މާލޭގެ ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝް މާލޭގެ ގެއަކުން ކުއްޔަށް ނެގި ދެ ކޮޓަރީގެ އެޕާޓްމަންޓަކަށް ދޭންޖެހޭ ފައިސާ ނުދައްކައިގެން، އެ ފައިސާ ދެއްކުމަށް ސިވިލް ކޯޓުން ނަރީޝްގެ މައްޗަށް ހުކުމްކޮށްފިއެވެ.
ސިވިލް ކޯޓަށް މިމައްސަލަ ހުށަހަޅާފައިވާ އެޕާޓްމަންޓަށް ނަރީޝް ދައްކަންޖެހޭ 98856 ރުފިޔާ ނުދައްކައިގެނެވެ. އޭގެ ތެރޭގައި ހިމެނެނީ ކުލީގެ ފައިސާއަށްވާ 90235 ރުފިޔާއާއި ކަރަންޓާއި ފެން ބިލަށްވާ 8603 ރުފިޔާއެވެ.
މިމައްސަލައިގައި ފައިސާ ދޭންޖެހޭކަމަށް ފުރަތަމަ ނަރީޝް އިންކާރުކުރިނަމަވެސް، ފަހުން އޭނާ ވަނީ މައްސަލަ ހިނގަމުން ދަނިކޮށް، ގޭގެ ވެރިފަރާތުގެ އެކައުންޓަށް 35000 ރުފިޔާ ޖަމާކޮށްފައެވެ. އަދި ބާކީ އޭނާއަށް ނުދެއްކި ވަނީ 35365 ރުފިޔާކަމަށް ނަރީޝް ކޯޓުގައި ވަނީ ބުނެފައެވެ. އަދި އެފައިސާ 6 މަސް ދުވަހުގެ ތެރޭގައި ދައްކާނެކަމަށް ނަރީޝް ކޯޓުގައި ބުންޏެވެ.
ނަމަވެސް ސިވިލް ކޯޓުން މިމައްސަލައިގައި ކުރި ހުކުމްގައި އޮތީ އެ ފައިސާއަކީ ގޭގެ ވެރިފަރާތަށް 2017 އިން ފެށިގެން ނުލިބިވާ ފައިސާއަކަށް ވާތީ، ފައިސާ ދައްކަން ހަ މަސްދުވަހުގެ މުއްދަތެއް ދޭން ގޭގެ ވެރިފަރާތުން އިންކާރުކުރާކަމަށެވެ. އަދި ފައިސާ ދައްކަން ހަ މަސްދުވަހުގެ މުއްދަތަކަށް ނަރީޝް އެދިވަޑައިގަތީ މަގުބޫލު ސަބަބެއް އޮވެގެން ނޫންކަން ފާހަގަކޮށް ގޭގެ ވެރިފަރާތަށް ދައްކަން ޖެހޭ 35365 ރުފިޔާއެއް މަސްދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކައި ހަލާސްކުރަން ނަރީޝްގެ މައްޗަށް އަމުރުކުރިއެވެ.