ޚަބަރު

ކޮއެލް އައިވެއާ "ރަން އަކިރި ސީރީސް" ރަސްމީކޮށް ލޯންޗްކޮށްފި


ކޮއެލް ހޯލްޑިންގސް އިން އިންތިޒާމްކޮށްގެން ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި، ކޮއެލް އައިވެއާ ބްރޭންޑްގެ "ރަން އަކިރި ސީރީސް" ރަސްމީކޮށް ލޯންޗްކޮށްފިއެވެ.

މި ރަސްމިއްޔާތު އިފްތިތާޙުކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މައުސޫމާއި މިނިސްޓްރީ އޮފް ހެރިޓޭޖް، އާޓްސް އެންޑް ކަލްޗަރގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ތާރިޤެވެ.

ކޮއެލް ހޯލްޑިންގސްއިން ކޮއެލް އައިވެއާގެ "ރަން އަކިރި ސީރީސް"ގެ އެންމެ ފުރަތަމަ އުފެއްދި މޮޑެލްތައް ވަނީ މިނިސްޓްރީ އޮފް ހެރިޓޭޖް، އާޓްސް އެންޑް ކަލްޗަރއަށް ހަދިޔާކޮށްފައެވެ. މީގެ އިތުރުން މިރަސްމިއްޔާތުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް އެ މޮޑެލްތައްވަނީ ދައްކާލާފައެވެ.

ދިވެހިރާއްޖޭގެ އަމިއްލަ އުފެއްދުމެއްކަމަށްވާ ކޮއެލް އައިވެއާގެ "ރަން އަކިރި ސީރީސް"އަކީ އެފްޑީއޭ އަދި އައިއެސްއޯގެ ހުއްދަ ލިބިފައިވާ ކޮލިޓީ ބްރޭންޑެއްކަމަށް، ކޮއެލް ހޯލްޑިންގސްގެ މެނޭޖިންގ ޑިރެކްޓަރ ޝާޖިން ހަބީބް ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖޭގައި ފަރުމާކޮށްގެން އުފެއްދި މި ބްރޭންޑަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްކަމަށާ، ދިވެހިންނަކީ އަމިއްލަ އުފެއްދުންތައް އުފައްދައިގެންވެސް ކުރިއަށް ދެވޭނެ ބައެއްގެ ގޮތުގައިވެސް ޝާޖިން ވަނީ ފާހަގަކުރައްވާފައެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މައުސޫމް ވިދާޅުވީ، ޓޫރިޒަމް ދާއިރާއަކީ ދިވެހިރާއްޖޭގެ އެންމެ މުހިންމު އެއް ސިނާޢަތްކަމަށެވެ. އަދި އެސިނާޢަތް ކުރިއެރުވުމަށްޓަކައި ރާއްޖޭގެ އަމިއްލަ އުފެއްދުންތަކުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ރާއްޖޭގައި ފަރުމާކޮށްގެން ނެރުނު އައިނު ސީރީޒްއަކީ ރާއްޖޭގެ ތާރީޚުގައި ފާހަގަކުރެވިގެންދާނެ ކަމެއްގެގޮތުގައިވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

ކޮއެލް އައިވެއާ "ރަން އަކިރި ސީރީސް"އަކީ ދިވެހިވަންތަކަން ދައްކުވާދޭ ފަރުމާކުރުންތަކުން ތައްޔާރުކޮށްފައިވާ އުފެއްދުންތަކެކެވެ. އޭގެ ތެރޭގައި 3 ވައްތަރެއްގެ އައިނެއް ހިމެނެއެވެ. އެއީ "ސަރަނގު"ގެ ނަމުން ނަން ދެވިފައިވާ ރާއްޖޭގެ އެންމެ މަޤްބޫލް އަތްތެރި މަސައްކަތްކަމަށްވާ ލިޔެލާޖެހުމުން، ފަރުމާކުރެވިފައިވާ އައިނެކެވެ. ދެވަނައަށް "މަރިޔަނބު"ގެ ނަމުން ނަން ދެވިފައިވާ އައިނަކީ އަންހެނުންނަށް ޚާއްސަކޮށް ފަރުމާކޮށްފައިވާ އައިނެކެވެ. ތިންވަނައަށް "ދޮހޮއްކޮ"ގެ ނަމުން ނަން ދެވިފައިވާ އައިނަކީ ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނައިފަރު ދޮހޮއްކޮގެ ހަނދާނުގައި ފަރުމާކޮށްފައިވާ އައިނެކެވެ. މީގެން ކޮންމެ އައިނަކީވެސް އޭގެން ތަފާތު ވާހަކަތަށް ކިޔައިދޭ ފަރުމާތައް ހުރި އުފެއްދުންތަކެކެވެ.