ޚަބަރު

ކިއުގައި ތިބޭ މީހުން ޑޮކްޓަރަށް ދެއްކުމަށް ޖެނުއަރީން ފެށިގެން ތާރީޚެއް ކަނޑައަޅަނީ


ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލް އައިޖީއެމްއެޗުން ޑޮކްޓަރަށް ދެއްކުމަށް އެދޭ ފަރާތްތަކުގެ ތެރެއިން ވެއިޓިން ލިސްޓުގައި ތިބޭ މީހުން ޑޮކްޓަރަށް ދެއްކުމަށް ތާރީޚަކާއި ޑޮކްޓަރަށް ދެއްކޭނެ ވަގުތެއް ކަނޑައެޅުމަށް ނިންމައިފިއެވެ.

އައިޖީއެމްއެޗުން އެޕޮއިންޓްމެންޓް ހެއްދުމަށް ފަހު، ޑޮކްޓަރަށް ދެއްކުމުގައި މިހާރު ހުރި ދަތިތަކަށް ހައްލު ގެނައުމަށް އެހޮސްޕިޓަލުން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ހޮސްޕިޓަލުގެ ޗީފް އިންފޮމޭޝަން އޮފިސަރ އަބްދުﷲ މުސްތަފާ ވިދާޅުވީ، ޑޮކްޓަރަށް ދެއްކުމަށާއި، އަދި އެނޫންވެސސް ޓެސްޓުތައް ހެއްދުމަށް އެދޭ ފަރާތްތަކަށް ލުއިގޮތްތަކެއް ފަހި ކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

އެގޮތުން އަންނަ އަހަރުގެ ޖެނުއަރީ ފުރަތަމަ ދުވަހުން ފެށިގެން ދިގު ކިއުތަކުގައި ތިބޭ މީހުންނަށް ދުރާލައި ޑޮކްޓަރަށް ދެއްކޭނެ ތާރީޚަކާއި، ވަގުތެއް ކަނޑައެޅުމަށް ހަމަޖެހިފައިވާކަމަށެވެ. މީގެ ސަބަބުން އަތޮޅު ތެރެއިން މިފަދަ ޚިދުމަތްތަކަށް އެދޭ ފަރާތްތަކުން ޑޮކްޓަރަށް ދެއްކުމަށްޓަކައި އެތައް ދުވަހަކު މާލޭގައި ތިބެ ކުރަންޖެހޭ ހޭދަ ކުޑަވެ، ވަގުތުވެސް ސަލާމަތް ވެގެންދާނެކަމަށެވެ. ނަމަވެސް އިމަރޖެންސީގައި ޑޮކްޓަރަށް ދައްކަން ޖެހިއްޖެނަމަ އެފަދަ ފަރާތްތަކަށް އެފުރުސަތު ތަނަވަސް ވެގެންދާނެކަމަށެވެ.

"ޖެނުއަރީން ފެށިގެން އާސިސްޓަމަކަށް ބަދަލުވެގެން ދިޔައީމަ، ކޮންމެ ރައްޔިތަކަށް ޑޭޓަކާއި އެއްކޮށް ކޮން ޓައިމެއްގައިކަން އަންނަން އެނގުނީމާ ކުރިޔާލާ ޕްލޭންކުރަންވެސް ފަސޭހަ ތަކެއް ވެގެންދާނެ." މުސްތަފާ ވިދާޅުވިއެވެ.

އައިޖީއެމްއެޗްގައި ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓްމަންޓް ހެއްދުމަށްފަހު ގިނަ ނަންބަރުތަކެއް ކެންސަލްވެ، ޑޮކްޓަރަށް ނުދެއްކޭކަމުގެ ޝަކުވާއަކީ ބޮޑު ޝަކުވާއެކެވެ. މިގޮތަށް މިކަން ވެގެންދަނީ ގިނަ ބަޔަކު ޑޮކްޓަރަށް ދައްކަން ބޭނުންވެ ކިއުގައި ތިބެންޖެހުމުން ދެއްކޭނެ ވަކި ދުވަހެއް ނޭގުމުގެ ސަބަބުންނެވެ. މުސްތަފާ ވިދާޅުވީ އައިޖީއެޗުން މަސައްކަތް ކުރަމުންދަނީ މިމައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކަމަށާއި މިގެނެވޭ ބަދަލާއިއެކު މިކަމަށް ހައްލު ލިބިގެންދާނެކަމަށެވެ.

އާމުންނަށް ދެވޭ ޚިދުމަތް ރަނގަޅުކޮށް، ފަސޭހަ ކުރުމަށްޓަކައި އައިޖީއެޗުންވަނީ މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޑިޖިޓަލްކޮށް ސިއްހީ ރިކޯޑުތައް މެނޭޖް ކުރެވޭނެ ސިސްޓަމެއް ގާއިމްކޮށްފައެވެ. މިޚިދުމަތާއެކު އޮންލައިންކޮށް އެޕޮއިންޓްމަންޓް ހެއްދުމާ، ބޭސް ސިޓީ، ލެބް ރިޕޯޓް އަދި އެހެނިހެން ރިޕޯޓުތައް ބަލައި، ޑައުންލޯޑު ކުރެވުމުގެ އިތުރުން ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ބިލުތައްވެސް ބަލާލެވޭނެ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ. މީގެ އިތުރުން އަމިއްލަ އެކައުންޓަށް އާއިލާގެ މެންބަރުން އެޑްކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ.

1 ޑިސެންބަރު 2021 ވަނަ ދުވަހުން ފެށިގެން އެންޑްރޮއިޑް ހުރިހާ ފޯނަކަށްވެސް މި އެޕްލިކޭޝަން ޑައުންލޯޑު ކުރެއްވޭނެއެވެ. އަދި މިހަފްތާގެ ތެރޭގައި އައިއޯއެސް ފޯނުތަކަށް ވެސް އައިޖީއެމްއެޗްގެ މޮބައިލް އެޕްލިކޭޝަން ޑައުންލޯޑު ކުރެއްވޭނެކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ.