ޚަބަރު

ސިންގަޕޯރ އެއަރލައިންސްއިން ރާއްޖެއަށްކުރާ ދަތުރުތައް އިތުރުކޮށްފި


ސިންގަޕޯރ އެއަރލައިންސްއިން ރާއްޖެއާއި ސިންގަޕޫރާއި ދެމެދު ކުރާ ދަތުރުތައް އިތުރުކޮށްފިއެވެ.

މިދަތުރުތައް އިތުރުކުރުމަށް ހަމަޖެހިފައިވަނީ ކަރަންޓީނުވުމަކާ ނުލައި ރާއްޖެއާއި ސިންގަޕޫރާ ދެމެދު ދަތުރުކުރެވެން ފެށުމުންނެވެ. އެގޮތުން ހަފްތާއަކު ކުރަމުން އައި 7 ދަތުރު، 10 ދަތުރަށް އިތުރުކޮށް ކުރިއަށް އޮތް ޖެނުއަރީ މަހުގެ 2ވަނަ ދުވަހުން ފެށިގެން ކުރުމަށްވަނީ ހަމަޖެހިފައެވެ.

ކޯވިޑް-19 ޕެންޑެމިކްގެ ހާލަތުގައި މާލެއާއި ސިންގަޕޫރާއި ދެމެދު ދަތުރުކުރާ ފްލައިޓްތައް މިއަހަރުގެ މާރޗް މަހު ދަތުރުކުރުން ވަނީ ހުއްޓާލާފައެވެ. އަދި މި ހިނގާ ޑިސެމްބަރު މަހު ކުރިއެކޭވެސް އެއްގޮތަށް އަލުން ފްލައިޓްތައް ދަތުރުކުރުމަށް ވަނީ ފަށާފައެވެ. ސިންގަޕޫރަށް ދަތުރުކުރުމުގައި ދިވެހިންނަށް ލުއިތަކެއް ދޭން ނިންމީ ރާއްޖޭގައި ކޯވިޑްގެ ހާލަތަށް ރިޔާއަތްކުރުމަށްފަހުކަމަށް އެޤައުމުގެ ކަމާބެހޭ އިދާރާތަކުން ބުނެއެވެ. މީގެއިތުރުން ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް ރާއްޖޭގެ ބޯޑަރު ހުޅުވާލާފައިވާކަންވެސް ސިންގަޕޫރުގެ ކަމާބެހޭ ފަރާތްތަކުން ފާހަގަކުރެއެވެ.

"ވެކްސިނޭޓެޑް ޓްރެވެލް ލޭން" ވީ.ޓީ.އެލްގެ ދަށުން މި ހިނގާ ޑިސެމްބަރު މަހުގެ 16ވަނަ ދުވަހު ރާއްޖެއިން ކޯވިޑް ދިފާއު ވެކްސިން ޑޯޒް ފުރިހަމަކޮށްފައިވާ ދިވެހިން، ކަރަންޓީނުވުމަކާ ނުލައި ސިންގަޕޫރަށް ދިއުމަށް ފުރަތަމަ ފްލައިޓް ވަނީ ދަތުރުކޮށްފައެވެ. މި ޓްރެވެލް ލޭން އެކުލަވާލާފައިވަނީ ރާއްޖޭގެ ޓްރާންސްޕޯޓް މިނިސްޓްރީއާއި ފޮރިން މިނިސްޓްރީ، ހެލްތު މިނިސްޓްރީ އަދި ސިންގަޕޫރުގެ މިނިސްޓްރީ އޮފް ޓްރާންސްޕޯޓާއެކުއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ދޫކޮށްފައިވާ ކޯވިޑް-19 ޑިޖިޓަލް ވެކްސިން ސްޓްފިކެޓް އޮންނަ ކޮންމެ ދިވެއްސަކަށް، ކަނޑައެޅިފައިވާ ވީ.ޓީ.އެލް ފްލައިޓްތަކުން ކޯވިޑް-19 ނެގެޓިވް ނަތީޖާއާއެކު ދަތުރުކުރެވޭނެއެވެ. މިދަތުރުތަކަށް ކޯވިޑް ޓެސްޓުކުރަންޖެހެނީ ދަތުރަށް ފުރާ ގަޑީގެ 48 ގަޑިއިރުގެ ތެރޭގައެވެ.

ރާއްޖެއާއި ސިންގަޕޫރާއި ދެމެދު ކުރާ މި ދަތުރުތަކަކީ، ރާއްޖޭގެ މާކެޓަށް ވަރަށް މުހިންމު ދަތުރުތަކެއްކަމަށް ސިންގަޕޯރ އެއަރލައިންސްއިން ރާއްޖެއަށް ކަނޑައަޅާފައިވާ ޖެނަރަލް މެނޭޖަރ ސޫޒަން ޔޮންގް ވަނީ ފާހަގަކުރައްވާފައެވެ. އަދި ގިނަ ޢަދަދެއްގެ ފަތުރުވެރިންތަކެއް އަންނާނެކަމަށް ލަފާކުރެވޭ ކަމަށްވެސް ސޫޒަން ބުނެއެވެ.

ސިންގަޕޫރަކީ ބޭސްފަރުވާއާއި ޗުއްޓީ އަދި ވިޔަފާރި ބޭނުމަށް ގިނަ ޢަދަދެއްގެ ދިވެހިން ދަތުރުކުރާ ޤައުމެކެވެ. މީގެއިތުރުން އެކިއެކި ބޭނުންތަކުގައި ގިނަ ޢަދަދެއްގެ ދިވެހިން ސިންގަޕޫރުގައި ދިރިއުޅޭކަންވެސް ފާހަގަކޮށްލެވެއެވެ. އަދި ސިންގަޕޫރަކީ އެ ޤައުމުންވެސް ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ ޤައުމެކެވެ.