ޚަބަރު

އިންފްލުއެންޒާ ކޭސްތައް 5 ގުނަ ދަށަށް!


މިދިޔަމަހު އިންފްލުއެންޒާގެ ކޭސްތައް ފެނުނު މިންވަރު، އޮކްޓޯބަރުމަހާ އަޅާބަލާއިރު 5 ގުނަ ދަށްވެފައިވާކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން މަހުންމަހަށް އާއްމުކުރަމުންދާ، ރޯގާގެ ގޮތުގައި ފެތުރެމުންދާ ބަލިތަކުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ނޮވެމްބަރުމަހު އިންފްލުއެންޒާއަށް ޕޮޒިޓިވްވެފައިވަނީ 104 މީހުންނެވެ. އެއީ ނޮވެމްބަރުމަހު ބައްޔަށް ޓެސްޓުކުރި 685 މީހުންގެ ތެރެއިންނެވެ.

މިއަހަރު އިންފްލުއެންޒާގެ އެންމެ ގިނަ ކޭސްތައް ރިޕޯޓްކޮށްފައިވަނީ އޮކްޓޯބަރުމަހުއެވެ. އޮކްޓޯބަރުމަހު 598 މީހުން އިންފްލުއެންޒާއަށް ޕޮޒިޓިވްވެފައިވެއެވެ.

އިންފްލުއެންޒާއަކީ ނޭވާލާ ނިޒާމުގައި އުފެދޭ ވައިރަލް ޖަރާސީމެއްގެ ސަބަބުން ޖެހޭ ރޯގާއެވެ. މިއަހަރުގެ މިހާތަނަށް ޖުމްލަ 875 މީހުން އިންފްލުއެންޒާއަށް ޕޮޒިޓިވްވެފައިވެއެވެ. ބަލީގެ އަލާމަތްތައް ހުރެގެން 3757 މީހުން ވަނީ ޓެސްޓުކޮށްފައިވެއެވެ.

އިންފްލުއެންޒާގެ ޙާލަތު އެންމެ ބޮޑަށް ގޯސްވި އޮކްޓޯބަރުމަހުގެ ތެރޭގައި، ބަލީގެ ނުރައްކާ ބޮޑުވެ، 6 ކުއްޖަކަށް އައިސީޔޫގައިވެސް ފަރުވާދީފައިވެއެވެ.

އަރިދަފުސް ރޯގާއާ ގުޅިގެން ސަމާލްކަން ދޭންވީ ކަންކަން:

  • އަރިދަފުސް ރޯގާ ހުރިނަމަ ވީހާވެސް އަވަހަށް ކޮވިޑަށް ޓެސްޓުކުރުން
  • ރޯގާއާ ކެއްސުންފަދަ އަލާމާތްތައް ހުރިނަމަ، އޯޕީޑީއަށް ނުގޮސް ފްލޫ ކްލިނިކްތަކަށް ޑޮކްޓަރަށް ދެއްކުން
  • އާއްމު ތަންތަނުގަ މާސްކުއެޅުމާ، ގައިދުރުކަން އިސްކުރުން
  • ރޯގާގެ އަލާމާތްތައް ހުރިނަމަ، އޮފީސް، ސްކޫލް ނުވަތަ މިފަދަ އާއްމު ތަންތަނަށް ނުގޮސް ގޭގަ މަޑުކުރުން
  • ބަލީގަ ނުރައްކާވުމުގެ ފުރުޞަތު ބޮޑު މީހުން، އިންފްލުއެންޒާ ވެކްސިންޖެހުން އަދި ކޯވިޑް ދިފާޢު ވެކްސިން ނުޖަހާ މީހުން ވެކްސިން ޖެހުން.
  • ޑޮކްޓަރަށް ދައްކަން ދާއިރު ވީހާވެސް މަދު މީހުން ދިއުމާ، ކޮންމެހެން ދާންޖެހޭ ހާލަތެއްގަ ނޫނީ ހޮސްޕިޓަލަށް ނުދިއުން

ނޮވެމްބަރުމަހު ރިޕޯޓްކުރި ޑެންގީ ހުމުގެ ކޭސްތައް އިތުރެވެ. އެގޮތުން މިދިޔަ މަހު 22 މީހުންނަށް ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރިއިރު، އޮކްޓޯބަރުމަހު ހުން ޖެހިފައިވަނީ 10މީހުންނަށެވެ.

މިދިޔަ މަހު އަރިދަފުސް ރޯގާގެ 19598 ކޭސް ރިޕޯޓްކޮށްފައިވެއެވެ. އޮކްޓޯބަރުމަހު 30000 އަށްވުރެ ގިނަ މީހުން އަރިދަފުސް ރޯގާއަށް ފަރުވާ ހޯދާފައިވެއެވެ.

ބޭރަށް ހިންގުމާއި ހޮޑު ރޯގާގެ ސަބަބުން މިދިޔަ މަހު 1240މީހުން ފަރުވާ ހޯދާފައިވެއެވެ. އޮކްޓޯބަރުމަހު މިއަދު ހުރީ 1717ގައެވެ.