ޚަބަރު

ފަލަސްޠީނުގެ ހިޖުރަވެރިން ދިރިއުޅޭ ސަރަޙައްދެއްގައި ބާރުގަދަ ގޮވުމެއް


ލުބުނާނުގައި ފަލަސްޠީނުގެ ހިޖުރަވެރިން ދިރިއުޅޭ ސަރަޙައްދެއްގައި ބާރުގަދަ އެއްޗެއް ގޮވުމުގެ ސަބަބުން ގިނަ ޢަދަދެއްގެ ބަޔަކު ޒަޚަމުވެއްޖެއެވެ.

ލުބުނާނުގެ ސަރުކާރުން ހިންގައި ނޫހެއްކަމަށްވާ ނޭޝަނަލް ނިވްސް އޭޖެންސީ، އެންއެންއޭން ބުނެފައިވާ ގޮތުގައި ބާރުގަދަ އެއްޗެއް ގޮވާފައިވަނީ ލުބުނާނުގެ ދެކުނުގައި އޮންނަ ބަނދަރުމަތީ ރަށެއްކަމަށްވާ ޞޫރުގައި ފަލަސްޠީނުގެ ހިޖުރަވެރިން ދިރިއުޅޭ ސަރަޙައްދެއްގައެވެ. އަދި އެ ޙާދިޘާގައި ބަޔަކު މަރުވިކަމަށްވެސް އެންއެންއޭންވަނީ ބުނެފައެވެ. ނަމަވެސް އެ ޙާދިޘާ ހިނގި ސަރަޙައްދުގައި ޙަރަކާތްތެރިވި ޞިއްޙީ ޚިދުމަތްތެރިންވަނީ އެއްވެސް މީހަކު މަރުނުވައިކަމަށް ބުނެފައެވެ. އެ ގޮތުން ޞިއްޙީ ޚިދުމަތްތެރިން ބުނެފައިވާ ގޮތުގައި އެ ޙާދިޘާގައި 12 މީހުންވަނީ ޒަޚަމުވެފައެވެ.

އެންއެންއޭން ބުނެފައިވާ ގޮތުގައި ބާރުގަދަ އެއްޗެއް ގޮވާފައިވަނީ ފަލަސްޠީނުގެ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން އެ ސަރަޙައްދުގައި ޤާއިމުކޮށްފައިވާ ހަތިޔާރު ގުދަނެއްގައެވެ. ލުބުނާނުގައި ފަލަސްޠީނުގެ ހިޖުރަވެރިން ދިރިއުޅޭ ސަރަޙައްދުތަކަކީ ޙަމާސްގެ އިތުރުން ފަލަސްޠީނުގެ މިނިވަންކަމަށް ޖިހާދުކުރާ ހަނގުރާމަވެރި ޖަމާޢަތްތަކުގެ ބާރާއި ނުފޫޒު ވަރަށް ބޮޑަށް އޮންނަ ސަރަޙައްދުތަކެކެވެ. އެ ގޮތުން އެ ޖަމާޢާތްތަކުން އެ ސަރަޙައްދުގައި ހަނގުރާމަވެރިން ތަމުރީންކުރުމާއި ހަތިޔާރު އުފެއްދުމުގެ މަސައްކަތް ކުރެއެވެ. އަދި އެ ސަރަޙައްދުތަކުގައި ލުބުނާނުގެ ސަލަމާތީ ބާރުތަކުން ޙަރަކާތްތެރިއެއް ނުވެއެވެ.

ޙަމާސާ ޙަވާލާދީ ފަލަސްޠީނުގެ ނޫހެއްކަމަށްވާ ޝިހާބު ނިވްސް އޭޖެންސީން ބުނެފައިވަނީ ޞޫރުގައި ލަސްޠީނުގެ ހިޖުރަވެރިން ދިރިއުޅޭ ސަރަޙައްދުގައި ގޮވާފައިވަނީ ކޯވިޑް-19 ޖެހޭ މީހުންނަށް ފަރުވާދިނުމަށް ބޭނުންކުރާ އޮކްސިޖަން ފުޅިތަކެއްކަމަށެވެ.