ޚަބަރު

ރައީސް، ގާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ކ.ގާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ. ރައީސް ގާފަރަށް ކުރެއްވި ދަތުރުފުޅަކީ މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވެވި ޙަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެންނެވުމަށް އެރަށަށް ކުރެއްވި ދަތުރުފުޅެކެވެ.

ރައީސްގެ އިތުރުން ނައިބްރައީސް ފައިޞަލް ނަސީމް ވެސް ވަނީ މި ޙަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ގާފަރަށް ޒިޔާރަތްކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ގާފަރުގައި ސަރުކާރުން ޤާއިމުކުރައްވާފައިވާ 25 ޓަނުގެ އައިސް ޕްލާންޓް ރަސްމީގޮތުން ވަނީ ހުޅުއްވައިދެއްވާފައެވެ. އެ ސަރަޙައްދުގެ ގިނަ މަސްވެރިންނަށް އައިސް ހޯދުމުގައި އިތުރު ލުއި ފަސޭހަތަކެއް ފޯރުކޮށްދިނުމުގެ ގޮތުން ގާފަރުގައި ޤާއިމުކޮށްފައިވާ 3.5 މިލިއަން ރުފިޔާގެ މި އައިސް ޕްލާންޓަކީ 50 ޓަނުގެ ސްޓޯރޭޖް ކެޕޭސިޓީއާއެކީ ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ފިޝަރީސް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން މިފްކޯއާ ޙަވާލުކޮށްގެން ކުރިޔަށް ގެންދިޔަ މަޝްރޫޢެކެވެ.

މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެ ޖިންސުގެ މީހުންނަށް އަމާޒުކޮށްގެން ގާފަރުގައި ބޭއްވި މަސްކެނޑުމުގެ މުބާރާތް ޝަރަފުވެރި ކޮށްދެއްވައި، މަސްވެރިންގެ ދުވަހާ ގުޅުވައިގެން ކުރިޔަށް ގެންދާ ފިޝަރީޒް އެކްސްޕޯއަށް ޒިޔާރަތްކުރައްވައި، މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ގާފަރުގައި ބޭއްވެވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވާފައެވެ. މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިސަރުކާރުން މަސްވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށް ކޮށްފައިވާ މަސައްކަތްތަކާއި މަސްވެރިކަމުގެ ސިޔާސަތާ ގުޅޭ ގިނަ ވާހަކަފުޅުތަކެއް ރައްޔިތުންނާ ހިއްސާކުރައްވާފައެވެ. އެމަނިކުފާނުގެ އަރިހުގައި ރައީސުލްޖުމްހޫެރިއްޔާގެ ނައިބު ވެސް މި ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގެންފައި ވެއެވެ. އަދި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ގާފަރު ބަނދަރު ސަރަޙައްދުގައި ބިނާކޮށްފައިވާ މޮނިއުމެންޓް ހުޅުއްވައިދެއްވާފައެވެ.

މި ދަތުރުފުޅުގެ ބައެއްގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ ގާފަރުގައި ޤާއިމްކޮށްފައިވާ ޕޮލިސް ޕޯސްޓަށް ޒިޔާރަތްކުރައްވައި އެތަން ބައްލަވާލެއްވުމަށްފަހު، ގާފަރު ކައުންސިލާއި އަންހެންނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވާފައެވެ. އަދި މި ބައްދަލުކޮށްލެއްވުމަށްފަހު، އެމަނިކުފާނު ވަނީ ގާފަރުގެ ހެލްތް ސެންޓރަށް ޒިޔާރާތްކުރައްވާފައެވެ. އެމަނިކުފާނުގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

ކޮންމެ އަހަރެއްގެ ޑިސެންބަރު މަހުގެ 10 ވަނަ ދުވަހަކީ، ދިވެހިރާއްޖޭގެ މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަ ދުވަހެވެ.