ޚަބަރު

ނުރައްކާތެރި ބަލިތައް ފެނުމުން ރިޕޯޓު ކުރަންޖެހޭގޮތަށް ގަވާއިދެއް


އާންމު ޞިއްޙަތު ރައްކައުތެރިކުރުމުގެ ގޮތުން އެއްވެސް މީހެއްގެ ކިބައިން ނުރައްކައުތެރި ބައްޔެއް ފާހަގަކުރެވި އެކަން ރިޕޯޓުނުކޮށްފިނަމަ ކުށްވެރިވާނެ އުޞޫލުތައް ހިމެނޭ "ބަލިތައް ރިޕޯޓުކުރުމާބެހޭ ޤަވާއިދު" އެކުލަވާލައި އާންމުކޮށްފިއެވެ.

"ބަލިތައް ރިޕޯޓުކުރުމާބެހޭ ޤަވާއިދު"އަކީ އާންމު ޞިއްޙަތު ރައްކައުތެރިކުރުމުގެ ގޮތުން ރިޕޯޓުކުރަންޖެހޭ ބަލިތަކާއި، ރިޕޯޓުކުރާނެ ފަރާތްތަކާއި ގޮތްތަކާއި ވަގުތުތައް ބަޔާންކޮށް އާންމު ޞިއްޙަތު ރައްކައުތެރިކުރުމުގެ ޤާނޫނުގެ ދަށުން ރިޕޯޓުކުރަންޖެހޭ ބަލިތަކާއި،
ރިޕޯޓުކުރާނެ ގޮތްތަކާއި ވަގުތުތައް ބަޔާންކުރުމުގެ ގޮތުން، އެކުލަވައިލައިފައިވާ ޤަވާއިދެކެވެ.

މި ޤާވާއިދުގައިވާގޮތުން އާއްމު ޞިއްޙަތު ރައްކައުތެރިކުރުމަށާއި ނުރައްކުތެރި ބަލިތަކާއި، ގައިންގަޔަށްއަރާ ބަލިތަކާއި، އެހެނިހެން ބަލިތައް ރިޕޯޓުކޮށް މޮނިޓަރ ކުރުމުގެ ގޮތުން، އެފަދަ ބަލިތަކުގެ މާނައާއި ބާވަތާއި އަލާމާތްތަކާއި، ބައްޔާ ގުޅޭ އެންމެހައި މަޢުލޫމާތު ހިމެނޭ ކޭސް ޑެފިނިޝަން ބުކްލެޓެއް، މި ގަވާއިދަށް ޢަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި އެކުލަވައިލައި، ހެލްތް ޕްރޮޓެކްޝަން އޭޖެންސީން އާންމުކޮށް ޝާއިޢުކުރާނެއެވެ.

އަދި އެބުކްލެޓްގައި ހިމަނައިފައި ނެތް ނަމަވެސް، އެ ވަގުތަކު ދުނިޔޭގައި ފެތުރެމުންދާ ގައިންގަޔަށް އަރާ ބައްޔެއް ދިވެހިރާއްޖޭގައި ފެތުރުމުގެ ފުރުޞަތު އޮތްކަމުގެ މަޢުލޫމާތު، ނުވަތަ އެފަދަ ބައްޔެއް އެއްވެސް މީހެއްގެ ކިބައިން ފެނިއްޖެނަމަ، ނުވަތަ އެ ބަލި ހުރެދާނެކަމަށް އެކަށީގެންވާ ހެކިތަކުގެ މައްޗަށް ބިނާކޮށް ގަބޫލުކުރެވޭނަމަ، ނުވަތަ ބަލި ހުރި ފަރާތަކާ ދިމާވެފައިވާ ފަރާތްތަކުގެ މަޢުލޫމާތު، އެކަން އެނގޭ ވަގުތުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި ރިޕޯޓު ކުރަންޖެހޭނެއެވެ.

ޑޮކްޓަރުންގެ އިތުރުން ނަރުހަކަށް ނުވަތަ ސުކޫލް ނުވަތަ އެހެން މަރުކަޒެއް ހިންގުމާ ހަވާލުވެހުރި ފަރާތަށް ވަކި ބައްޔަކީ ނުރައްކައުތެރި ބައްޔެއްކަމަށް ފާހަގަކުރެވި، އަދި އެ ބަލި ފެތުރެމުންދަނީ އާންމުކޮށް އެ ބަލި ފެތުރޭ ނިސްބަތަށްވުރެ އަވަހަށް ކަމަށް ނުވަތަ ބޮޑަށްކަމަށް ނުވަތަ ބާރަށްކަމަށް ފާހަގަކުރެވޭނަމަ، ލަސްނުކޮށް ޑިރެކްޓަރ ޖެނެރަލަށް އެކަން އަންގަންވާނެ އަންގަންވާނެކަމާއި، އެއަންގަންޖެހޭ ވަގުތާއި މުއްދަތު ޤާވާއިދުގައިވަނީ ބަޔާންކޮށްފައެވެ.

މިއާއެކު މި ގަވާއިދުގެ ދަށުން ރިޕޯޓުކުރަންޖެހޭ ބަލިތައް ރިޕޯޓުކުރުމާ ގުޅޭ ހޮޓްލައިން ނަންބަރެއް ނުވަތަ އޮންލައިން ޕޯޓަލެއް ފަދަ ނިޒާމެއް، މި ގަވާއިދަށް ޢަމަލުކުރަން ފަށާތާ 20 ދުވަހުގެ ތެރޭގައި ޤާއިމުކޮށް، އެޗްޕީއޭއިން އެކަން އާންމުކުރަންވާނެކަން ގަވާއިދުގައިވަނީ ހާމަކޮށްފައެވެ.

މި ގަވާއިދުގެ ދަށުން ރިޕޯޓުކުރާ މީހުންނާއި ރިޕޯޓުކުރާ މަޢުލޫމާތުގައި ހިމެނޭ އެއްވެސް ފަރާތެއްގެ ޒާތީ މަޢުލޫމާތު، ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މެނުވީ އެއްވެސް ފަރާތަކަށް ހާމަކޮށްގެން ނުވާނެކަމަށާއި، ވަކި މީހެއްގެ ގައިގައި ނުރައްކައުތެރި ބައްޔެއް ހުރިކަމަށް ބަޔާންކޮށް، އެއްވެސް ފަރާތަކުން އެނގި ހުރެ ދޮގު މަޢުލޫމާތު ރިޕޯޓުކޮށްފިނަމަ އެއީ ކުށެއްކަމަށް ކަނަޑައަޅައި އެފަދަ ކަމެއްކޮށްފިނަމަ 3000 ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު، މި ޤަވާއިދުން ޑިރެކްޓަރ ޖެނެރަލަށް ލިބިގެންވެއެވެ.

އަދި މި ގަވާއިދުގެ ދަށުން ރިޕޯޓު ކުރަންޖެހޭ ކަމެއް، ރިޕޯޓު ކުރަންޖެހޭ ވަގުތުގައި، ރިޕޯޓު ނުކޮށްފިނަމަ އެކުށުގެ އަދަބެއްގެ ގޮތުން 1000 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމުގެ ބާރުވެސް ޑިރެކްޓަރ ޖެނެރަލަށް މިގަވާއިދުގެ ދަށުން ވަނީ ލިބިދީފައެވެ.