ވިޔަފާރި

ޔޫއެސްޓީއޯއޭ 2021 ގައި އެމްއެމްޕީއާރްސީން ބައިވެރިވެއްޖެ


އެމެރިކާގެ ޓޫއާ އޮޕަރޭޓަރސް އެސޯސިއޭޝަން (ޔޫއެސްޓީއޯއޭ) 2021ގެ އަހަރީ ބައްދަލުވުމުގައި ރާއްޖެ މިސަރަހައްދުގެ ފަތުރުވެރިންނަށް އިޝްތިހާރުކޮށްފިއެވެ.

ޔޫއެސްޓީއޯއޭގެ އަހަރީ ބައްދަލުވުމާއި މާކެޓް ހަރަކާތަކީ 1972 އިން ފެށިގެން އެމެރިކާގައި ބާއްވާ މިފަދަ އެންމެ ބޮޑު އެއް ބައްދަލުވުމެވެ. މި ބައްދަލުމުގައި އެމެރިކާ ސަރަހައްދުގެ ޓުއަރ އޮޕަރޭޓަރުންނާއި، ޓްރެވެލް ކުންފުނިތަކާއި، މިސަރަހައްދުގައިވެސް އަދި ދުނިޔޭގައިވެސް ފާހަގަކޮށްލެވޭ މިދާއިރާގެ ތަޖުރިބާކާރުން މި ކޮންފަރެންސްގައި ބައިވެރިވެއެވެ. މި އަހަރުގެ ކޮންފަރެންސް ކުރިއަށް ދަނީ ކެލިފޯނިއާގެ ސެން ޑިއޭގޯގެ މެންޗެސްޓަރ ގްރޭންޑް ހަޔަޓް ހޮޓަލުގައެވެ.

މިމަހުގެ 7 އިން 10 އަށް ކުރިއަށް ގެންދާ މި ބައްދަލުވުމުގައި މިދާއިރާގެ 700 އަށް ވުރެ ގިނަ ތަޖުރިބާކާރުންނާއި މަސައްކަތް ކުރާ ފަރާތްތަކުން ބައިވެރިވެރިވެއެވެ. މިއީ އެމެރިކާ ސަރަހައްދުގެ ފަތުރުވެރިންނަށް ރާއްޖެ އަކީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކޮށްދީ ރާއްޖޭގެ ފަތުރުވެރިކަމުގެ މައި ހަތަރު ޕްރޮޑަކްޓު ކަމުގައިވާ ގެސްޓް ހައުސް ފަތުރުވެރިކަން، ރިސޯޓު، ލިވަބޯޑު އަދި ހޮޓަލްތައް ޕްރޮމޯޓް ކުރުމަށް އެމްއެމްޕީއާރްސީން ބައިވެރިވާ ހަރަކާތެކެވެ. މީގެއިތުރުން ރާއްޖޭގައި މައިސް ޓުއަރިޒަމަށް އޮތް ފުރުސަތުތަކާއި ގުޅޭ މައުލޫމާތުވެސް އެމްއެމްޕީއާރްސީން ހިއްސާ ކުރާނެއެވެ.

އެމްއެމްޕީއާރްސީން ބުނާ ގޮތުގައި، މި ހަރަކާތަކީ އެމެރިކާ ސަރަހައްދުގައި ރާއްޖެ އިޝްތިހާރު ކުރުމަށް އެކުންފުނިން ކުރިއަށް ގެންދާ ހަރަކާތެކެވެ. އެގޮތުން މި ސަރަހައްދުގެ ފަތުރުވެރިންނަށް ރާއްޖެ ޕްރޮމޯޓު ކުރުމަށް އޮންލައިން އެކްސްޕީޑިއާ، ޓާޕް އަދި އަސްޓާގެ އޮންލައިން ވެބިނާ ތަކުގައި ބައިވެރިވުމާއި، ފެމިލަރައިޒޭޝަން ޓްރިޕްތަކުގައި ބައިވެރިވުމުގެ އިތުރުން އައިއެލްޓީއެން ނޯތު އެމެރިކާ އާއި ޑެމާ ޝޯވްގައި އެމްއެމްޕީއާރްސީން ބައިވެރިވެއެވެ.

ރާއްޖެއަށް މިހާތަނަށް 1.1 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު، މި މާކެޓަކީ ރާއްޖެއަށް 4 ވަނައަށް އެންމެ ގިނަ މީހުން މިއަހަރު އައި މާކެޓެވެ. އެގޮތުން މި ހަފްތާގެ ބުދަ ދުވަހާއި ހަމައަށް ޓުއަރިޒަމް މިނިސްޓްރީން ނެރެފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މި ސަރަހައްދުން 50،438 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.