގެ ޗެމްޕިއަން އިންޓަރ މިލާނާއި ސަލެރްނިޓާނާ ބައްދަލުކުރިމެޗް ކާމިޔާބުކޮށް ޕޮއިންޓް ތާވަލްގައި އިންޓަރއިން ހަތަރު ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ. ސަލެރްނިޓާނާގެ އަރޭޗީ ސްޓޭޑިއަމްގައި ކުޅުނު މިމެޗް އިންޓަރ ކާމިޔާބުކޮށްފައިވަނީ ފަސޭހަ ކަމާއެކު ފަސްލަނޑު ސުންލަނޑުންނެވެ.

އިންޓަރގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި އިންޓަރއިން ޖެހި ފުރަތަމަ ލަނޑު މެޗްގެ 11 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އިވާން ޕެރިސިޗެވެ. އަދި ދެވަނަ ލަނޑު މެޗްގެ 33 ވަނަ މިނެޓްގައި ޑެންޒެލް ޑަމްފްރީސް ކާމިޔާބުކޮށްދިންއިރު ތިންވަނަ ލަނޑު މެޗްގެ 52 ވަނަ މިނެޓްގައި ޖަހައިދިނީ އެލެކްސިސް ސަންޗޭޒެވެ. މިއީ އޭނާ ޖެހިޖެހިގެން ލަނޑު ޖެހި ތިންވަނަ މެޗެވެ. އިންޓަރގެ ހަތަރުވަނަ ލަނޑު މެޗްގެ 77 ވަނަ މިނެޓްގައި ޖަހައިދިނީ ލައުޓާރޯ މާޓިނޭޒެވެ. އަދި ފަހު ލަނޑު މެޗްގެ 87 ވަނަ މިނެޓްގައި ޖަހައިދިނީ ރޮބާޓޯ ގަގްލިއަރޑީނީއެވެ.

މިކާމިޔާބީއާއެކު އިންޓަރ އަށް މިހާރުވަނީ ކުޅުނު 18 މެޗުން ލިބިފައިވާ 43 ޕޮއިންޓާއެކު ތާވަލްގައި ހަތަރު ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. ދެވަނައިގައި އުޅޭ އޭސީ މިލާނަށް ލިބިފައިވަނީ 17 މެޗުން 39 ޕޮއިންޓެވެ. އެހެންކަމުން މިހަފްތާ ބަންދުގައި މިލާން އެޓީމްގެ މެޗް ކާމިޔާބުކޮށްފިނަމަ މިލީޑު އެއްޕޮއިންޓަކަށް ކުޑަވާނެއެވެ. އަދި ސަލެރްނިޓާނާ އުޅެނީ 8 ޕޮއިންޓާއެކު ތާވަލްގެ އެންމެ ފުލުގައެވެ.