ޚަބަރު

ކަރެކްޝަނަލް ސަރވިސަސްގެ ސްޓްރެޓެޖިކް ޕްލޭން އިފްތިތާޙްކޮށްފި


މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް އިން 2016 ވަނައަހަރު 2020 ވަނަ އަހަރަށް ކުރުމަށް ރާވާ، އަދި ހާސިލްކުރުމަށް ބޭނުންވާ ލަނޑުދަޑިތައް ހިމެނޭ ގޮތަށް އެކުލަވާލައްވާފައިވާ ސްޓެރެޓެޖިކް ޕްލޭން އިފްތިތާހުކޮށްފިއެވެ. މި ސްޓްރެޓެޖިކް ޕްލޭން އެކުލަވާލައްވާފައިވަނީ ޔޫއެންޑީޕީގެ އެހީތެިކަމާއެކުގައެވެ. ސްޓްރެޓެޖިކް ޕްލޭން އިފްތިތާހުކުރެއްވީ، މާލޭ ޖަލުގައި ބޭއްވެވި ޚާއްސަ ރައްމިއްޔާތެއްގައި، ހޯމް މިނިސްޓަރ އުމަރު ނަސީރުއެވެ. ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވީ، ވަކި އިދާރާއެއްގެ ގޮތުގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް ކުރިއަރަމުންދާ މަންޒަރު ފެންނަ ކަމަށާއި،  2013 ވަނަ އަހަރުން ފެށިގެން ޖަލުތައް ހިންގުމުގެ ނިޒާމަށް ގެންނަވަމުންދާ ބަދަލުތައް ވަރަށް ކާމިޔާބު ކަމަށެވެ. ވަކި ޚާއްސަ ޕްލޭނެއްގެ ދަށުން މަސައްކަތް ކުރައްވަން ފެށުމުން މިހާރު އަންނަމުންދާ ބަދަލުތައް ފުޅާވެ އިތުރު ފުރުސަތުތައް ހުޅުވިގެންދާނެކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އަދި ޖަލު ހިންގަމުންދާ ނިޒާމަށް ބަދަލު ގެނެސް ދައުލަތަށް އާމްދަނީ ލިބޭ ގޮތަށް ޖަލު ހިންގުމުގެ ނިޒާމް ބަދަލުކުރުމަށް ކުރައްވަވާ މަސއްކަތުގެ ތެރެއިން، ތިލަފުށީގައި ގައިދީން ލައްވާ ކުރުވާ މަސައްކަތްތައް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް މުހައްމަދު ހުޝާމް ވިދާޅުވީ، ހާސިލްކުރަން ބޭނުންވާ ކަންތައް ހާސިލް ކުރެވޭނީ، ޕްލޭނެއް އޮވެގެން ކަމަށާއި، ސްޓްރެޓެޖިކް ޕްލޭން އެކުލަވާލުމުގެ މަޤްސަދަކީވެސް އެއީ ކަމަށެވެ.އަދި ޕްލޭނާ އެއްގޮތައް މަސައްކަތްކުރުމާއި، އިތުރަށް ގެންނަން ބޭނުންވާ ބަދަލުތައް ގެނެސް، ދާން ބޭނުންވާ މިސްރާބަށް ގެންގޮސް ކާމިޔާބު މަސައްކަތްތަކެއް ކުރުމަށް ހުރިހާ އޮފިސަރުން އެއްބާރުލުން ދެއްވުމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް މުހައްމަދު ހުޝާމް އެދިވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި، ކަރެކްޝަނަލް ސާރވިސަސްގެ 2016 ވަނަ އަހަރުގެ ކަލަންޑަރުވެސް ވަނީ އިފްތިތާހު ކޮށްފައެވެ.