ޚަބަރު

ކުޑަކުދިންތަކަކަށް ޖިންސީގޯނާކުރި މީހަކަށް އިޢުތިރާފުގެ އެއްބަސްވުމެއްގެ ދަށުން 30 އަހަރުގެ ޖަލު ޙުކުމެއް


ކުޑަކުދިންތަކަކަށް ޖިންސީގޯނާކުރި މީހެއްގެމައްޗަށް އިޢުތިރާފުގެ އެއްބަސްވުމެއްގެ ދަށުން 30 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.

2019 ވަނަ އަހަރުން ފެށިގެން އެކިދުވަސްމަތިން އިތުބާރު ކުރެވޭ މަޤާމެއްގައިހުރެ ކުޑަކުދިންތަކަކާމެދު ޖިންސީ ޢަމަލު ހިންގި މައްސަލައިގައި 30 އަހަރަށް ޖަލަށްލުމަށް ކޯޓުން ޙުކުމްކުރީ، ވ. ގާތިފް، އުމުރުން 37 އަހަރުގެ ޙަސަން ޢަތޫފްގެ މައްޗަށެވެ.

މިހަރުގެ މެއި މަހުގެ ތެރޭގައި ހައްޔަރުކުރި މިމީހާގެ މައްޗަށް ޕީޖީން 5 ދަޢުވާއެއް ކޯޓަށް ހުށައަޅާފައެވެ. އަދި އެ ދަޢުވާތަކާއެކު އޭނާގެ މައްޗަށް 76 އަހަރާއި 9 މަހާއި 18 ދުވަހަށް ޖަލަށްލު ޙުކުމް އަންނަ ގޮތަށް އޮތްނަމަވެސް ދަޢުވާލިބޭ މީހާ، މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި ކުށަށް އިޢުތިރާފުވެ، ދައުލަތާއެކު އިޢުތިރާފުގެ އެއްބަސްވުމެއް ހެދުމަށް އެދި ފަސް ދަޢުވާގެ ތެރެއިން 3 ދަޢުވާއެއްވަނީ އަނބުރާ ގެނެސްފައެވެ.

އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދިއުމަށް ނިންމި ދެ ދަޢުވާއަކީ އިތުބާރުކުރެވޭ މަޤާމެއްގައިހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލު ހިންގުންމުގެ ދަޢުވާއާއި އިތުބާރުކުރެވޭ މަޤާމެއްގައިހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލު ހިންގުންމުގެ ކުށުގެ ދަޢުވާއެވެ.

މި މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ ޤާޟީ ދީބާނާޒް ފަހުމީވަނީ ޙަސަން ޢަތޫފްގެ މައްޗަށް ދައުލަތުން ކޮށްފައިވާ އިތުބާރުކުރެވޭ މަޤާމެއްގައިހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލު ހިންގުމުގެ ކުށުގެ ދެ ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅުއްވައި، އޭނާ 30 އަހަރު ދުވަހުގެ މުއްދަތަށް ޖަލުގައި ބަންދުކުރުމަށް ޙުކުމްކުރައްވާފައެވެ.

މި ޙުކުމާއި ގުޅިގެން ޕީޖީ ޝާމީމް ވިދާޅުވީ މިފަދަ މައްސަލަތަކުގައި އިއުތިރާފްގެ އެއްބަސްވުމަކަށް ގޮސް މައްސަލަ ނިންމާނަމަ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ކޯޓުތަކުން މަސައްކަތް ކުރަން ލިޔެފައި އޮތް ސްޕީޑު ރަނގަޅުވާނެކަމަށެވެ.


އަމާޒަކީ ޕްލީ ބާރގެއިންގެ ތެރެއިން ވީހާވެސް ގިނަ މައްސަލަތައް ކުރިއަށްގެންގޮސް އަވަހަށް ނިންމުންކަމަށާއި، މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންނާއި، ކުށްތަކާގުޅިގެން އަނިޔާލިބޭ މީހުންގެ އިތުރުން މުޅި މުޖުތަމަޢުގެ މަޞްލަޙަތުވެސް ބޮޑީ މިފަދަ ނިޒާމަކުން އަވަހަށް މައްސަލަތައް ނިންމުމުގައި ޕީޖީ އޮފީހުންވަނީ ވިދާޅުވިއެވެ.