"ފުރޮޅުފިލާ ޗަރުކޭސް" ސްކޭޓްބޯޑިން މުބާރާތުގެ ޗެމްޕިއަންކަން ޔޫސުފް ލައުކް ބިން މުހައްމަދު ހޯދައިފިއެވެ.
ފުރޮޅުފިލާ ކުލަބުން އިންތިޒާމުކޮށްގެން މާފުށީ ސްކޭޓް ޕާކުގައި ކުރިއަށްގެންދިޔަ މި މުބާރާތުގެ ޗެމްޕިއަންކަން، ލައުކް ހޯދީ ފައިނަލުގައި ޢަބްދުﷲ އައިމަންއާ ވާދަކޮށް 9 ޕޮއިންޓްގެ ސްކޯއެއް ހޯދައިގެންނެވެ. އައިމަންއަށް ލިބުނީ 7.5 ގެ ސްކޯއެކެވެ.
މުބާރާތުގެ އެހެނިހެން އުމުރުފުރާތަކަށް ބަލާއިރު، 7 އަހަރުންދަށުގެ ކެޓަގަރީގެ ޗެމްޕިއަންކަން ހޯދާފައިވަނީ މަލަކް ނާޝިއު ހަސަންއެވެ. އޭނާވަނީ ފައިނަލުގައި 7 ޕޮއިންޓްގެ ސްކޯއެއް ހޯދާ، ރޫހީ ޝާހިލް ކުމާރުގެ މައްޗަށް ކުރި ހޯދާފައެވެ. އަދި 10 އަހަރުންދަށުގެ ޗެމްޕިއަންކަން ޒޯރާން ބިން އަހްމަދު ފާރިސް 8.5 ގެ ސްކޯއަކުން ހޯދިއިރު، ރަނަރަޕްކަން ހޯދި ތާނިޝް ހުސައިން އަމިލްއަށް ލިބުނީ 6.8 އެވެ.
މީގެ އިތުރުން 13 އަހަރުންދަށުގެ ޗެމްޕިއަންކަން 5.5 ގެ ސްކޯއަކުން ހޯދާފައިވަނީ ލަޔާލީ ރިޝްވާން ރަޝީދުއެވެ. މި އުމުރުފުރާގެ ދެވަނަ ހޯދި ފާތުމަތު އާޝާ އިސްހާޤަށް ލިބިފައިވަނީ 3.5 ގެ ސްކޯއެކެވެ.
ހުކުރުދުވަހުގެ ހަވީރު މާފުށީ ސްކޭޓް ޕާކުގައި ފެށި މިމުބާރާތުގައި އެކި އުމުރުފުރާތަކުން ދެ ޖިންސުގެ އެތުލީޓުން ވާދަކޮށްފަވާއިރު، މިއީ ފުރޮޅުފިލާ ކުލަބުން މިމުބާރާތް މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ ފުރަތަމަ އަހަރެވެ. މިމުބާރާތުގައި ބ. އަދި މ. އަތޮޅުންވެސް އެތުލީޓުން ވާދަކޮށްފަވާކަމަށް ފުރޮޅުފިލާ ކުލަބުންވަނީ މައުލޫމާތުދީފައެވެ.
ފޯރިއާއެކު މާފުށީގައި ކުރިއަށްދިޔަ މިމުބާރާތުގައި އިންސާފުކޮށްދެއްވާފައިވަނީ ބައިނަލްއަޤްވާމީ ޖަޖުންނެވެ. ފުރޮޅުފިލާ ކުލަބުންދަނީ ސްކޭޓްބޯޑަރުންގެ ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން މިދިޔަ އަހަރުވެސް މިމުބާރާތްވަނީ ބާއްވާފައެވެ. އަދި މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ މުބާރާތަށް ލިބުނު ތަރުހީބު މާބޮޑުކަމަށާ ދެ ޖިންސުން 90 އަށްވުރެ ގިނަ ކުދިން މިމުބާރާތުގައި ވާދަކުރިކަމަށް ކުލަބުން ބުނެފަވެއެވެ.