ޚަބަރު

ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސެއިން ވަހީދު އަވަހާރަވެއްޖެ


ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސެއިން ވަހީދު އަވަހާރަވެއްޖެއެވެ. ހުސެއިން އަވަހާރަވެފައިވަނީ ރޭގެ ވަގުތެއްގައި އޭޑީކޭ ހޮސްޕިޓަލްގައެވެ.

ހުސެއިން ވަހީދު ކެންސަރުގެ އާލާސްކަންފުޅުގައި އުޅުއްވާތާ ވަނީ ގިނަ ދުވަސްތަކެއް ވެފައެވެ. އަދި ބައްޔަށް ފަރުވާ ހޯއްދެވުމަށް ރާއްޖެއިން ބޭރުގައިވެސް ގިނަ ދުވަސްތަކެއް ހުސެއިން ވަނީ ހޭދަކުރައްވާފައެވެ.

ބައްޔަށް ފަރުވާ ހޯއްދެވުމަށް ރާއްޖެއިން ބޭރުގައި އަހަރެއްހާ ދުވަހު ހުންނެވުމަށްފަހު އަލުން މަޖިލީހުގެ ޖަލްސާތަކުގައި ހުސެއިން ބައިވެރިވެޑައިގެންނެވީ މިއަހަރުގެ މާރިޗު މަހުގެ 29 ގައެވެ. އެދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ހުސެއިން ވަނީ އާލަސްކަންފުޅާއި އުޅުއްވިއިރު ގިނަ ބައެއްގެ ހެޔޮ ދުޢާއާއި މެސެޖު ލިބުނުކަން ފާހަގަކުރައްވާ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އަނެއްކާވެސް އެނބުރި އައިސް ރައްޔިތުންނާއި މުޚާތަބްކޮށް ވާހަކަދެއްކޭތީ އެކަމަށް ﷲއަށް ޝުކުރު ކުރާކަމަށް ހުސެއިން ވިދާޅުވިއެވެ.

" އަޅުގަނޑު އެންމެ ފުރަތަމަވެސް ވަރަށް ގިނަ ދުވަސް ރާއްޖެއިން ބޭރުން ބޭސްފަރުވާއެއް ކުރުމަށްފަހު މިއަދު އަނެއްކާވެސް މިހިސާބަށް އައިސް ތިޔަ އެންމެބޭފުޅުންނާއި ބައްދަލުވެ އެއްޗެއް ބުނެލަން ލިބުމުން މާތްﷲ ސުބުހާނަހޫ ވަތަޢާލާގެ ހަޒުރަތަށް ޝުކުރު ކުރަން. އަދި ހަމައެއާއިއެކު އަޅުގަނޑު ބޭރުގައި ހޭދަކުރި ދުވަސްތަކުގައި އަޅުގަނޑުގެ ވަރަށް ގާތް ރައްޓެހިންނާއި، ދާއިރާގެ އެކިއެކި ރައްޔިތުންނާއި، ހެޔޮއެދޭ އެތައް މެމްބަރުންނެއް އަޅުގަނޑަށް ގުޅައި ހާލުބަލަމުން ދިޔަ ކަމަށްޓަކައި އުފާކޮށް އެންމެ ބޭފުޅުންނަށް ޝުކުރު ދަންނަވަން. އަދި އަޅުގަނޑަށް ހެޔޮ ދުޢާ ކޮށްދެއްވި އަދި ހެޔޮ ދުޢާކޮށްދެއްވަމުންދާ ހުރިހާ އަހުންނާއި އުހުތުންނަށް ހިތުގެ އެންމެ އަޑިން ޝުކުރު ދަންނަވަން." މާރިޗު 29 ގެ ޖަލްސާގައި ހުސެއިން ވަހީދު ވިދާޅުވިއެވެ. މިނޫން އެއްވެސް ވާހަކައެއް އެދުވަހު ހުސެއިން ވިދާޅެއްނުވެއެވެ.

ހުސެއިން ވަހީދު އަވަހާރަވުމުން ދައުލަތުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ހިތާމަ ފާޅުކުރަމުންނެވެ.

ގައުމާއި ރައްޔިތުންނަށް ހިދުމަތްކުރެއްވި ހިތް ހެޔޮ ބޭފުޅެއް

ހުސެއިން އަވަހާރަވުމާއި ގުޅިގެން އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރ އަލީ އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުސެއިންއަކީ 17 އަދި 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ގިނަ ގުނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއްކަމަށެވެ.

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ހުސެއިން ވަހީދު ސިފަކުރެއްވީ ހިތްތިރި، އިހްލާސްތެރި އަދި ހިތްވަރުގަދަ ބޭފުޅެއްގެ ގޮތުގައެވެ. އަދި ރާއްޖެ އަށް ޑިމޮކްރަސީ ގެނައުމަށް ކުރި ދަތުރުގައި ހުސެއިން މުހިއްމު ދައުރެއް އަދާކުރައްވާފައިވާކަންވެސް މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.

މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އިދިކޮޅު ޕީޕީއެމް ޕީއެންސީގެ މެމްބަރުންވެސް ގެންދަވަނީ ހުސެއިން އަވަހާރަވުމުން އެ ހިތާމައިގައި ބައިވެރިވެޑައިގަންނަވަމުންނެވެ.

17 ވަނަ ރައްޔިތުންގެ މަޖިލީހުގައިވެސް ކޮމަންޑޫ ދާއިރާ ތަމްސީލުކުރެއްވި މެމްބަރަކީ ހުސެއިން ވަހީދެވެ. އޭގެ ފަހުން އެއް ދައުރުގެ މެދު ކެނޑުމަކަށްފަހު އަނެއްކާވެސް ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސެއިން ކާމިޔާބުކުރެއްވިއެވެ.

ހުސެއިން ވަހީދުގެ އަނބިކަނބަލުންގެ އިތުރުން ފިރިހެން ބޭފުޅަކާއި އަންހެން ދެ ބޭފުޅުން ދުނިޔޭގައި އެބަ ތިއްބެވިއެވެ.