ޚަބަރު

ށ ފީވަކު ފުޓުބޯޅަ ދަނޑުގެ ސަބްބޭސްގެ މަސައްކަތް ހަފްތާއެއްތެރޭ ނިމޭނެ


ށ ފީވަކު ފުޓްބޯޅަ ދަނޑުގައި ސަބްބޭސްގެ މަސައްކަތް ހަފާތްއެއް ތެރޭގައި ނިމޭވަރުވާނެ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

އެރަށު ކައުންސިލްގެ ރައީސް އަލީ ރަޝީދު ވިދާޅުވީ މަސައްކަތް ކުރަމުންދާ ހަލުވިމިނަށް ބަލާނަމަ ކާނު އެތުރުމުގެ މަސައްކަތް ނިންމާ ދަނޑު އެއްވަރު ކުރުމުގެ މަސައްކަތް މިފެށޭ ހަފްތާތެރޭ ނިންމާލެވޭނެކަމަށެވެ.

އެރަށު ބޮޑު ފުޓުބޯޅަ ދަނޑު ތަރައްޤީ ކުރުމުގެ މަސައްކަތް ކުރާ މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓެކްޓިން ކޮމްޕެނީ އެމްޓީސީސީ އިން ބުނީ މުޅި މަސައްކަތުގެ 72 އިންސައްތަ މިހާރު ނިމިފައިވާކަމަށެވެ. މީގެތެރެއިން ކާނު ހަރުކުރުމުގެ މަސައްކަތުގެ 98 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށް އެކުންފުނިން ބުނެއެވެ. މިހާރު ކުރަމުންދަނީ ކާނު އެތުރުމުގެ މަސައްކަތާއި، ކާނު ކައިރީގައި ކޮންކްރީޓް އެޅުމުގެ މަސައްކަތެވެ.

މިމަޝްރޫއުގެ ދަށުން 8400 އަކަ މީޓަރުގެ ސަރަހައްދެއް ސާފުކުރުމާއި ފުޓުބޯޅަ ދަނޑު ހިމެނޭ 2940 ކިއުބިކް މީޓަރުގެ ސަރަހައްދެއް ކޮނެ 4511.70 ކިއުބިކް މީޓަރަށް ވެލިއަޅާ އެއްވަރުކޮށް މިހާރު ވަނީ ނިންމާފައެވެ. މީގެ އިތުރުން 460.29 އަކަ މީޓަރުގެ ސަރަހައްދެއްގައި ކާނުގަނޑަކާ ފެންހިންދާ ވަޅުގަނޑެއް ކޮނުމުގެ މަސައްކަތްވެސް މިމަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.

ފީވަކު ދަނޑު ތަރައްޤީ ކުރުމުގެ މަސައްކަތަކީ 2.68 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.