ޚަބަރު

ދުވާފަރު މަގުގެ ހެދުމުގެ ދެވަނަ ފިޔަވަހީގެ ދަށުން އޭބީސީ ފަށަލަ އަޅަން ތައްޔާރު


ރ. ދުވާފަރު މަގުހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން، ހަދާ މަގުތަކުގެ އޭބީސީ ފަށަލަ އަޅަން ބޭނުންވާ ސާމާނު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީން ހާމަކޮށްފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ހިންގާ މި މަޝްރޫއުގެ ދަށުން މިހާރު ކުރިޔަށް ދަނީ ފެން ހިންދާނިޒާމުގެ މަސައްކަތެވެ. އެގޮތުން މި މަސައްކަތުގެ 57 އިންސައްތަ ނިމިފައިވާކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.

މި މަޝްރޫއުގެ ދަށުން، 17790 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއް ގާއިމުކޮށް، 4960 އަކަ މީޓަރުގެ ހިނގާ ސަރަހައްދެއް ގާއިމުކުރާނެއެވެ. އަދި ފެންހިންދާ ނިޒާމެއް ގާއިމުކުރުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ. ދުވާފަރު މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހީގެ މައްސައްކަތް ކުރުމަށް ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 2020ވަނަ އަހަރުގެ ސެޕްޓެންބަރ މަހުގައެވެ. ދެވަނަފިޔަވަހީގެ މަގުހެދުމުގެ މަޝްރޫއުގެ ދަށުން ދުވާފަރުގެ ބޮޑު 7 މަގެއްގަ ތާރުއެޅުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރީ37.8 މިލިއަން ރުފިޔާއަށެވެ.

ދުވާފަރު މަގު ހެދުމުގެ މަޝްރޫއުގެ ފުރަތަމަ ފިިޔަވަހީގެ މަސައްކަތް މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭ އެމްޓީސީސީން ވަނީ ނިންމާފައެވެ. މިފިޔަވަހީގެ ދަށުން 2.7 ކިލޯމީޓަރު ދިގު 12 މަގެއްގައި ވަނީ ތާރުއަޅާފައެވެ.