ޚަބަރު

އީރާނުގެ ނިޔުކްލިޔަރ މަރުކަޒެއްގައި އައިއޭއީއޭއިން އަލުން ކެމެރާ ހަރުކުރަނީ


އީރާނުގެ ނިޔުކްލިޔަރ ހަކަތަ އުފައްދާ މަރުކަޒެއްގައި އެޓޮމިކް ހަކަތައާބެހޭ ބައިނަލްއަޤްވާމީ އިދާރާ، އައިއޭއީއޭއަށް އަލުން ކެމެރާ ހަރުކުރުމުގެ ޙުއްދަ ދީފިއެވެ. އީރާނުން އެ ގޮތަށް ނިންމާފައިވަނީ ނިޔުކްލިޔަރ މަޝްރޫޢުއާ ގުޅޭ މަޝްވަރާތަކުގެ އިތުރު ބުރެއް ފަށާފައިވާ ދަނޑިވަޅެއްގައެވެ.

އީރާނުގެ ނިޔުކްލިޔަރ ހަކަތަ އުފައްދާ މަރުކަޒެއްކަމަށްވާ ޓޭސާ ކަރަޖު ކޮންޕުލެކްސްގައި އައިއޭއީއޭއިން ކުރިންވަނީ ހަތަރު ކެމެރާ ހަރުކޮށްފައެވެ. ނަމަވެސް އެ މަރުކަޒަށް ދިން ސައިބަރ ޙަމަލާއެއްގައި އޭގެ ތެރެއިން އެއް ކެމެރާވަނީ ހަލާކުވެފައެވެ. އީރާނުން ތުޙްމަތުކުރާ ގޮތުގައި މިދިޔަ ޖޫން މަހުގެ ތެރޭގައި އެ ޙަމަލާ ދިނީ އިސްރާއީލުންނެވެ. އަދި އީރާނުންވަނީ އެ ކެމެރާ ބަދަލުކުރުމުގެ ޙުއްދަ އައިއޭއީއޭއަށް ދިނުމަށް ދެކޮޅުހަދައިފައެވެ. އަދި ހަލާކުނުވެ ހުރި ތިން ކެމެރާވެސް އީރާނުންވަނީ ނަގައިފައެވެ.

އީރާނުގެ ނިޔުކްލިޔަރ މަރުކަޒުތަކުގެ ކެމެރާތަކުން ފެންނަ މަންޒަރުތައް އައިއޭއީއޭއާ ޙިއްޞާކުރުމުގެ އެއްބަސްވުމެއް ޤާއިމުކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އީރާނުންވަނީ ވަޤުތީ ގޮތުން އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްދީފައެވެ.

2015ވަނަ އަހަރުގެ ތެރޭގައި ދުނިޔޭގެ ބާރުތަކާއެކު އީރާނުން ވެފައިވާ ޖޮއިންޓު ކޮންޕުރިހެންސިވް ޕުލޭން އޮފް އެކްޝަންގެ ދަށުން އީރާނުގެ ނިޔުކްލިޔަރ މަސައްކަތްތައް މަދުކުރުމުގެ ބަދަލެއްގެ ގޮތުގައި އެ ޤައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށްވަނީ އެއްބަސްވެފައެވެ. އެ އެއްބަސްވުމުގައި އެމެރިކާއާއި އިނގިރޭސިވިލާތާއި ރަޝިޔާއާއި ޖަރުމަނުވިލާތާއި ފަރަންސޭސިވިލާތާއި ވިލާތުގެ އިއްތިޙާދާއި ޗައިނާއިން ބައިވެރިވެފައިވެއެވެ. ނަމަވެސް 2018ވަނަ އަހަރުގެ ތެރޭގައި އެމެރިކާއިންވަނީ އެއްބަސްވުމުން ވަކިވެ އީރާނާ ދެކޮޅަށް ދަތިކުރުމުގެ ގިނަ ފިޔަވަޅުތަކެއް އަޅައިފައެވެ. އޭގެ ސަބަބުން އީރާނުންވަނީ އެއްބަސްވުމާ ޚިލާފަށް ބައެއް ކަންތައްތައް ކުރަން ފަށައިފައެވެ.