ވިޔަފާރި

މިއަހަރު މަސައްކަތް ކުރީ ފަތުރުވެރިންގެ އިތުބާރު ހޯދަން: ޠައްޔިބު


ކޯވިޑް-19 އަށް ފަހު ޖެހިލުންވެފައި ތިބި ފަތުރުވެރިންގެ އިތުބާރު ހޯދުމަށް ރާއްޖެއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެމްއެމްޕީއާރްސީގެ މޭނޭޖިންގް ޑިރެކްޓަރ ޠައްޔިބު މުހައްމަދު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ އެންމެ މަޤްބޫލު މަންޒިލުގެ އެވޯޑު ޖެހިޖެހިގެން ދެވަނަ އަހަރު ރާއްޖެއިން ދިފާޢު ކުރުމާއި ގުޅިގެން އެމްއެމްޕީއާރްސީން ނެރުނު ނޫސްބަޔާނުގައި އެމްއެމްޕީއާރްސީގެ މެނޭޖިންގް ޑިރެކްޓަރ ޠައްޔިބު މުހައްމަދު ވިދާޅުވީ، ކޯވިޑާއި ގުޅިގެން ފަތުރުވެރިން ދަތުރު ކުރުމަށް ވަރަށް ބޮޑަށް ޖެހިލުންވެފައިވާ ކަމަށެވެ. އެހެންކަމުން ފަތުރުވެރިންގެ އިތުބާރު ހޯދުމަށް އެމްއެމްޕީއާރްސީ އާއި ކަމާއިބެހޭ އިދާރާތަކާއި އަދި އެންޖީއޯތަކާއި، މުޅިއެކު ސިނާޢަތުގައި ހަރަކާތްތެރިވާ އެންމެން ގުޅިގެން ބުރަ މަސައްކަތެއް ކުރެވިފައިވާކަން ޠައްޔިބު ފާހަގަ ކުރެއްވިއެވެ.

އެގޮތުން ރާއްޖެއަކީ އެންމެ މަޤްބޫލު އަދި ރައްކާތެރި މަންޒިލުގެ ގޮތުގައި ޕްރޮމޯޓު ކުރުމާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ އެކި ޕްރޮޑަކްޓުތަކާއި ތަޖުރިބާތައް އިޝްތިހާރު ކުރުމަށް، އެމްއެމްޕީއާރްސީން ކެނޑިނޭޅި މަސައްކަތް ކުރަމުން ދިޔަ ކަމަށެވެ.
އަދި އަލުން ބޯޑަރު ހުޅުވައި ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް ތައްޔާރުވެ އެންމެ ބޮޑު އަހަމިއްޔަތު ކަމެއް ދިނީ ކޯވިޑް-19 ގެ ސަބަބުން އެޅިފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށާއި ދިވެހިރާއްޖެ ގުދުރަތީ ގޮތުން ވަކި ރަށްތަކެއްގެ އުފެދިފައި އޮންނަ އޮތުމާއި ކޮންމެ ރިސޯޓެއް ވަކި ރަށެއްގެ ގޮތުގައި ތަރައްގީވެފައި އޮންނަ ގޮތް ބުނެދީ، އެކަންކަން ޕްރޮމޯޓްކުރުމަށެވެ. އަދި މި މަސައްކަތުގެ ސަބަބުން ދިވެހިރާއްޖެ އެންމެ "ރައްކާތެރި މަންޒިލް" އަށް ވެގެން ދިޔަ ކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ.

ކޯވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ކުރިމަތިވި ގޮންޖެހުންތަކާއެކުވެސް ރާއްޖެއިން 2020 ވަނަ އަހަރު ފުރަތަމަ ފަހަރަށް ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަން އެވޯޑު ހާސިލްކުރީ، މިދާއިރާގައި ހިމެނޭ ހުރިހާ ފަރާތްތަކުގެ މިންނެތް މަސައްކަތާއި އެއްބާރުލުމާއެކުކަން އެމްއެމްޕީއާރްސީން ފާހަގަ ކުރެއެވެ. އަދި މިފަދަ ދަނޑިވަޅެއްގައި މިފަދަ ޝަރަފުވެރި އެވޯޑެއް ރާއްޖެއަށް ލިބުމަކީ މުޅި ގައުމާއި ޚާއްސަކޮށް ފަތުރުވެރިކަމުގެ ސިނާއަތަށް ލިބުނު މުހިންމު ކާމިޔާބެއްކަންވެސް އެމްއެމްޕީއާރްސީން ފާހަގަ ކުރެއެވެ.

މިއަހަރު މި އެވޯޑު ދިފާޢު ކުރުމަށް އެމްއެމްޕީއާރްސީ އާއި މިސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެގޮތުން 2021 ވަނަ އަހަރުގެ މިހާތަނަށް އެމްއެމްޕީއާރްސީން ދިވެހިރާއްޖެ އިޝްތިހާރުކުރުމަށް 24 މާކެޓެއްގައި 209 ހަރަކާތް ހިންގިއެވެ. މީގެތެރޭގައި 109 މާކެޓިން ކެމްޕެއިން އާއި، 60 ފެއަރ އާއި ވާޗުއަލް ހަރަކާތުގެ އިތުރުން 10 ރޯޑް ޝޯ އާއި 30 ފެމިލަރައިޒޭޝަން ދަތުރު ހިމެނެއެވެ. އިންޓަރވިއުއާއި އެހެނިހެން ހަރަކާތްތައްވެސް ހިމެނޭ ގޮތަށް މުޅި އަހަރު ތެރޭ ވިޒިޓް މޯލްޑިވްސްއިން ވަނީ 400 ހަރަކާތް ހިންގާފައެވެ.

އެންމެ މަޤްބޫލު މަންޒިލުގެ އެވޯޑުގެ އިތުރުން ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީން ވެސް 4 އެވޯޑެއް ދިވެހި ރާއްޖެ ކާމިޔާބުކޮށްފައިވެއެވެ. އެއީ އިންޑިއަން އޯޝަން ލީޑިން ޑެސްޓިނޭޝަން، އިންޑިއަން އޯޝަން ލީޑިން ބީޗް ޑެސްޓިނޭޝަން، އިންޑިއަން އޯޝަން ލީޑިން ޑައިވް ޑެސްޓިނޭޝަން އަދި އިންޑިއަން އޯޝަން ޓުއަރިސްޓް ބޯޑުގެ އެވޯޑެވެ. އިންޑިއަން އޯޝަންގެ ލީޑިން ޑެސްޓިނޭޝަންގެ އެވޯޑް ދިވެހިރާއްޖެ އަށް ކާމިޔާބުވި މިއީ 14 ވަނަ ފަހަރެވެ. މި އެވޯޑް ދެމުން އަންނަތާ މިއީ 18 ވަނަ އަހަރެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމަށް 1993 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ ވޯލްޑް ލީޑިންގ ޑެސްޓިނޭޝަންގެ އެވޯޑަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑެވެ. މި އެވޯޑް ރާއްޖެއަށް ލިބުނުކަން އިއުލާން ކޮށްފައިވަނީ ވާޗުއަލްކޮށް ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑްސް 2021ގެ ގްރޭންޑް ފިނާލޭ ހަފްލާގައެވެ. މިދިޔަ އަހަރުވެސް ރާއްޖެއަށް ވޯލްޑް ލީޑިންގ ޑެސްޓިނޭޝަންގެ އެވޯޑް ލިބިފައިވާއިރު، އެއީ މި އެވޯޑް ރާއްޖޭގެ ފަތުރުވެރިކަމުގެ ދިގު ތާރީޚުގައި ލިބުނު ފުރަތަމަ ފަހަރެވެ.