ވިޔަފާރި

ކަނޑު ބޭނުން ކުރުމުގައި، އަޅުގަނޑުމެންގެ ޒިންމާތަކެއްވޭ: ފިޝަރީޒް މިނިސްޓަރ


ކަނޑާއި ގުޅިގެން އަދާކުރަންޖެހޭ ޒިންމާތަކެއް އެބަހުރި ކަމަށާއި، ކަނޑުގެ މުހިންމުކަމާއި ފައިދާ އެނގެންޖެހޭ ކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ހުސެއިން ރަޝީދު ހަސަން މިފަދައިން ވިދާޅުވީ، މޯލްޑިވްސް ބޯޓިން އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ 7 ވަނަ މެރިން އެކްސްޕޯ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ހުސެއިން ރަޝީދު ހަސަން ވިދާޅުވީ، އިޤްތިޞާދީ ސަރަހައްދަށް ބަލާއިރުވެސް ރާއްޖޭގެ ބޮޑު ބަޔަކީ ކަނޑު ކަމަށްވާއިރު، މަސްވެރިކަމުގެ އިތުރުން ފަތުރުވެރިކަމުގައި ވެސް ކަނޑުގެ ބޭނުން ކުރާ ކަމަށެވެ. މިގޮތުން އެކި ސިނާޢަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުން ކަނޑު ބޭނުން ކުރާއިރު މިތަންތަނުގެ މުހިންމު ކަމާއި ފައިދާ އެނގެން އެބަ ޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަދި މިގޮތަށް ކަނޑު ބޭނުން ކުރާ ފަރާތްތަކުގެ ޒިންމާތަކެއް އެބަހުރިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ކަނޑާއި ގުޅިގެން އަޅުގަނޑުމެން އަދާކުރަން ޖެހޭ ޒިންމާތަކެއް އެބަހުރި. އެއީ ކަނޑުގައި އަޅުގަނޑުމެން ދަތުރުކުރާއިރުގައިވެސް، ކަނޑު ބޭނުން ކުރާއިރުގައިވެސް، އަދި ފަރުތަކަށްގޮސް ޑައިވް ކުރާއިރުވެސް، މިތަންތަނުގެ މުހިންމުކަމާއި މިތަންތަނުން ލިބޭ ފައިދާ އަޅުގަނޑުމެންނަށް އެނގެން އެބަޖެހޭ. ޑައިވް ކުރާ މީހުން އެބަ ފާހަގަ ކުރަންޖެހޭ އެންމެ ގާކޮޅެއްވެސް ހަލާކުކޮށްލައިގެން ނުވާނެކަން. އަދި ރެކްރިއޭޝަނަލް ބޭނުމަށް މިތަންތަނަށް ގޮސް އުޅޭ މީހުން ދަންނަން އެބަ ޖެހޭ ފުޅިތަކާއި އެއްޗެތި މިތަންތަނަށް އުކާލައިގެން ނުވާނެ ކަން. ޚާއްސަކޮށް ޕްލާސްޓިކް ފުޅި." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މެރިން އެކްސްޕޯގައި ކަނޑުގެ އުޅަނދު ފަހަރާއި އަދި އެކި ސިނާޢަތްތަކަށް ބޭނުންވާ ތަފާތު ޚިދުމަތްތައް މިގޮތަށް ދައްކާލާއިރު، ކަނޑުތައް ދެމެހެއްޓެނިވި ގޮތުގައި ބޭނުން ނުކުރެވޭނަމަ މިފަދަ އެކްސްޕޯތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ނުހިފޭނެ ކަމަށެވެ.

މިމަހުގެ 13 އިން 15 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްގެންދާ މެރިން އެކްސްޕޯގައި ތަފާތު ހަރަކާތްތަކެއް ހިމަނާލާފައިވާނެ ކަމަށް ބޯޓިން އެސޯސިއޭޝަނުން ވިދާޅުވެއެވެ. އެގޮތުން މޫދު ކުޅިވަރުގެ ފެސްޓިވަލަކާއި، އެމްޓީސީސީ ބޯޓްޔާޑުން ދޭ ޑޮކިންގ އަދި މެރިން ފުޑްސް ދައްކާލުމުގެ ހަރަކާތްތަކެއް ވެސް ކުރިއަށްދާނެއެވެ. މިފަހަރުގެ އެކްސްޕޯގައި ދިވެހި ކުންފުނިތަކާއި ބޭރު ކުންފުނިތައް ހިމެނޭހެން ޖުމްލަ 50 އެގްޒިބިޓަރުން ބައިވެރިވެއެވެ.

ކޯވިޑް-19 އާއި ގުޅިގެން މިދިޔަ އަހަރުގެ މެރިން އެކްސްޕޯ ބާއްވާފައިވަނީ ވަރޗުއަލްކޮންނެވެ. މިއީ މި އިވެންޓް ކުރިއަށްގެންދާ 7 ވަނަ އަހަރެވެ.