ސިއްހަތު

ގްރޭޑް އެކެއްގެ ދަރިވަރުންގެ ހެލްތް ސްކްރީން ރިޕޯޓް ޢާއްމުކޮށްފި


މާލޭއާއި އަތޮޅުތަކުގައި ގްރޭޑް  އެކެއްގައި ތަޢުލީމް ޙާޞިލްކުރި ކުދިންގެ ހެލްތު ސްކުރީން ރިޕޯޓް ޢާއްމުކުރައްވައިފިއެވެ.މާލެއާއި އަތޮޅުތަކުން ގްރޭޑް އެކެއްގައި ތަޢުލީމު ޙާޞިލްކުރަމުންދިޔަ ދަރިވަރުނަށް ދިމާވާ ޞިއްޙީ މައްސަލަތައް ދެނެގަތުމަށް ހިންގެވި ހެލްތް ސްކުރީން ޕްރޮގްރާމުން ފާހަގަކުރެއްވުނު ކަންތައްތަކުގެ ތެރޭގައި އެންމެ ގިނައިން ފާހަގަކުރެވިފައިވަނީ ދަތްފަނިކެއުމާއި ލޮލުގެ މައްސަލަތައް ފަދަ ބަލިތަކެވެ.މި ރިޕޯޓްގައި ފާހަގަކޮށްފައިވާގޮތުން 561 ކުއްޖަކަށް ލޮލުގެ މައްސަލަ ދިމާވެފައިވާކަން ފާހަކޮށްފައިވެއެވެ. އަދި ކަންފަތުގެ މައްސަލަތަކަށް ބަލާއިރު 758 ކުއްޖަކަށް ކަންފަތާގުޅުންހުރި އެކި މައްސަލަތައް ދިމާވެފައިހުރިކަން ފާހަގަކުރެވުނުއިރު، އަޑު އިވުމުގެ މައްސަލަތައް ހުރި ކުދިންގެ ގޮތުގައި 40 ކުދިން ރިޕޯޓްކުރެވިފައިވެއެވެ.މީގެ އިތުރުން ދަތުގެ މައްސަލަތަކުގެ ގޮތުގައި 1195 ކުދިން ރިޕޯޓްކޮށްފައިވާއިރު، ހަމުގެ މައްސަލަތަކުގެ ގޮތުގައި 415 މައްސަލަ ރިޕޯޓްކޮށްފައިވެއެވެ.މި ރަސްމިޔާތުގައި ވާހަކަފުޅުދައްކަވަމުން އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ އެއްވެސް ކުއްޖަކު ބާކީނުކުރެއްވުމުގެ ސިޔާސަތުގެ ތެރެއިން އެ މިނިސްޓްރީން އަމާޒުކުރައްވާފައިވަނީ ކޮންމެ ކުއްޖަކަށްވެސް ބޭނުންވާ ތަޢުލީމާއި، ތަމްރީނާއި ތަރުބިއްޔަތުގެ އިތުރުން ކޮންމެ ކުއްޖަކަށްވެސް ބޭނުންވާ ޖިސްމާނީ، ނަފްސާނީ، އަދި ރޫޙާނީ ދުޅަހެޔޮކަންވެސް ހޯއްދެވުމުގެ މައްޗަށްކަމަށެވެ.މި ރިޕޯޓަކީ ގްރޭޑް 1 ގެ ދަރިވަރުންގެ ހެލްތް ސްކްރީނިންގ ހެއްދެވުމަށް މިނިސްޓްރީ އޮފް ހެލްތާއި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީއާއެކު 19 ފެބްރުއަރީ 2014 ގައި ވެވުނު އެއްބަސްވުމުގެ ދަށުން އެކުލަވާލާފައިވާ ރިޕޯޓެކެވެ. މި ރިޕޯޓް އެޑިޔުކޭޝަން މިނިސްޓްރީއާއި ޙަވާލުކޮށްދެއްވީ އެމް.އެން.ޑީއެފްގެ ވައިސް ޗީފް އޮފް ޑިފެންސްފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙުމަދު ޝާހިދެވެ.އަތޮޅުތެރޭގެ ހެލްތްސް ކުރީންކުރެއްވުމުގެ މަސައްކަތް ހިންގެވީ މިނިސްޓްރީ އޮފް ހެލްތް މެދުވެރިކޮށް އަތޮޅު ހޮސްޕިޓަލުންނާއި ޞިއްޙީ މަރުކަޒުތަކުންނެވެ. މާލޭގެ ސްކޫލްތަކުގެ ހެލްތްސް ކުރީންގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ސެނެހިޔާ ހޮސްޕިޓަލްގެ ފަރާތުންނެވެ.