ޚަބަރު

ކޯވިޑްގެ ހާލަތު ގޯސްވެދާނެ: ސްކޫލް ބަންދުގައި ދަތުރުކުރާއިރު ސަމާލުވޭ!

ރާއްޖޭގައި މިވަގުތު ކޯވިޑްގެ ކޭސްތައް ނިސްބަތުން މަދުނަމަވެސް މި ބަލި އެކީގައި ކޮންޓްރޯލްވާ ހާލަތެއް އަދިވެސް ފެންނާކަށް ނެތެވެ. ކޯވިޑްގެ އެކި ވޭރިއަންޓްތައް އުފެދި ބަލީގެ ނުރައްކަލުގެ ރަނގަބީލު އިހުނަށްވުރެ ބޮޑަށް ގަދަވަމުން އަންނައިރު ރާއްޖޭގައި މިހާރު ޑެލްޓާ ވޭރިއަންޓް އަންނަނީ ފެތުރެމުންނެވެ. އެގޮތުން ރާއްޖެއިން ހަދާފައިވާ ޖީން ސީކުއެންސްތަކުގެ 99 އިންސައްތައަކީ ޑެލްޓާ ވޭރިއެންޓެވެ. އަދި މިހާރު ފެތުރެމުން އަންނަ އޮމިކްރޯންގެ 5 ކޭސް ރާއްޖެއިން ފެނިފައިވާއިރު މިއީ 1 އިންސައްތައަށް ވުރެ މަދުއަދަދެކެވެ. މިއަދަދު މިހާރު މަދުނަމަވެސް އަޅުގަނޑުމެންގެ ޢަމަލުތައް ބަހައްޓާ ގޮތުން އަނެއްކާވެސް ބަލީގެ ހާލަތު ގޯސްވުން ގާތެވެ. މީގެ ކުރިންވެސް ކޯވިޑްގެ ހާލަތު ގޯސްވެފައިވަނީ އަޅުގަނޑުމެންގެ އަމަލުތަކުގެ ސަބަބުން، އެއްވުންތަކާއި ޗުއްޓީ ހޭދަކުރަން އެކި ތަންތަނަށް ފުރައިގެން ދިޔުމުގެ ސަބަބުންނެވެ. އާ ވޭރިއަންޓް ފެނިފައި މިވަނީ އަނެއްކާވެސް ޗުއްޓީ ދުވަސްވަރަށެވެ.

އާޢްމުގޮތެއްގައި ކޮންމެ އަހަރެއްގެވެސް ޑިސެމްބަރުމަހުގެ ފަހުކޮޅަކީ ސްކޫލްތައް ބަންދުވުމާ ގުޅިގެން ގިނަ ބަޔަކު އަތޮޅުތަކަށާއި ރާއްޖެއިން ބޭރަށްވެސް ފުރައިގެން ދާ ދުވަސްވަރެކެވެ. އެހެންނަމަވެސް މިހާރު މި ދަތުރުތައް ކުރުމުގައިވެސް ވިސްނާ ސަމާލުވާން އެބަޖެހެއެވެ. ސަބަބަކީ ރާއްޖޭގައި މިހާރު އެންމެ ގިނައިން ބަލި ފެންނަމުން މިއަންނަނީ އަތޮޅުތަކުން ކަމަށް ވުމުންނެވެ. ޗުއްޓީއަށް މާލެއިން ނުވަތަ އެއްރަށުން އަނެއް ރަށަށް ދަތުރުކުރާއިރު އެ ރަށެއްގެ ހާލަތު ރަނގަޅަށް ބެލުމަށްފަހު ދަތުރު ނުފެށުމަކީ މުހިއްމުކަމެކެވެ. އަދި ހަމަ އެހެންމެ މާލެއިން ރަށްރަށަށް ދަތުރުކުރާއިރުވެސް ޕީސީއާރު ނެގެޓިވް ނަތީޖާއެއް އޮތުމާއި ކޯވިޑް ނެތްކަން ޔަޤީން ކުރުމަށްފަހު ނޫނީ ދަތުރު ނުކުރާށެވެ. އަދި ޗުއްޓީ ހޭދަކުރުމަށް ރަށްރަށަށް ގޮސް އުޅޭއިރުވެސް ވީހާވެސް ބޮޑަށް އެއްވުންތައް މަދުކުރުމާއި ކޯވިޑް އިން ރައްކާތެރިވުމަށް އަޅަން އަންގަވާފައިވާ ފިޔަވަޅުތަކަށް ފުރުހަމައަށް ކިޔަމަންތެރިވުން މުހިއްމެވެ. ނޫންނަމަ ހާލަތު ގޯސްވެދާނެއެވެ.

ޗުއްޓީ ދުވަސްވަރަކަށް ވުމާއެކު އަތޮޅުތެރެއެކޭ އެއްފަދައިން ރާއްޖެއިން ބޭރަށްދާ މީހުންގެ ނިސްބަތްވެސް ވަކި މަދެއް ނޫނެވެ. އެހެންނަމަވެސް ކުރިއާ އަޅާބަލާއިރު ޤައުމުތަކުގެ ހާލަތުވެސް މިވަނީ ގޯސްވެފައެވެ. ކޯވިޑްގެ އެކި ވޭރިއަންޓްތައް އުފެދި ބައެއް ޤައުމުތަކުން މިވަނީ ބަލި ކޮންޓްރޯލް ކުރުމަށް ދަތިވެފައެވެ. މިފަދަ ހާލަތެއްގައި ޤައުމުތައް އޮތް އިރު ރާއްޖެއިން ބޭރަށް ދަތުރު ކުރާ ފަރާތްތަކުންވެސް ވިސްނާލަންޖެހެއެވެ. އެގޮތުން ބަލި ޖެހުނުނަމަވެސް ބަލީގެ އަސަރު ކުޑަކުރުމަށްޓަކައި ޚާއްސަކޮށް ވެކްސިން ޖެހުމާއި ކަރަންޓީންވުން ފަދަ މުހިއްމު ކަންކަން ހިމެނެއެވެ. އަދި މިދަނޑިވަޅުގައި ކޯވިޑް ހަލުވިކަމާއެކު ފެތުރެމުން އަންނަ ޤައުމުތަކަށް ދަތުރުނުކޮށް މަޑުޖައްސާލާށެވެ.

ކުރިއަށް އޮތީ ޗުއްޓީ ދުވަސްވަރުކަމުން މިކަންކމަށް ސަމާލުވުމަށް ޞިއްހީ ތަޖްރިބާކާރުން މިދަނީ ތަކުރާރުކޮށް އިލްތިމާސްކުރައްވަމުންނެވެ. އެޗްޕީއޭއިންވެސް ވަނީ ކުރިއަށް އޮތް ސްކޫލް ބަންދުގައި އަތޮޅު ތެރެއަށް ދަތުރުކުރާ ފަރާތްތަކުން އިތުރަށް ސަމާލުވެ ރައްކާތެރިވުމަށް އިލްތިމާސްކުރައްވާފައެވެ. މިވަގުތު މާލެ ސަރަހައްދާ އަޅާ ބަލާއިރު އަތޮޅުތަކުގެ ހާލަތު ގޯސްއިރު މިހާރުވެސް ކޯވިޑް ފެތުރޭ 21 ރަށެއް އޮތީ އަރާ ފޭބުން މަނާކޮށް ކަރަންޓީންގައެވެ. އެޗްޕީއޭއިން މިގޮތަށް އިލްތިމާސްކޮށްފައި މިވަނީ އަނެއްކާވެސް ކޯވިޑްގެ އާ ވޭރިއެންޓެއްވެސް ފެތުރެމުން އަންނާތީއާއެކީގައެވެ. މިއީ ކޯވިޑްގެ އެހެން ވޭރިއަންޓްތަކާ އަޅާބަލާއިރު ނުރައްކާތެރި ވޭރިއެންޓެކެވެ.

ކޯވިޑްގެ ހާލަތު ގޯސްވުމާ ގުޅިގެން އަޅުގަނޑުމެން ދޮޅު އަހަރުދުވަސް ވަންދެން ދަތުރުނުކޮށް ތިބެން ޖެހުނެވެ. ސްކޫލްތައް ބަންދުކޮށް ޖެހުނީ އޮންލައިންކޮށް ކިޔަވައިދޭށެވެ. ޗުއްޓީއަށް ފަހު ސްކޫލްތައް އަލުން ހުޅުވާ ކިޔަވައިދޭން ފަށާއިރު އަނެއްކާވެސް ހާލަތު ގޯސްވެއްޖެނަމަ ސްކޫލްތައް ބަންދުކޮށް ކިޔަވައިދޭން ބޭނުންވާނެހެއްޔެވެ؟ މީގެ އިތުރުން ކޯވިޑާއި ގުޅިގެން ގިނަ ބަޔަކު އާމްދަނީ ހޯދަން ކުރަމުން އައި މަސައްކަތް ހުއްޓިފައި އޮތުމަށްފަހު ފަށައިގަނެފައިވާ މިދަނޑިވަޅުގައިވެސް ބަލީގެ އިތުރު ރާޅެއް އައުމުގެ ފުރުސަތު ކުޑަކުރަންޖެހެއެވެ. އެންމެ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުވާން އެބަޖެހެއެވެ. ނޫންނަމަ ވޭތުވެދިޔަ ދެ އަހަރު ތެރޭގައި ކޯވިޑުގެ ސަބަބުން ލިބުނު ގެއްލުންތައް ތަކުރާރުވުމަކީ ދުރުކަމެއް ނޫނެވެ.