ޚަބަރު

ކުރިއަށްއޮތް 24 ގަޑިއިރުގެ ތެރޭގައިވެސް ވިއްސާރަކުރާނެ : މެޓް


ކުރިއަށް އޮތް 24 ގަޑިއިރުގެތެރޭގައި ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވެ ވިއްސާރަކޮށް ގުގުރާނެކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން އިލްތިމާސްކުރައްވައިފިއެވެ.

ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށިގެންވާކަމަށްވެސް މެޓް އޮފީހުން ވަނީ ލަފާކުރައްވާފައެވެ. ރާއްޖޭގެ އުތުރާއި އިރުއުތުރުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުންވެސް އެކަށީގެންވާކަމަށްވެސް އެ އޮފީހުން ލަފާކުރައްވައެވެ. މީގެ އިތުރުން ކަނޑު އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެކަމަށް ވެސް ލަފާކުރައްވާފައިވެއެވެ. ހަމައެއާއެކު ރާޅުގެ އުސްމިން 2 ފޫޓާއި 5 ފޫޓުގެ މިނެއްގައި ހުންނާނެކަމަށްވެސް މެޓް އޮފީހުން ވިދާޅުވެއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލަރޓް ނެރެފައިވަނީ ކ.އަތޮޅުން ފެށިގެން އދ.އަތޮޅާއި ހަމައަށް މިއަދު މެންދުރު 12:15 އިން ހަވީރު 16:15އާ ހަމައަށެވެ. އެގޮތުން އެ ސަރަޙައްދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި، ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެކަމަށްވެސް އެ އޮފީހުން ވަނީ ލަފާކުރައްވާފައެވެ.

ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭތީ، މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.