ކުޅިވަރު

މިއަދު ހަވީރު ވޮލީ މެޗް ބަލަން ގޮސްގެން ބަންގްލަދޭޝަށް ދިއުމުގެ ފުރުސަތު


މިއަދު ގައުމީ ވޮލީ ޓީމާއި އިންޑިޔާގެ ހައިދަރުއާބާދު ސްޕައިކާސްރ ވާދަކުރާ މެޗްގެ ބެލުމަށް ޒުވާނުންގެ މަރުކަޒަށް ދާ ފަރާތްތަކުގެ ތެރެއިން ދެ ފަރާތަކަށް ސެންޓްރަލް ޒޯން ވޮލީ މުބާރާތުގައި ރާއްޖެ ކުޅޭ މެޗް ބަލާލަން ދިއުމުގެ ފުރުސަތު ދިނުމަށް ވޮލީ ބޯލް އެސޯސިއޭޝަނުން ނިންމައިފިއެވެ.

ގައުމީ ވޮލީ ޓީމް މިހާރު ތައްޔާރުވަމުންދަނީ މިމަހުގެ 22ވަނަ ދުވަހު ބަންގްލަދޭޝްގައި ފެށުމަށް ހަމަޖެހިފައިވާ ސެންޓްރަލް ޒޯން ވޮލީ މުބާރާތަށެވެ. މިމުބާރާތަށް ތައްޔާރުވުމަށް ރާއްޖޭގެ ވޮލީ ޓީމުން ކުޅޭ އެކުވެރިކަމުގެ ފަހު މެޗްގައި ރާއްޖެއިން އިންޑިޔާގެ ހައިދަރުއާބާދު ސްޕައިކާސްރ ވާދަކުރާއިރު، މިމެޗުގެ ފޯރިގަދަ ކުރުމަށް ގިނަ ކަންތައްތަކެއް ހިންގުމަށް ހަމަޖެހިފައިވާކަމަށް ވޮލީ ބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މަޢުލުމާތު ދިނެވެ.
އެގޮތުން މިއަދު ހަވީރު ކުޅުމަށް ހަމަޖެހިފައިވާ މެޗް ބަލާލުމަށް ޒުވާނުންގެ އެތެރޭ ކޯޓަށް ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް ކޫޕަނެއް ދިނުމަށް ހަމަޖެހިފައިވާކަމަށާއި އެކޫޕަން ފުރުމަށްފަހު، އެކަމަށް ޚާއްސަ ކުރެވިފައިވާ ފޮށްޓަށް ލުމުން، ގުރުއަތުން ހޮވޭ ދެ ފަރާތަކަށް މިމަހުގެ 23ވަނަ ދުވަހު ބަންގްލަދޭޝްގައި ފެށުމަށް ހަމަޖެހިފައިވާ ސެންޓްރަލް ޒޯން ވޮލީ މުބާރާތުގައި ރާއްޖެ ކުޅޭ މެޗެއް ބަލާލުމުގެ ފުރުސަތު ދިނުމަށްވަނީ ހަމަޖެހިފައެވެ. އަދި ގައުމީ ޓީމުގެ ޖޯޒީއެއްވެސް ދެ މީހަކަށް ދިނުމަށް ހަމަޖެހިފައިވާކަމަށްވެސް ވޮލީ ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މަޢުލުމާތު ދިނެވެ. އެހެންކަމުން ވީހާވެސް ގިނަ ބޭފުޅުން މިމެޗް ބަލާލުމަށް ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓަށް ވަޑައިގަތުމަކީ ވީއޭއެމްގެ ވަރަށް ބޮޑު އެދުމެކެވެ.

ސެންޓްރަލް ޒޯން ވޮލީ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެއިންވަނީ އަވަށްޓެރި ސްރީލަންކާއާއި ދެކޮޅަށްވެސް އެކުވެރިކަމުގެ ތިން މެޗް ކުޅެފައެވެ. ތިން މެޗުންވެސް ރާއްޖެ ބަލިވެފައިވާއިރު، އެމެޗްތަކުގެ ސަބަބުން ޓީމަށް ކުރިއެރުންތަކެއް އައިސްފައިވާކަމަށް ގައުމީ ޓީމްގެ ކޯޗް މުޙައްމަދު ސާޖިދު ބުންޏެވެ.