ކުޅިވަރު

ސެމީ ފައިނަލްގައި ރާއްޖެ އިންޑިޔާއާ ދެކޮޅަށް


  އަފްޣާނިސްތާން އަތުން ބަލިވެ ސާފް ސުޒުކީ ކަޕްގެ ސެމީ
ފައިނަލްގައި އިންޑިޔާއާއި ރާއްޖެ ވާދަކުރަންޖެހިއްޖެއެވެ. ސާފް ސުޒުކީ ކަޕްގައި މިރޭ
އަފްޣާނިސްތާން އަތުން ދިވެހިރާއްޖެ ބަލިވީ ހަތަރެއް އެކަކުންނެވެ. މެޗުގެ ފުރަތަމަ
ގޯލް ޖަހައި ލީޑްނެގީވެސް އަފްޣާނިސްތާނުންނެވެ. މި ލަނޑު ޖަހައިދިނީ ކެޕްޓަން
ފައިސަލް ޝައެސްތޭއެވެ. ދިވެހި ޓީމުން ނަތީޖާ އެއްވަރުކުރީ އަލީ ފާސިރުގެ ރީތި ގޯލުންނެވެ.
އެހެންނަމަވެސް މި ގޯލް ޖެހިތާ މާގިނަ އިރެއް ނުވަނީސް އަފްޣާނިސްތާނުން ދެވަނަ
ފަހަރަށް ލީޑް ނެގިއެވެ. ލިބުނު ހިލޭ ޖެހުމަކުން މި ލަނޑު އެޓީމަށް ޖަހައިދިނީ އޮމިދް
ޕޮޕަލްޒޭއެވެ. ދެވަނަ ހާފްގެ ކުރީކޮޅު އަފްޣާނިސްތާނުން އިތުރު ދެ ލަނޑުޖަހައި
ނަތީޖާގެ ފަރަގު ބޮޑުކޮށްލިއެވެ. އެޓީމްގެ ތިންވަނަ ލަނޑު އަހުމަދު ހަތީފީ
ޖަހައިދިންއިރު، ހަތަރުވަނަ ލަނޑު ޖަހައިދިނީ މެޗުގައި މޮޅު ކުޅުމެއްދެއްކި އޮމިދް
ޕޮޕަލްޒޭއެވެ. މިރޭގެ މެޗުގައި ދިވެހިރާއްޖެ އަދި އަފްޣާނިސްތާންވެސް ނިކުތީ ގިނަ
ބަދަލްތަކަކާއިއެކުއެވެ. މިގޮތުން ދިވެހި ޓީމްގެ ފުރަތަމަ އެގާރާގައި ހިމެނޭ ފަސް
ކުޅުންތެރިއެއް މިއަދުގެ ފެށީ ބެންޗުންނެވެ. ކެޕްޓަން އަލީ އަޝްފާގްވެސް ކުޅެން އެރީ
ދެވަނަ ހާފްގައެވެ. މިއީ އަފްޤާނިސްތާން ރާއްޖެ އަތުން މޮޅުވި ފުރަތަމަ ފަހަރެވެ. މިރޭގެ ނަތީޖާގެ ސަބަބުން ސާފް ސުޒުކީ ކަޕްގެ ސެމީ ފައިނަލްގައި
ދިވެހި ޓީމް ނިކުންނަންޖެހޭނީ އިންޑީޔާއާއި ދެކޮޅަށެވެ. ސެމީ ފައިނަލް ދެވަނަ
މެޗުގައި އަފްޣާނިސްތާން ނިކުންނާނީ ސްރީލަންކާއާއި ދެކޮޅަށެވެ. ސެމީ ފައިނަލް ދެމެޗްވެސް ކުޅޭނީ މިމަހުގެ 31ވަނަ ދުވަހުއެވެ.