ޚަބަރު

ސަންގެ އެކައުންޓްތައް ހިފެހެއްޓީ ރަނގަޅަށް


ނ. އިރުފުށި ރިސޯޓްގެ މައްސަލައިގައި ސަން ޓްރެވަލްސް އެންޑް ޓުއަރސްގެ އެކައުންޓްތައް ހިފަހައްޓަން ސިވިލްކޯޓުން ނެރުނު އަމުރަށް ތާއިދުކޮށް ދަށުކޯޓްގެ ނިންމުން ދަމަހައްޓައިފިއެވެ.

ރައްޔިތުން މަޖިލީހުގެ މީދޫ ދައިރާގެ މެމްބަރު އަހްމަދު ސިޔާމްގެ ސަން ޓްރެވަލް ކުންފުނިން އިރުފުށި ރިސޯޓް ހިންގަން ހިލްޓަނާއި އެކު 2009 ވަނަ އަހަރު އެއްބަސްވިއެވެ. އެހެންނަމަވެސް 2013 ވަނަ އަހަރު އެ އެއްބަސްވުމުން ހިލްޓަން ކުންފުނިން ވަނީ ސިންގަޕޫރުގެ އާބިޓްރޭޝަނަށް އެ މައްސަލަ ހުށައަޅާފައެވެ. އާބިޓަރޭޝަނުން ނިންމީ އެެއްބަސްވުން އުވާލީ ރަނގަޅަށް ނޫންކަމަށާއި އެކަމެއްގެ ބަދަލެއްގެ ގޮތުން 24 މިލިއަން ޑޮލަރު ( 307 މިލިއަން ރުފިޔާ) ދެއްކުމަށް ސަންގެ މައްޗަށް އަމުރުކުރިއެވެ.

އެ އަމުރު ތަންފީޒުކުރުމަށް ހިލްޓަނުން އެ މައްސަލަ ސިވިލް ކޯޓަށް ހުށައެޅިއެވެ. އެކޯޓުން މައްސަލަ ބެލުމަށް ފަހު ރާއްޖޭގެ ބޭންކަތަކަށް އަމުރު ނެރުނީ ސަންގެ އެކައުންޓގައި 28 މިލިއަން ޑޮލަރު ހުރިނަމަ އެ އަދަދު ހިފަހައްޓާށެވެ. އަދި އެއަށްވުރެ މަދުން ހުރި ނަމަ ހުރިހުރިހާ ފައިސާއެއް ހިފެހެއްޓުމަށެވެ.

ދަށުކޯޓުގެ ނިންމުން ސަން ކުންފުނިން އިސްތިއުނާފުކުރި މައްސަލަ ނިންމާ ހައިކޯޓުން އިއްވި ހުކުމުގައިވަނީ ސަން ކުންފުނީގެ އެކުންޓްތަކުގައިވާ ފައިސާ ހިފަހައްޓަން ސިވިލްކޯޓުން އަމުރުކޮށްފައިވާ އިޖުރާއަތުތައް ރަނގަޅު ނޫންކަމަށެވެ. އެހެންނަމަވެސް އެއީ އެ ނިންމުން ބާތިލުކުރެވޭނެ ސަބަބެއް ނޫންކަމަށްވެސް މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަގުލަބިއްޔައްތުން ވަނީ ނިންމާފައެވެ. ދަށު ކޯޓްގެ ހުކުމް ދެމެހެއްޓުމަށް ހައިކޯޓުން ނިންމާފައިވަނީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުންނެވެ.

ރައުޔު ތަފާތުވި ފަނޑިޔާރުގެ ނިންމުމުގައިވަނީ އާބިޓަރޭޝަނެއްގެ ނިންމުން ރާއްޖޭގައި ތަންފީޒުކުރެވޭނީ އެ ނިންމުމެއް ރާއްޖޭގެ ކޯޓަކުން ބަލައިގަތުމުން ކަމަށެވެ. އެހެންކަމުން ސިވިލްކޯޓުގެ ނިންމުން ބާތިލުކުރަންޖެހޭކަމަށް އެ ފަނޑިޔާރުގެ ރައުޔުގައިވެއެވެ.