ޚަބަރު

ފަތުރުވެރިކަމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މޫސުމަށް އަންނަމުންދާ ބަދަލުތައް: ޑރ.މައުސޫމް


ރާއްޖޭގެ ފަތުރުވެރި ކަމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބެމުންދާ ގެއްލުންތައްކަމަށާއި އެކަމަށް ޙައްލު ގެނައުމަށް ތަރައްޤީވެފައިވާ ޤައުމުތަކުގެ އެހީ ބޭނުންވާ ކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް ޑރ.ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ޔޫއޭއީގެ ރަސް އަލް-ޚައިމާގައި ކުރިއަށްގެންދިޔަ ގްލޯބަލް ސިޓިޒަން ފޯރަމްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ މައުސޫމް ވިދާޅުވީ މުޅި ދުނިޔެއަށްވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ދުނިޔެ ހޫނުވުމުގެ މައްސަލަކަމަށެވެ. މީގެ ސަބަބުން ރާއްޖެ ފަދަ ޤައުމުތަކަށް އަސަރުކުރަމުންދާކަން ފާހަގަކުރައްވާ މިނިސްޓަރވަނީ މިކަމުގައި ދިވެހި ސަރުކާރުން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަމުން އަންނަކަމަށް ވިދާޅުވެފައެވެ. އިޤްތިޞާދީ ގޮތުން ރާއްޖެއިން އެންމެ ބޮޑަށް ބަރޯސާވާ ދާއިރާއަކީ ފަތުރުވެރިކަމުގެ ދާއިރާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މިސިނާޢަތަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީވެސް މޫސުމަށް އަންނަމުންދާ ބަދަލުތައް ކަމަށެވެ.

ތިމާވެށީގެ ދާއިރާއިން ބައިނަލްއަޤުވާމީ އެކި ޕްލެޓްފޯމްތަކުގައި ރާއްޖެއިން އަޑުއުފުލަމުން އަންނަކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ކުޑަ ޤައުމެއް ނަމަވެސް އަންނަ 2030ގެ ނިޔަލަށް ރާއްޖެއިން ޖައްވަ ބޭރުކުރާ ވިހަ މާއްދާތައް އެއްކޮށް ހުއްޓާލުމަށް އަމާޒު ހިފާފައިވާކަމަށެވެ. މިނިސްޓަރގެ ވާހަކަފުޅުގައިވަނީ މިފަދަ އަމާޒުތަކަށް ވާޞިލުވެ މޫސުމީ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމަށް ކުދި ޖަޒީރާ ޤައުމުތަކަށް ބޮޑެތި ޤައުމުތަކުގެ ފަންނީ އެހީ ބޭނުންވާކަން ހާމަކުރައްވާފައެވެ.

"ދަ ފިއުޗަރ އިން މޯޝަން"ގެ ނަމުގައި ޔޫއޭއީގައި ބޭއްވި މިބައްދަލުކުރެއްވުމުގައި ޤައުމުތަކުގެ ވެރިންނާއި ފަތުރުވެރިކަމުގެ ދާއިރާގެ ވެރިންނާއި ތިމާވެއްޓާއި ފަތުރުވެރިކަމުގެ ދާއިރާ ތަމްސީލުކުރާ ޖަމިއްޔާ ޖަމާޢަތްތަކާއި ކުންފުނިތަކުންވަނީ ބައިވެރިވެފައެވެ.

މިފޯރަމްގައި މަޝްވަރާކުރެވުނު އިތުރު ދާއިރާތަކުގެ ތެރޭގައި ރިއަލް އެސްޓޭޓް ޓޫރިޒަމާއި ދަތުރުފަތުރުކުރުމުގައި "ގްލޯބަލް ސިޓިޒަން" އަކަށްވުމުގެ ފަސޭހަތަކާއި އޭގެ މުހިއްމުކަން ހިމެނެއެވެ.

މިމަހުގެ 12 އިން 13 ގެ ނިޔަލަށް ޔޫއޭއީގައި ކުރިއަށް ދިޔަ މިބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރ ޑރ.މައުސޫމްގެ އަރިހުގައި ޓޫރިޒަމް މިނިސްޓްރީގެ ޓީމެއްވަނީ ބައިވެރިވެވަޑައިގެންފައެވެ.