ކުޅިވަރު

ފައިނަލްގައި އެފްއެސްއެމް އާއި އާރްއާރްސީ


ސަރުކާރު އޮފީސް ކުންފުނިތަކަށް ހާއްސަކޮށްގެން ކުރިއަށްގެންދާ އެންމެ ފޯރިގަދަ ފުޓްސެލް މުބާރާތުގެ ފައިނަލުން އެފްއެސްއެމް އާއި ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) ޖާގަ ހޯދައިފިއެވެ. މިމުބާރާތުގެ ފައިނަލުން އެފްއެސްއެމް ޖާގަ ހޯދީ ރޭ ކުޅުނު ސެމީ ފައިނަލް ފުރަތަމަ މެޗްގައި ޕްރިޒަން ކުލަބާއި ވާދަކޮށް 2 ލަނޑު 1 ލަނޑުން މެޗް ކާމިޔާބުކޮށްގެންނެވެ.

މިމެޗަށް ނިކުތްއިރު ޕްރިޒަން ކުލަބުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ސާޖިދު ރަޝީދު އެކްސިޑެންޓް ވެގެން އޭނާއަށް މިމެޗްގައި ކުޅެވޭ ގޮތެއް ނުވިއެވެ. ސެމީ ފައިނަލް މެޗަކަށް ވުމުން ދެ ޓީމުންވެސް މެޗަށް ނިކުމެފައިވަނީ ޑިފެންސަށް ވިސްނައިގެންނެވެ. ޚާއްސަކޮށް މެޗުގައި އެންމެ ބޮޑަށް ޑިފެންސަށް ވިސްނައިގެން ކުޅެފައިވަނީ ޕްރިޒަން ކުލަބުންނެވެ. ދެ ޓީމުންވެސް ޑިފެންސަށް ވިސްނައިގެން ކުޅުމުގެ ނަތީޖާއެއްގެ ގޮތުން މެޗްގެ ފުރަތަމަ ހާފްގައި އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ.

މެޗްގެ ދެވަނަ ހާފްގައި އެފްއެސްއެމްއިން ކުޅެން ނިކުމެވައިވަނީ ވަރަށް ބޮޑަށް ކުރިއަށް ޖެހިލައިގެންނެވެ. އެޓީމުން މެޗް ކޮންޓްރޯލްކޮށްގެން ކުޅެފައި ވީނަމަވެސް، ޕްރިޒަން ކުލަބުންވެސް ވަނީ އެޓީމަށް ލިބުނު ފުރުސަތުތަކުގައި އެފްއެސްއެމްގެ ގޯލަށް ނުރައްކާ ކޮށްފައެވެ. މެޗްގައި އެންމެ ފުރަތަމަ ގޯލް ޖަހައި، ލީޑްނެގީ އެފްއެސްއެމްއިންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު ތާހިރެވެ. އެފްއެސްއެމްއިން ގޯލެއް ޖެހިތާ މިނެޓެއްގެ ފަހުން ޕްރިޒަން ކުލަބުންވަނީ ގޯލެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑު ޕްރިޒަން ކުލަބަށް ކާމިޔާބުކޮށްދިނީ އާދަމް މަންސޫރުއެވެ. މިއާއެކު މެޗްގެ ފޯރި އިތުރަށް ގަދަވެގެންދިޔައެވެ. ގޯލެއް ޖެހުމަށް ޕްރިޒަން ކުލަބުން ކުރިއަށް ޖެހިލައިގެން ކުޅެމުންދަނިކޮށް، ކައުންޓަރ އެޓޭކެއްގައި ލިބުނު ފުރުސަތެއްގައި އެފްއެސްއެމްއިން ވަނީ ގޯލްއެއް ޖަހާ އަލުން ލީޑް ނަގާފައެވެ. މިލަނޑު އެފްއެސްއެމަށް ކާމިޔާބުކޮށްދިނީ ނާއިފް ޝަފީގެވެ.

މެޗުގައި ދެވަނަ ފަހަރަށް އެފްއެސްއެމްއިން ލީޑް ނެގުމާއެކު ޕްރިޒަން ކުލަބުން ގޯލެއް ޖެހުމަށް ވަރަށް ބޮޑަށް ކުރިއަށް ޖެހިލައިގެން ކުޅެމުންދިޔައެވެ. މެޗްގެ އިތުރު ވަގުތުގައި ޕްރިޒަން ކުލަބުން ގޯލެއް ޖެހުމަށް މަސައްކަތް ކުރަމުންދަނިކޮށް، އެފްއެސްއެމަށް 5 ފައުލް ހަމަވެގެން އެޓީމަށް ދުރު ޕެނަލްޓީއެއް ދައްކާފައިވަނިކޮށް، މެޗްގެ ދެވަނަ ރެފްރީ މެޗް ނިންމާލުމުން، ކޮންމެވެސް ވަރެއްގެ ހިތްހަމަނުޖެހުންތަކެއްވެސް އުފެދުނެވެ. ނަމަވެސް ރެފްރީން މަޝްވަރާ ކުރުމަށްފަހު ޕްރިޒަން ކުލަބަށް ދުރު ޕެނަލްޓީއެއް ދިނެވެ. މެޗްގެ ނަތީޖާ ހަމަހަމަ ކުރުމަށް ޕްރިޒަން ކުލަބަށް ލިބުނު ފުރުސަތުގެ ބޭނުން އެޓީީމުގެ އަހުމަދު ޝަމާލަށް ހިފޭ ގޮތެއް ނުވިއެވެ. މިއާއެކު އެފްއެސްއެމަށް ފައިނަލްގެ ފުރަތަމަ ޖާގަ ޔަގީންވެގެންދިޔައެވެ.

މިމުބާރާތުގެ ސެމީ ފައިނަލްގެ ދެވަނަ ޖާގަ ހޯދީ ޕެނަލްޓީގައި ކުރި ހޯދައިގެން އާރްއާރްސީއެވެ. ފެނަކަ އާއި އާރްއާރްސީ ބައްދަލުކުރި މެޗްގައި ފުރިހަމަ ވަގުތު ހަމަވީއިރު ދެ ޓީމުންވެސް ވަނީ 3 ލަނޑު ޖަހާފައެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި އާރްއާރްސީއިން ކުރި ހޯދީ 6 ލަނޑު 3 ލަނޑުންނެވެ. މިމެޗަށް ނިކުތްއިރު، ފެނަކަ ޓީމްގެ އެންމެ މުހިންމު ކުޅުންތެރިޔާ އަޔާޒް އަހުމަދުއަށް ދެ ކާޑް ހަމަވުމުގެ ސަބަބުން، ވަނީ ސަސްފެންޑްވެފައެވެ. މިމެޗް އާރްއާރްސީއިން ފެށީ ވަރަށް ވަރުގަދަކޮށެވެ. މެޗްގެ ތިންވަނަ މިނެޓްގައި އެޓީމުގެ މިދުހަތު ފަހުމީވަނީ ލަނޑެއްޖަހައި ލީޑް ނަގައިދީފައެވެ. އަދި ފެނަކައިގެ ރިހާމް ޢަބްދުލްޣަނީ އަތުން ބައިކޮޅަށް ވަތް ގޯލާއެކު އާރްއާރްސީއަށް ދެ ގޯލްގެ ލީޑެއް ލިބިގެންދިޔައެވެ. މިއީ އާރްއާރްސީއިން އުފައްދަން މަސައްކަތްކުރި ބޯޅައެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ރިހާމް ޢަބްދުލްޣަނީ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. އާރްއާރްސީގެ ދެވަނަ ގޯލާއެކު ފެނަކައިން ގޯލެއް ޖެހުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ފެނަކައިގެ ޔަސްފާދު ހަބީބު ވަނީ ގޯލެއް ޖަހައި، ލީޑް ހަނިކޮށްފައެވެ.

މެޗްގެ ދެވަނަ ހާފްގައި އާރްއާރްސީއިން ދެ ގޯލްގެ ލީޑްއެއް ހޯދުމާއިއެކު ފެނަކައިން ހިތްވަރު އެލުވާނުލާ މެޗުން މޮޅުވުމަށް މަސައްކަތްކުރިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މެޗްގެ ފަހުކޮޅުގައި އެޓީމުގެ ޔަސްފާދި ހަބީބްވަނީ ދެ ގޯލް ޖާހާ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗްގެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި އާރްއާރްސީއަށް އެޓީމްގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ އާދަމް، ހަސަން ރާއިފް އަހުމަދު އަދި އިބްރާހީމް އަސްވަދުއެވެ. އެޓީމްގެ އަލީ ޝާމިސް ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ހުރަސްދަނޑިމަތިން ބޭރަށެވެ. މިމެޗްގައި ފެނަކައިން ޖެހި އެއްވެސް ޕެނަލްޓީއެއް އެޓީމަށް ކާމިޔާބިކޮށްކުރެވޭ ގޮތެއް ނުވިއެވެ. އަހުމަދު ހަލީމްގެ ޕެނަލްޓީ އާރްއާރްސީގެ ކީޕަރު މުހައްމަދު ޒުހަލް މަތަކުރިއިރު، ފެނަކައަށް ހެޓްރިކް ހެދި ޔަސްފާދުއަށް ޕެނަލްޓީ ޖަހަން ލިބުނު ދެ ފުރުސަތުގެވެސް ބޭނުން އޭނާއަށް ހިފޭގޮތެއް ނުވިއެވެ. އަދި އިބްރާހިމް އަރީޝް ޖެހި ޕެނަލްޓީ ދިޔައީ ގޯލްއާއި ސީދާ ނުވެ ބޭރަށެވެ.

މިމުބާރާތުގެ ފައިނަލްގައި އާރްއާރްސީ އާއި އެފްއެސްއެމް ވާދަކުރާ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ އާދިއްތަ ދުވަހުގެ ރޭގައެވެ.