ޚަބަރު

12 ފޮށި ބަނގުރަލާއެކު ފަސް މީހަކު ހައްޔަރުކޮށްފި


ބޮޑުތަކުރުފާނު މަގު ދުވާ ޓްރެކާ ދިމާލު ފަޅުތެރޭގައި ތޮށިގަނޑާ ކައިރިކޮށްފައި އޮތް ލޯންޗަކާއި އެސަރަހައްދުގައި އޮތް ޓެކްސީ އެއް ބަލައިފާސްކޮށް ގިނަ އަދަދެއްގެ ބަނގުރާފުޅިތަކެއް ހޯދައި ފަސް މީހަކު ހައްޔަރުކޮށްފިއެވެ.

މާލެއަށް ގާނޫނާއި ގަވާއިދާ ޚިލާފަށް ބަނގުރާ އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މިމަހުގެ 9 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ ފިރިހެނަކާއި 22 އަހަރުގެ ފިރިހެނަކާއި 38 އަހަރުގެ ފިރިހެނެއްގެ އިތުރުން 51 އަހަރުގެ ފިރިހެނެކެވެ. މިމީހުންގެ ތެރެއިން 51 އަހަރުގެ މީހާއަކީ ބަންގްލަދޭޝް ފިރިހެނެކެވެ. ދެން ތިބި ހަތަރު މީހުންނަކީ ދިވެހިންނެވެ.

މި އޮޕަރޭޝަނުގައި ލޯންޗު ބަލައި ފާސްކުރިއިރު ބަނގުރާ ފުޅިތަކެއް ހުރި 12 ފޮށިގަނޑު ފެނިފައިވެއެވެ. އަދި ޓެކްސީ ބަލައިފާސްކުރިއިރު ބަނގުރާ ފުޅިތަކެއް ހުރި ތިން ފޮށި ގަނޑު ފެނިފައިވެއެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިިރުކުރުމުން އެކަކުގެ ބަންދަށް 15 ދުވަސް ދީފައިވާއިރު، ދެމީހަކަށްވަނީ 10 ދުވަހުގެ މުއްދަތެއް ދީފައެވެ. އަދި އަނެއް ދެމީހުންނަށްވަނީ ފަސް ދުވަހުގެ މުއްދަތެއް ދީފައެވެ.