ޚަބަރު

ހަފްތާރެސް ކުޑަކުދިންގެ ހަވީރަށް ބޮޑު ތަރުހީބެއް


ޔޫތު މިނިސްޓްރީން އިންތިޒާމު ކޮށްގެން ލ.އަތޮޅުގައި ކުރިއަށްގެންދާ "ހަފްތާރެސް" ކުޑަކުދިންގެ ހަވީރަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.

މިއަދު ހަވީރު ލ.ފޮނަދޫ ސްޓޭޖު ސަރަހައްދުގައި ބޭއްވި މިހަވީރުގައި ލ.އަތޮޅުގެ ގުޅިފައިވާ ރަށްތަކުގައި ދިރިއުޅޭ ގިނަ ކުޑަކުދިން ވަނީ ބައިވެރިވަފައެވެ. މިހަވީރަށް ފޮނަދޫ މުއައްސަސާތަކުން ވަނީ ތަފާތުއެކި ކުޅިވަރާއި އިނާމު ލިބޭގޮތަށް ސްޓޯލްތަކެއް ތައްޔާރުކޮށްފައެވެ.

އާއިލާގެ ބޭފުޅުންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމަށް ލިބިގެންދިޔަ މިފުރުސަތުގައި ޔޫތު މިނިސްޓްރީންވެސް ވަނީ ސްޓޯލެއް ބަހައްޓާފައެވެ. މި ހަވީރުގައި ލ.އަތޮޅު ތައުލީމީ މަރުކަޒުގެ ބޮޑުބެރު ގުރޫޕްގެ ހަރަކާތްތަކެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. ލ.އަތޮޅުގައި ކުރިއަށްގެންދާ "ހަފްތާރެސް" ޕްރުގުރާމަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ. ޒުވާނުންނަށާއި، އެކި އުމުރު މީހުންނަށް ތަފާތުއެކި މައުލޫމާތު ދިނުމުގެ ޕްރޮގުރާމުތަކެއްވެސް ދަނީ ކުރިއަށް ގެންދަމުންނެވެ.

ހަފްތާރެސް ޕްރޮގްރާމުގެ މައިގަނޑު މަޤްސަދަކީ ޒުވާނުން ވިޔަފާރީގެ މާހައުލަށް ތަޢާރަފުކޮށް، އެކަމަށް ހިތްވަރު ދިނުމާއެކު ކުދި އަދި މެދު ފަންތީގެ ދިވެހި ވިޔަފާރިތައް ކުރިއަރުވައި، އެފަރާތްތައް ބާރުވެރިކުރުވުމެވެ.

މިޕްރޮގްރާމުގެ ތެރެއިން މުޖުތަމަޢުގެ އެއްބައިވަންތަކަމާއި، އެއްބައެއްވަންތަކަން ކުރިއަރުވައި ދެމެހެއްޓުމަށްޓަކައި، އެކުވެރި، އުފާވެރި މާޙައުލެއްގައި މުނިފޫހިފިލުވުމުގެ ޙަރަކާތްތަކެއް ކުރިއަށް ގެންދެވޭނެއެވެ. އޭގެ ތެރޭގައި ދިވެހި ޒުވާން މިއުޒީޝަނުންނަށް ފަހި ފުރުސަތުތަކެއް ހޯދައިދީ، އެފަރާތްތަކުގެ ހުނަރު އިތުރުކޮށް، ހަފްތާރެސްގެ ތެރެއިން އެފަރާތްތައް މުޖުތަމަޢަށް ތަޢާރަފު ކުރެވިގެންދާނެއެވެ. މީގެއިތުރުން މުޖްތަމަޢުގައި ހުންނަ އެކި އެކި މައްސަލަތަކާއި ގުޅޭ ދާއިރާތަކުން އާންމުންނާއި، ޒުވާނުންގެ ހޭލުންތެރިކަން އިތުރުކުރެވިގެންދާނެކަމަށް ޔޫތު މިނިސްޓްރީން ވިދާޅުވެއެވެ.