ޚަބަރު

ކުޑަކުދިންނާ ގުޅޭ މައްސަލަތަކަށް އިޖާބަދިނުމުގައި، އެކުދިންގެ އަޑު އިއްވަން ފުރުޞަތުދީ: ފަޒްނާ


ކުޑަކުދިންނާ ގުޅޭ މައްސަލަތަކަށް އިޖާބަދިނުމުގައި، އެކުދިންގެ އަޑު އިއްވަން ފުރުޞަތުދީ، އެ ކުދިން ތަމްސީލުކުރެވޭކަން ކަށަވަރުކުރަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ޔުނިސެފަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި ވަރޗުއަލްކޮށް ބުރާސްފަތިދުވަހު ހެނދުނު ބޭއްވި "ރީއިމޭޖިނިންގ އޮޕޮރޗުނިޓީސް ފޯ ޗިލްޑްރަން އިން ސައުތު އޭޝިއާ" އިވެންޓުގައި ދެއްވި ވީޑިއޯ މެސެޖެއްގައެވެ.

ދެކުނު އޭޝިޔާގައި ހުންނަ ޔުނިސެފްގެ ސަރަޙައްދީ އޮފީހުން އިންތިޒާމްކޮށްގެން ބޭއްވި މި ހައި-ލެވެލް އިވެންޓުގައި، މި ސަރަޙައްދުގެ ސަރުކާރުތަކުން ވީޑިއޯ މެސެޖްތައް ހުށަހެޅިއިރު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެސެޖް ދެއްވާފައި ވަނީ ކުޑަކުދިންގެ ޙައްޤުގައި މަސައްކަތްކޮށް ވަކާލާތުކުރައްވާ ބޭފުޅެއްގެ ހައިސިއްޔަތުންނެވެ.

ޔުނިސެފުން ރާއްޖޭގައި ހަރަކާތްތެރިވާން ފަށާފައި ވަނީ މީގެ 43 އަހަރު ކުރިން ފެށިގެންނެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިގޮތުގައި އޭގެފަހުން، ރާއްޖެ ވަނީ ވަރަށް ދިގު ރާސްތާއެއް ކަޑައްތުކޮށް، އަދި މިހާރު ވަނީ ފަށާ ތަޢުލީމުގެ ތެރެއަށް 100 އިންސައްތައާ ގާތްކުރާ އަދަދަކަށް ކުދިން ވަންނަންފަށާފައެވެ. އަދި 2019 ވަނަ އަހަރާ ހަމައަށް އައިރު ވިހެއުމުގެ ތެރޭގައި ކުދިން މަރުވާ ނިސްބަތް ދަށްކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ. ރާއްޖެވެސް ހިމެނޭގޮތުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ޒުވާން ކުދިން، ދުޅަހެޔޮ، ތަޢުލީމީ، އަދި ބާރުވެރި ބަޔަކަށް ހެދުމުގައި ޔުނިސެފުން ވޭތުވެދިޔަ އަހަރުތަކުގައި މުހިންމު ދައުރެއް އަދާކޮށްފައިވާކަން ފަޒްނާ ފާހަގަ ކުރެއްވިއެވެ.

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާއި، ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ ސަބަބުން ކުޑަކުދިންނަށް އެކުދިންގެ އަޑު އުފުލުމަށާއި އެކުދިންނަށް އަސަރުކުރާ ފަދަ ނިންމުންތައް ނިންމުމުގައި ބައިވެރިވުންލިބޭ ރައްކާތެރި ޕްލެޓްފޯމެއް ޤާއިމުކުރުމަށް ލާޒިމުކޮށް އަދި ކުޑަކުދިންނަށް މަރުގެ އަދަބު ދިނުން މަނާކުރެވި، ކުޑަކުދިން ލައްވައި މަސައްކަތް ކުރުވުމާއި، ކުޑަކުދިންނާ ކައިވެނިކުރުން ވެސް މަނާކުރެވިފައިވާ ކަމުގައި އެކަމަނާ ވިދާޅުވިއެވެ.

އަދި ތަޢުލީމުގެ ޤާނޫނުގެ ސަބަބުން " އިންކްލޫސިވް އެޑިއުކޭޝަން" ގެ މުހިންމުކަން އެނގިގެންދާކަން އެކަމަނާ ފާހަގަކުރެއްވިއެވެ. މި ދާއިރާއިން ރާއްޖެއަށް މިހާރު ހޯދިފައިވާ ކާމިޔާބީތައް ހޯދުނީ ޔުނިސެފްގެ އިސްދައުރެއް އެކަމުގައި ހިމެނޭތީކަން ފާހަގަކުރައްވައި އަދި ވެސް މިކަމުގައި އިތުރަށް ކުރަންޖެހޭ ކަންކަން އެބަހުރިކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

" ކޯވިޑުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، އެތައް މިލިއަން ކުޑަކުދިންނެއް ޞިއްޙީ ޚިދުމަތްތަކާއި ތައުލީމުގެ ޙައްޤުން މަޙްރޫމު ވަމުންދާކަމަށާއި މި މައްސަލަތަކަށް ހައްލު ހޯދައި، ކޮންމެ ކުއްޖަކަށް ވެސް އެކަށީގެންވާ ޞިއްޙީ ފަރުވާ އާއި ވެކްސިން އަދި ތައުލީމު ލިބޭނެ މަގު ތަނަވަސްކޮށްދޭން ޖެހޭ."ރައީސްގެ އަނބިކަނބަލުން ފަޒުނާ ވިދާޅުވިއެވެ.

އެކަމަނާގެ ވާހަކަފުޅުގައި މުސްތަޤްބަލުގެ ޖީލުތަކާހަމައަށް ވާޞިލުވާނީ މިއަދުގެ ޖީލުތަކުން އަމަލުކުރާ ނުވަތަ ނުކޮށްދޫކޮށްލާ ކަންކަމުގެ ނަތީޖާތައްކަން ފާހަގަކުރައްވައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރާ މަސައްކަތްތަކަށާއި، އެނޫންވެސް ސީދާ ގޮތުން ކުޑަކުދިންނާ ގުޅޭ މައްސަލަތަކަށް އިޖާބަދިނުމުގައި، އެކުދިންގެ އަޑު އިއްވަން ފުރުޞަތުދީ، އެ ކުދިން ތަމްސީލުކުރެވޭކަން ކަށަވަރުކުރަން ޖެހޭކަން ފާހަގަކުރެއްވިއެވެ.