ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫގެ ބޮޑެތި މަގުތައް ހެދުމުގެ މަސައްކަތް ފަށްޓަވައިފިއެވެ. މޯލްޑިވްސް ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަނާ ޙަވާލުކުރައްވައިގެން ސަރުކާރުން ކުރިއަށް ގެންދަވާ ތިނަދޫ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން 9 މަގެއް ހެއްދެވުމަށް ހަމަޖެހިފައިވެއެވެ. މިމަސައްކަތް އަންނަ އަހަރު ޖުލައި މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އެމް.އާރު.ޑީ.ސީން ބުނެއެވެ.ގދ. ތިނަދުއަކީ ރާއްޖޭގެ ދެކުނުގެ އާބާދީ ބޮޑު ރަށްތަކުގެ ތެރެއިން ރަށެކެވެ. ތަރައްޤީގެ ކަންކަން ވަރަށް ބާރަށް ކުރިއަށްދާ ރަށެކެވެ. އެހެންކަމުން މީގެ އަހަރުތަކެއް ކުރިންފެށިގެންވެސް ތިނަދޫގައި ގިނަ ޢަދަދެއްގެ އެއްގަމު އުޅަނދުފަހަރު ދުއްވަމުންދެއެވެ. މިކަމުގެ ސަބަބުން ރަށުގެ މަގުތަކުގައި ވަޅުގަނޑުތައް ހެދި، ވާރޭވެހުމުން ފެންބޮޑުވެ، އެފެން ނުހިންދި ގިނަ ދުވަސްތަކަކަށް އޮންނަގޮތް ދިމާވެއެވެ. ހިނގާބިނގާވެ އުޅުމަށާއި، ޚާއްޞަކޮށް އެއްގަމު އުޅަނދުފަހަރު ދުއްވުމަށް މިކަމުގެ ސަބަބުން ވަނީ ވަރަށް ބޮޑަށް ދަތިވެފައެވެ. މިމައްސަލައަށް ޙައްލެއް ހޯއްދަވައިދެއްވުމަށް ސަރުކާރުން މިހާރު ވަނީ ތިނަދޫގެ 9 މަގެއް ތާރުއަޅައިގެން ރަނގަޅު ފެންވަރަކަށް ހެއްދެވުމުގެ މަސައްކަތް ފަށްޓަވާފައެވެ.މަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދަވަނީ މޯލްޑިވްސް ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރެޝަނާ ޙަވާލުކުރައްވައިގެނެވެ. އެ ކުންފުނީގެ ޕްރޮޖެކްޓް އޮފިސަރ އިކްލީލް އާދަމް ވިދާޅުވީ، ތިނަދޫ ޣާޒީ މަގާއި މިސްކިތް މަގުގައި ކާނު ހެދުމާއި މަގާއި ދުވާރު ވަކިކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި، މިހާރު ކުރިއަށްދަނީ އެ ދެމަގުގެ ފަސްގަނޑު އެއްވަރުކުރުމުގެ މަސައްކަތް ކަމަށެވެ.ތިނަދޫ ކައުންސިލްގެ ނައިބު ރައީސް އިބްރާހީމް އައްސަދު ވިދާޅުވީ އެރަށުގެ މަގުތައް ނުހެދި ހުރުމުގެ ސަބަބުން ތަރައްޤީގެ ގޮތުން ގިނަ ޕްރޮޖެކްޓްތަކެއް އެރަށުގައި ކުރިއަށް ދިޔަނަމަވެސް އެކަމުގެ ރީތިކަން ފެންނަމުން ނުދާކަމަށެވެ. އަދި މަގުތަކުގައި ވަޅުގަނޑުތައް ހެދިފައި ހުރުމުގެ ސަބަބުން އެކަން ރަނގަޅުކުރުމަށް ކޮންމެ އަހަރަކުވެސް ރަށު ކައުންސިލްގެ ބަޖެޓުން ބޮޑު ޚަރަދެއް ހޭދަވާކަމަށެވެ.މަގުތައް އެންމެ ގިނައިން ބޭނުންކުރާ ޢާންމު ފަރާތްތަކުން ބުނީ ރަށުގެ މަގުތައް ހުންނަ ގޮތުން ވަރަށް ގިނަ ދަތިތަކާ ކުރިމަތިވަމުންދާކަމަށާއި، އެމަގުތައް ރަނގަޅު ފެންވަރަކަށް ހެދިގެންދިޔުމުން ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ.ތިނަދޫގައި ހަދަމުންދާ 8.1 ކިލޯ މީޓަރުގެ މަގުތައް އަންނަ ޖުލައި މަހުގެ ނިޔަލަށް ނިންމެވުމުގެ މަސައްކަތް ކުރަމުންދާއިރު، މިހާރު ހަދަމުންދާ މައި މަގުގައި ހުރި ސްކޫލްތައް ހުޅެވެން ވާއިރަށް ނިންމުމަށް މަސައްކަތް ކުރިއަށްގެންދާ ފަރާތުން އަންނަނީ މަސައްކަތް ކުރަމުންނެވެ.