ކުޅިވަރު

ރާއްޖެ ކުޅުން ރަގަނޅު، ރެފްރީކަން ކުރިގޮތް ގޯސް - ޖަޔަސޭކަރަ


ރާއްޖޭގެ ޓީމުން ކުރިއެރުން ހޯދާކަމަށާއި ނަމަވެސް ރޭގެ މެޗުގައި ރާއްޖޭގެ ރެފްރީންގެ ފަރާތުން ފެނުނުނީ ވަރަށް ދެރަވަރުގެ ކަންތައްތައްކަމަށް ސްރީލަންކާގެ ޤައުމީ ޓީމުގެ ކޯޗް ޗަންނަ ޖަޔަސޭކަރަ ބުނެފިއެވެ. މިމެޗަކީ ކުރިއަށްއޮތް ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ކުޅޭ މެޗްތަކެކެވެ. ލަންކާއާއި ދެކޮޅަށް ރާއްޖެއިން މިހާތަނަށް ދެ މެޗް ކުޅެފައިވާއިރު، ދެ މެޗްވެސް ކާމިޔާބުކޮށްފައިވަނީ ސީދާ ތިން ސެޓުންނެވެ. ނަމަވެސް ރޭގެ ސެޓްތައް ގޮސްފައިވަނީ ވަރަށް ވާދަވެރިކޮށެވެ.

ރޭގެ މެޗްގައި ރާއްޖޭގެ ރެފްރީންގެ ފަރާތުން ފެނުނު ބައެއް ކަންތައްތަކާއި ހެދި ސްރީލަންކާގެ ކުޅުންތެރިންނާއި އޮފިޝަލުންވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. މިކަމާއެކު ލަންކާގެ ކުޅުންތެރިއަކަށްވަނީ ރަތް ކާޑެއްވެސް ދައްކާފައެވެ. މީގެ އިތުރުންވެސް ސްކޯ އޮޅުވާލީކަމަށް ލަންކާގެ އޮފިޝަލުން ވަނީ ތުހުމަތުކޮށްފައެވެ. މެޗަށްފަހު ވާހަކަދައްކަމުން ލަންކާގެ ޤައުމީ ކޯޗް ޗަންނަ ޖަޔަސޭކަރަ ބުނީ ފުރަތަމަ މެޗާއި އަޅާ ބަލާއިރު، ދެވަނަ މެޗްގައި ރާއްޖޭގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަކަމަށެވެ. އަދި ރޭގެ މެޗުގައި ދެ ޓީމުގެ ވާދަވެރިކަންވެސް ވަރަށް ބޮޑަށް ފެނިގެންދިޔަކަމަށް ޗަންނަ ޖަޔަސޭކަރަ ބުންޏެވެ.

"ވަރަށް ވަރަށް ދަށްކޮށް އަމްޕަޔަރުން (ރެފްރީން) ފެނުނީ. މެޗުތައް މިހެން ދާއިރު، ދެ ޓީމު ވަރަށް އެއްވަރުކޮށް އޮއްވައި ސްކޯ އޮޅުވާލަނީ އެއީ ވަރަށް ގޯސްކަމެއް. އެއީ އަހަރެމެންނަށް ލިބޭ ގެއްލުމެއް ނޫން. އެއީ ރާއްޖޭގެ ވޮލީބޯޅަ ކުރިއަރުވަން ބަލާއިރު ލިބޭ ގެއްލުމެއް. ފުރަތަމަ މެޗުގައި އަހަރެމެން ކާމިޔާބު ހޯދީ ރަނގަޅަށް ބްލޮކް ކޮށްގެން، ދެން ސާވިސް ރަނގަޅު ވެގެން. މި މެޗުގައި މި ފެނުނީ ރާއްޖޭގެ ރިސީވިން ރަނގަޅުކޮށް. އެ މީހުންގެ ސްޕައިކްތައް ވެސް ފެނުނީ ވަރަށް ވަރުގަދަކޮށް އެ މީހުން މެޗަށް އެނބުރި އަންނަން ފައިޓްކުރާ ގޮތް ވެސް ރަނގަޅުވެއްޖެ." ޖަޔަސޭކަރަ ބުންޏެވެ.

ލަންކާ އާއި ރާއްޖެ ވެސް މި މަހު ކުޅޭ ސެންޓްރަލް ޒޯންގައި ވާދަކުރާނެއެވެ. ރާއްޖެ އާއި ލަންކާ ކުޅޭ އެކުވެރިކަމުގެ ފަހު މެޗު ފަށާނީ މާދަމާރޭ 9 ޖަހާއިރުއެވެ.